09 ޑިސެމްބަރ 2020 - 00:15

ކޮވިޑް-19 ގެ ސަބަބުން ރާއްޖޭގެ އިގުތިސާދަށް ކުރިމަތިވެފައިވާ އަޑިގުޑަންތަކުން އަރައިގަތުމަށް ނޫސްވެރިންގެ ދައުރު ވަރަށް މުހިއްމު ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު މިރޭ ވިދާޅުވެއްޖެ އެވެ.
މޯލްޑިވްސް މީޑިއާ ކައުންސިލް (އެމްއެމްސީ) އިން ބޭއްވި މިދިޔަ އަހަރުގެ ނޫސްވެރިކަމުގެ އިނާމު ދިނުމުގެ ޖަލްސާގައި ރައީސް ދެއްވި ވީޑިއޯ މެސެޖުގައި ވިދާޅުވީ މިހާރު ކުރިމަތިލާން ޖެހިފައިވާ އެއް ކަމަކީ ކޮވިޑްގެ އަޑިގަނޑަށްފަހު ރާއްޖޭގެ އިގުތިސާދު އަލުން ކޮޅަށްޖެހުމުގެ މަސައްކަތް ކަމަށެވެ.
އެއީ ވެސް، ގައުމީ ފެންވަރުގައި ވަރަށް ހާއްސަ އިސްކަމެއް ދޭންޖެހިފައިވާ ކަމެއްކަމަށާއި ކޮވިޑްގެ ބަލިމަޑުކަމުގެ ތެރޭގައި ރައްޔިތުން ހޭލުންތެރިކުރުވަން ނޫސްވެރިން އަދާކުރެއްވި ދައުރަށްވުރެ ވެސް، ފުޅާ ދައުރެއް އެކަމުގައި އަދާކުރައްވާނެ ކަމަށް އުއްމީދުކުރައްވާ ކަމަށް ވިދާޅުވި އެވެ.
"މި ޒަމާނުގެ ނޫސްވެރިކަމަކީ މުޖުތަމައުގެ ކަންކަން ބޭނުން މިސްރާބަކަށް ބަދަލުކޮށްލުމުގައި ވަރަށް މުހިއްމު ދައުރެއް އަދާކުރާ ވަސީލަތެއް. ހަމަ އެފަދައިން، އިންފޮމޭޝަން ޓެކްނޮލޮޖީގެ އޮއިވަރުގައި ވަރަށް ހަލުވިކަމާއެކު، މުޖުތަމައަށް ފެތުރި ގަންނަ އެއްޗެއްވެސްމެ. އެހެންކަމުން، ނޫސްވެރިޔާގެ އަތުން ނޫސްވެރިކަމުގެ ހަގީގީ ލަގަން ދޫވެއްޖެނަމަ، ނޫސްވެރިކަމުން މުޖުތަމައަށް ލިބެންޖެހޭ ފައިދާއަށްވުރެ ލިބޭ ގެއްލުން ބޮޑުވުމަކީ އެކަށީގެންވާ ކަމެއް،" އެމަނިކުފާނު ވިދާޅުވި އެވެ.
އިރެއްގައި ގައުމުގައި ހުރި އިޖުތިމާއީ ބޮޑެތި މައްސަލަތައް ހައްލުކުރަން މަސައްކަތްކުރުމަކީ ވެސް ނޫސްވެރިންގެ ޒިންމާއެއްކަން ފާހަގަކުރައްވައި ރައީސް ވިދާޅުވީ މަސްތުވާތަކެތީގެ މައްސަލަތަކާއި ހަރުކަށި ފިކުރުގެ މައްސަލައަކީ ހައްލު ހޯދަންޖެހިފައިވާ އިޖުތިމާއީ ބޮޑެތި މައްސަލަތައް ކަމަށެވެ.
މިރޭގެ ޖަލްސާގައި ވެސް، ވަގަށް ނަގާފައިވާ ނޫސްވެރިޔާ ރިލްވާން އަހުމަދާއި މަރާލާފައިވާ ބްލޮގަރު ޔާމީން ރަޝީދުގެ ހަނދާންތައް އާކުރައްވައި، އެ ދެ މީހުންނަށް އިންސާފު ހޯދައިދިނުމަށް ސަރުކާރުން މަސައްކަތް ކުރަމުން އަންނަކަމަށް ވިދާޅުވި އެވެ. އެއީ އުނދަގޫ މަސައްކަތަކަށް ވިއަސް ނުހުއްޓި އެކަން ކުރިއަށްދާ ކަމަށް ވިދާޅުވި އެވެ.