09 ޑިސެމްބަރ 2020 - 01:06

މޯލްޑިވްސް މީޑިއާ ކައުންސިލް (އެމްއެމްސީ) އިން ދޭ ނޫސްވެރިކަމުގެ އެވޯޑު، މި އަހަރު ހަތަރު ދާއިރާއަކުން "މިހާރު"ގެ ނޫސްވެރިންނަށް ލިބިއްޖެ އެވެ.

އެެއީ ކުޅިވަރާއި އެންމެ މޮޅު ފިޗާ ކެޓަގަރީން މުހައްމަދު ހަމްދޫނާއި ޝަރުއީ އަދި ގާނޫނީ ދާއިރާ އިން މުއިއްޒު އިބްރާހީމާއި ފޮޓޯގްރަފީގެ ދާއިރާއިން ނިޝާން އަލީ އެވެ.

މިދިޔަ އަހަރު އެންމެ ގިނަ އެވޯޑު ހޯދި "މިހާރު" ނޫހަށް ހަތަރު ކެޓަގަރީއަކުން މި އަހަރު އެވޯޑު ލިބުނުއިރު، ފަސް ކެޓަގަރީއަކުން ޖުމްލަ ނުވަ ނޫސްވެރިއަކު ނޮމިނޭޓްވި އެވެ. އެއީ އިޖުތިމާއީ ދާއިރާއިން އަހުމަދު ސާއިލް އަލީ އާއި އާސިމާ ނިޒާރާއި ކުޅިވަރު ދާއިރާއިން އައްޒާމް އަލިފުޅާއި މުހައްމަދު ހަމްދޫން، ފޮޓޯގްރަފީގެ ދާއިރާއިން ނިޝާން އަލީ އާއި ހުސެއިން ވަހީދު، ފީޗާ ލިޔުމުގެ ދާއިރާއިން މުހައްމަދު ހަމްދޫން އަދި އާސިޔަތު މުހައްމަދު ސައީދުގެ އިތުރުން ޝަރުއީ ދާއިރާއިން މުއިއްޒު އިބްރާހިމެވެ.

މި އަހަރު އަލަށް ތައާރަފްކުރި ތަހުގީގީ ނޫސްވެރިކަމުގެ ކެޓަގަރީން އެވޯޑު ހޯދާފައިވަނީ ސަން އޮންލައިންގެ ނޫސްވެރިޔާ މުހައްމަދު މުޒައްޔިން ނާޒިމެވެ. އޭނާ ވަނީ އެންމެ އުއްމީދީ ނޫސްވެރިޔާގެ މަގާމު ވެސް ހާސިލްކޮށްފަ އެވެ. އިޖުތިމާއީ ދާއިރާއިން ސަން އޮންލައިންގެ ނޫސްވެރިޔާ ޝަފްނާ ހުސެއިން، ސިޔާސީ ދާއިރާއިން އަވަސް އޮންލައިންގެ ވިޝާމް މުހައްމަދު، ޝަރުއީ ދާއިރާއިން މުއިއްޒު އިބްރާހިމް، ތިމާވެއްޓާއި ދެމެހެއްޓެނިވި ތަރައްގީގެ ދާއިރާއިން އީމާން އަންވަރު، ވިޔަފާރިއާއި އިގުތިސޯދުގެ ދާއިރާއިން އަވަސް އޮންލައިންގެ މުހައްމަދު އަފްރާހު، ވިޔަފާރި އާއި އިގުތިސޯދުގެ ދާއިރާއިން ބްރޯޑްކާސްޓް ކެޓަގަރީން ސިމާހާ ނަސީމް، ފީޗަ އާޓިކަލް ޓީވީ އަދި ވީޑިއޯ ޖާނަލިޒަމްގެ ދާއިރާއިން ވީޓީވީގެ ޝުރުފާ މުހައްމަދު ވަނީ އިނާމު ހޯދައިފަ އެވެ.
އެ ކެޓެގަރީތަކުން އިނާމު ހާސިލްކުރި ނޫސްވެރިންނަށް އެމްއެމްސީގެ އެވޯޑާއި ފައިސާ އިނާމުގެ އިތުރުން ދެ މީހަކަށް ސަބްމެރިން ދަތުރެއް ހުށަހަޅާފައި ވެ އެވެ.