އަތުލައިގަތް 71 ކިލޯ ޑްރަގްސްގެ އަގު 71 މިލިއަން ރުފިޔާއަށް އަރާ
އަތުލައިގަތް 71 ކިލޯ ޑްރަގްސްގެ އަގު 71 މިލިއަން ރުފިޔާއަށް އަރާ

ފުލުހުން ހިންގި މަސްތުވާތަކެތީގެ ބޮޑު އޮޕަރޭޝަންގައި މިއަދު އަތުލައިގަތް 71 ކިލޯގެ ހެރޮއިންގެ މަގުމަތީ އަގު 71 މިލިއަން ރުފިޔާއަށް އަރާ ކަމަށް ޕޮލިސް ކޮމިޝަނަރު މުހައްމަދު ހަމީދު މިއަދު ވިދާޅުވެއްޖެ އެވެ.

ޕޮލިސް ކޮމިޝަނަރު ވަނީ ފުލުހުން އަތުލައިގަތް މަސްތުވާތަކެތީގެ ފޮޓޯތަކެއް ވެސް އާއްމުކޮށްފަ އެވެ.

އޭނާ ވިދާޅުވި ގޮތުގައި ޖިނާއީ އަދުލުގެ ނިޒާމުގެ ތެރެއިން ކުރިމަތިވާ ދަތިތަކާ އެކުގައި ވެސް މަސްތުވާތަކެތި ޓްރެފިކް ކުރުން ހުއްޓުވަން ފުލުހުން މަސައްކަތްކުރާނެ އެވެ. މި މަސްތުވާތަކެތި އެތެރެކުރި ކަމަށް ތުހުމަތުކުރެވޭ 10 މީހަކު ވަނީ ހައްޔަރުކޮށްފަ އެވެ.

ފުލުހުން ބުނިގޮތުގައި މަސްތުވާތަކެތި ހުރީ ދެ ސޫޓްކޭހާއި ދެ ގޯނީގަ އެވެ. ސޫޓް ކޭސްތަކުން ހަ ކިލޯގެ މަސްތުވާތަކެތި އަތުލައިގަތްއިރު، ކާރުތެެރެއިން އަތުލައިގަތް މަސްތުވާތަކެތި އަޅާފައި ހުރީ ގޯންޏަށެވެ. މިތަކެތި ހިފައިގެން ދަތުރުކުރި ކާރު ފަރީދީ މަގުން ހުއްޓުވައި ގިނައިރުތަކެއް ވަންދެން ފާސްކޮށް، ފޮރެންސިކް ތަހުލީލްތައް ކުރިއަށް ގެންދިޔަ އެވެ.

އެނގިފައިވާ ގޮތުގައި މީގެ ހަފުތާއެއްހާ ދުވަސްކުރިން ފުލުހުން ކަނޑުމަތިން ފާރަލަމުން އައި މި މަސްތުވާތަކެތި މާލެ އަށް ބާލައި ކާރަށް އަރުވާފައި ދުއްވަން ފެށިތަނުން އެ ކާރު ފުލުހުން ހުއްޓުވީ މިއަދު މެންދުރެއްހާ އިރެވެ.

މިއީ، މާލެ އިން އެއްފަހަރާ އަތުލައިގަތް އެންމެ ގިނަ އަދަދުގެ މަސްތުވާތަކެތީގެ ތެރޭގައި ހިމެނޭނެ މައްސަލައެކެވެ. މީގެ ކުރިން ފުލުހުން ވަނީ 100 ކިލޯގެ މަސްތުވާތަކެތި ވެސް އަތުލައިގެންފަ އެވެ.