04 ނޮވެމްބަރ 2016 - 12:15

އިސްތަންބޫލް، ތުރުކީ (ނޮވެމްބަރު 4) – ޔުރޮޕާ ލީގުގައި ރޭ ތުރުކީގެ ފެނަބާޗޭ އަތުން 2-1 އިން މެންޗެސްޓާ ޔުނައިޓެޑް ބަލިވި މެޗު އެ ޓީމުގެ ކުޅުންތެރިން ނެގީ، ޕްރީ ސީޒަން ފްރެންޑްލީ މެޗެއްގެ ގޮތުގައި ކަމަށް ބުނެ ޔުނައިޓެޑުގެ ކޯޗު ހޯސޭ މޮރީނިއޯ ހިތްހަމަނުޖެހުން ފާޅުކޮށްފި އެވެ.
ރޭގެ މެޗުން ބަލިވުމާ އެކު ޔުނައިޓެޑް ވަނީ ގްރޫޕުގެ ތިން ވަނަ އަށް ވެއްޓިފަ އެވެ. އެއް ވަނައިގައި އޮތް ފެނަބާޗޭ އާއި ދެ ވަނައިގައި އޮތް ފެޔަނޫޑަށް ހަތް ޕޮއިންޓް ލިބިފައިވާއިރު ޔުނައިޓެޑް އަތުގައި އޮތީ ހަ ޕޮއިންޓެވެ. ބާކީ ދެ މެޗު އޮތްއިރު ޔުނައިޓެޑަށް ދެ ވަނަ ބުރަށް ދިއުމަށް ދެން އޮތީ އުނދަގޫ މަސައްކަތެކެވެ.
މި ސީޒަނަށް ބޮޑެތި ހަރަދުތަކެއް ކުރި ޔުނައިޓެޑް އެންމެ ފަހުން ކުޅުނު ހަތް މެޗުގެ ތެރެއިން މޮޅުވެވުނީ އެންމެ ދެ މެޗުންނެވެ. ރޭގެ މެޗުގެ ދެ ވަނަ މިނެޓުގައި ފެނަބާޗޭ އިން ވަނީ މޫސާ ސޯގެ ލީޑު ނަގައިފަ އެވެ. އެ ޓީމުން 59 ވަނަ މިނެޓުގައި ޖާމެއިން ލެންސްގެ ލަނޑުން ލީޑު ފުޅާކުރިއިރު ޔުނައިޓެޑުގެ ހަމައެކަނި ގޯލް ފަހު މިނެޓުގައި ޖެހީ ކެޕްޓަން ވޭން ރޫނީ އެވެ.
"މެޗު ފަށައިގެން ދެ ވަނަ މިނެޓުގައި ގޯލެއް ވަންނާނީ ތައްޔާރުވެފައި ނެތް ޓީމެއްގެ ކޮޅަށް. ނަފްސާނީ ގޮތުން ވެސް ތައްޔާރުނުވެ އަދި މެޗަށް އެއްވެސް ވަރަކަށް ސަމާލުކަން ދެވިފައި ނެތީމާ އެހެންވާނީ،" މޮރީނިއޯ ބުންޏެވެ. "އިދިކޮޅު ޓީމުން ކުޅެމުން ދިޔައީ ޗެމްޕިއަންސް ލީގު ފައިނަލުގައި. އަހަރެމެންގެ ވިސްނުމުގައި އަހަރެމެން ކުޅެމުން ދިޔައީ ފްރެންޑްލީ މެޗެއް. މިއީ ހަގީގަތަކީ."
މޮރީނިއޯ ބުނީ ފެނަބާޗޭ އަށް މޮޅެއް ހައްގު ކަމަށާއި ފުޓްބޯޅަ އަކީ ހަމައެކަނި ހުނަރެއް ނޫން ކަމަށާއި އޭގެ ތެރޭގައި މަސައްކަތް ކުރުމާއި މޮޅުވާން ބޭނުންވުން ވެސް ހިމެނޭ ކަމަށެވެ.
"މޮޅުވާން ބޭނުމިއްޔާ އެބަޖެހޭ 90 މިނެޓު އެއްވާނެއްގައި، އެންމެ މަތީ ފެންވަރުގައި މަސައްކަތުގެ ރޭޓު ބަހައްޓަން،" މޮރީނިއޯ ބުންޏެވެ. "ރޭގެ މެޗުން ފެނިގެން ދިޔަ ހަމައެކަނި ޕޮޒިޓިވްކަމަކީ ރޫނީ ލަނޑެއް ޖެހުން."