ފަލީހަތް
ފަލީހަތް

ޓޯސްޓަރުން ޕާންފޮތި އެރި އިރު ދީމާ ހުރީ ސައިތަށި ގިރާށެވެ. ދީމާގެ ކަޅި ހުރީ ފާރުގައި ހުރި ގަޑީގައި ތަތްވެފައެވެ. ދެ ފިރިހެން ދަރިން ރޮށްޓާއި ނަޓެއްލާ ކާން ތިއްބެވެ. އުމުރުން ފަސް އަހަރާއި ތިން އަހަރުގެ ދެ ކުދިންނަކީ ދީމާގެ ހިތުގެ ވިންދެވެ. ދެން ހުރީ ދީމާގެ ފިރިމީހާ ޒިޔާންއެވެ. ޒިންމާދާރު، ހަރުދަނާ ފިރިޔެކެވެ. އުމުރުގެ ގޮތުން ތިރީސް އަހަރުގެ ދީމާއާ ދާދި އެއްވަރެވެ. ދުވަހަކީ، އިނގެރޭސިވިލާތުން މޮޅަށް ކިޔަވައިގެން އައިސް ޒިޔާން ފުރަތަމަ ފަހަރަށް އޮފީހަށް ނުކުންނަ ދުވަހެވެ. ޒިޔާން ގަޑިއެއް ނުޖެހޭނެއެވެ. ދީމާއަށް އެ ކަން ކަށަވަރެވެ. އެހެނަސް ގަޑީގެ ސިކުންތު ކަށި ދީމާގެ ހިތުގައި ޝައްކު އުފައްދަނީއެވެ.

"ޒިޔާން! އާދޭ ސައިބޯން!" ނުހުރެވިގެން ދީމާ ގޮވައިލިއެވެ.

"ލައްބަލައްބަ!" ސަމާސާ ރާގަކަށް ޒިޔާން ބުނެލި އަޑު އިވުނެވެ.

ކޮޓަރީގެ ދޮރު ކުއްލިއަކަށް ހުޅުވައިލައިފައި ޒިޔާން ނުކުތެވެ. ފުލުހުންގެ ރަސްމީ ޔުނީފޯމުގައެވެ. ކަސްރަތީ ހަށިގަނޑަކާއި، ހިތްގައިމު ހިނިތުންވުމެއްގެ ވެރި ޒިޔާން ޔުނީފޯމުގައި ފެންނަނީ، ރީތިކަން މަތިމައްޗަށް ގުނަވެގެންނެވެ. ޒިޔާނަށް ބަލައިލައިފައި ދީމާއަކަށް އެހެން ދިމާއަކަށް ނުބެލުނެވެ. ބަހަލައްޓައިގެން ހުރެވުނީއެވެ. ސާބިތުކަމާއެކު ހިނގާލައިފައި ޒިޔާން އައީ ރަސްމިއްޔާތުތަކުގައި ފުލުހުން ހިނގާލައިފައި އަންނަހެންނެވެ. އައި ގޮތަށް އައިސް ދީމާ ގާތަށް ހުއްޓިފައި ސެލިއުޓުނެގިއެވެ.

"އައްސަލާމް އަލައިކުމް މޭމް!" ޒިޔާން ބުންޏެވެ. "އަޅުގަނޑުގެ ނަމަކީ ޒިޔާން. އަޅުގަނޑަށް ހަގެއް ލިބިދާނެތޯ!"

ނިކަން ބާރަށް ހީނގެންފައި ޒިޔާން ގައިގައި ދީމާ ބައްދައިލިއެވެ.

"ވައަލައިކުމް ސަލާމް ސަރ!" ދީމާ ބުންޏެވެ. "ހަގެއް އެކަނިތޯ ބޭނުމީ؟"

ހެމުންހެމުން ޒިޔާން ސައިބޯން އިށީނެވެ. ޒިޔާނަކީ، ޒުވާން އިރުއް ސުރެ ސައިންސަށް ލޯބިކުރި ދަރިވަރެކެވެ. މަދަރުސާގައި ވެސް ޒިޔާނަށް އެންމެ މަތީ މާކުސް ލިބުނީ ސައިންސުންނެވެ. ކިޔަވައި ނިމިގެން ޒިޔާން ކުރިޔަށް ދިޔައީ ލެބޯޓަރީ ސައިންސްގެ ރޮނގުންނެވެ. އެ ފަންނުގައި ވެސް އެތައް ދާއިރާއެއް ހުއްޓެވެ. ޒިޔާން ޝައުގުވެރިވީ ފޮރެންސިކު ސައިންސްގެ ދާއިރާއެވެ. ފޮރެންސިކު ސައިންސް ނުވަތަ ކްރިމިނަލިސްޓިކްސްއަކީ ޖިނާއީ އަދި މަދަނީ ކުށްތައް ތަހުގީގު ކުރުމުގައި، ހެކީގެ ގޮތުގައި ބޭނުންކުރެވޭ މިންގަނޑުތަކަށް ފެތޭ ގޮތަށް، ސައިންސްގެ އަލީގައި ކުރެވޭ ތަހުލީލުތަކުގައި ބޭނުން ކުރެވޭ ސައިންސެވެ. ޒިޔާންގެ އަމާޒަކީ، ތަހުގީގުތަކުގައި ކުށްވެރިޔާގެ އިއުތިރާފަށް ވުރެ ހެކީގެ ހައިބަތު ބޮޑުކުރުމެވެ. ކުށަށް އެއް ފަހަރު އިއުތިރާފު ވެފައި އަނެއް ފަހަރު އިންކާރު ކުރިޔަސް އެއިން އަސަރު ނުކުރާ ވަރަށް ހެކި ވަރުގަދަކުރުމެވެ. ކުށްވެރިޔާ ކަރުން ހަން ދާ ވަރަށް އިންކާރުކުރާ އިރު މައްސަލަ ސާބިތުކުރެވޭ ވަރަށް ހެކި ހޯދައިފައި ބެހެއްޓުމެވެ.

ދިވެހި ފުލުހުންގެ ފޮރެންސިކު ލެބޯޓަރީއަކީ، ސަރަހައްދީ ގޮތުން ގަދަ ތިނެއްގައި ހިމެނޭ ތަނެކެވެ. ހުނަރުވެރި އެތަކެއް ޒުވާނުންނެއް ރެޔާއި ދުވާލު ގައުމީ ހިދުމަތުގައި ދެމިތިބެއެވެ. އެއިން އެކަކު ކަމުގައި ވުމަކީ ޒިޔާންގެ ހުވަފެނެކެވެ. ގައުމަށް ރީތި ނަން ހޯދައިދީ، ކުށްވެރިން ތޭރިތަކުގެ ފަހަތުގައި ބައިތިއްބަން ޒިޔާން ހުރީ ފިސާރި ތައްޔާރުވެގެންނެވެ.

"ކޮބާ ކަލޭ؟" އަހުސަން ސުވާލުކުރިއެވެ.

އަހުސަނަކީ ފޮރެންސިކު ލެބޯޓަރީގައި މަސައްކަތްކުރާ ޒުވާނެކެވެ. ޒިޔާންގެ އެކުވެރިއެކެވެ. ކިޔަވައިގެން އިނގެރޭސިވިލާތުގައި ނުހުރެ ރާއްޖެ އައުމަށާއި، ފުލުހުންގެ އިދާރާއަށް ވަނުމަށް ޒިޔާނަށް އެންމެ ގިނައިން ހަނދާންކޮށްދިން މީހަކީ އަހުސަނެވެ. މަތީ ތައުލީމު ހާސިލުކޮށްގެން އޮފީހަށް ފުރަތަމަ ނުކުންނަ ދުވަހު ޒިޔާނަށް މަރުހަބާ ކިޔަން އަހުސަން ހުރީ ތައްޔާރުވެގެންނެވެ.

"ސައިކު ޕާކުކުރަނީ!" ޒިޔާން ބުންޏެވެ. "ޖާގަ ފުލްވެފަ. އޯކޭވާނެ ދޯ ޒޯނުން ބޭރުވިޔަސް. އަހަރުމެންނަކީ ކޮޕުންނެއްނު!"

"ތީ ހަމަ ހީވާ ގޮތް،" އަހުސަން ހީނގެންފައި ބުންޏެވެ. "ސައިކު ގޭގަ ބަހައްޓާފަ ހިނގާފަ އަންނަން ޖެހުނަސް ޒޯނުން ބޭރުގަ ޕާކުނުކުރާތި!"

ޒިޔާން ހެމުންހެމުން ފޯނު ބޭއްވިއެވެ. ދުރުގައި ސައިކަލު ޕާކުކޮށްފައި އައިސް ޝަހީދު ހުސެއިން އާދަމް އިމާރާތަށް ވަން ތަނާ އަހުސަން ދިމާވިއެވެ.

"މި ތަނަށް ޖޮއިންކުރުން ތީ ޒިޔާންގެ މުޅި ލައިފްގަ ވެސް ނިންމި އެންމެ ރަނގަޅު ނިންމުން،" ސަލާންކޮށްލަމުން އަހުސަން ބުންޏެވެ. "ޕޮލިސް ލައިފް އިޒް އޯސަމް. އެކަމަކު އުޅެން އެނގިއްޖެއްޔާ!"

ވާހަކަދައްކަމުން ދެ މީހުން އެކުގައި ލިފްޓަށް އެރިއެވެ. ދާންވާ ފަންގިފިލާގެ ނަންބަރަށް ފިތައިލީ އަހުސަނެވެ.

"އުޅެން ނޭނގިއްޖެއްޔާ މީ ހަމަ ނަރަކައެއް!" ސަމާސާ ރާގެއްގައި އަހުސަން ބުންޏެވެ.

"ކޮބާ އުޅެން ނޭނގުމަކީ؟" ކުޑަކޮށް ހައިރާންވެފައި ޒިޔާން އެހިއެވެ.

"އުޅެން ފެށީމަ އެނގޭނެ،" ލާނެތް ވައްތަރެއް މޫނަށް ޖައްސައިލަމުން އަހުސަން ބުންޏެވެ. "އަބަދުވެސް ހަނދާން ބަހައްޓާތި! ނޯ ކުލޫ، ބީ ބްލޫ!"

އަހުސަން ބުނި އެއްޗެއް ޒިޔާނަކަށް ނުވިސްނުނެވެ. ޒިޔާންގެ މޫނުމަތިން އަހުސަނަށް އެ ކަން އެނގުނެވެ.

"ނޭނގުނު؟" އަހުސަން ބުނެލިއެވެ.

އެ ހިސާބަށް ބުނި ތަނާ ލިފްޓު ހުއްޓުނެވެ. ދޮރު ހުޅުވުމާއެކު ލިފްޓަށް މަނާރަތު ވަނެވެ. އަހުސަނާއި ޒިޔާން ވެސް މަނާރަތަށް ސެލިއުޓް ނެގިއެވެ. އިތުރު ވާހަކައެއް ނުދައްކައެވެ. މަނާރަތު ނުކުތީ ހަތަރުވަނަ ފަންގިފިލަޔަށެވެ. އޭނަ ދިޔުމުން ޒިޔާންމެން ދިޔައީ ފަސްވަނަ ފަންގިފިލަޔަށެވެ.

"އެއީ ކާކު؟" މަޑުމަޑުން ޒިޔާން އެހިއެވެ.

"މިއަދު އެނގޭނެ." ޖަވާބުގައި އަހުސަން ބުންޏެވެ.

ވަޒީފާއަށް ނުކުތް ފުރަތަމަ ދުވަހު، މަނާރަތަކީ ކާކުކަން ޒިޔާނަށް އެނގުނެވެ. އޭނައަކީ ފޮރެންސިކު ލެބޯޓަރީގެ އިސް ވެރިޔާއެވެ. ނުވަތަ ޒިޔާންގެ ބޮސްއެވެ. ޒިޔާނާ ދާދި އެއް އުމުރެއްގެ ހީވާގި، ރީތި، މުރާލި އަންހެނެކެވެ. ސާބިތުކަމާ އެކުގައި ވާހަކަދައްކާ، ޖެހިލުން ކުޑަ، ރުންކުރު ގޮތެއް ވެސް ހުންނަ ކުއްޖެކެވެ.

ވަޒީފާގެ މާހައުލުގައި ފުރަތަމަ ދުވަހު ދިމާވި ކަންކަމުން ވެސް މަނާރަތުގެ ހާއްސަ ސިފަތަކެއް ޒިޔާނަށް ފާހަގަކުރެވުނެވެ. އޭނައަކީ، ބުނަންވާ އެއްޗެއް ދިމާއަށް ބުނެލާ ތަޖުރިބާކާރެކެވެ. ފަންނުގެ ވަރަށް ގިނަ މައުލޫމާތު އޭނައަށް އެނގެއެވެ. ކުރަންވާ ކަމެއް ފަސްނުޖެހި ކުރެއެވެ. މޫނަށް ކަނދުރާއަށް ބެލުމަކީ މަނާރަތު ދަންނަ ކަމެއް ނޫނެވެ. ހަރުކަށިވާން ޖެހޭ ވަގުތު އަލިފާން ފަރުބަދައެއް ކަހަލައެވެ. އޯގާތެރިވާން ޖެހޭ ވަގުތު ވާރޭ ވިލާގަނޑެއް ފަދައެވެ. ފުލުހުންގެ ގަވާއިދާއި އުސޫލު މަނާރަތަށް ފެން ފަދައެވެ. އެއްޗެއް ބުނެލާ އިރު ގަވާއިދުގެ ނަންބަރަށް ދާންދެން ހަވާލާ ދެއެވެ. ހިނގާލާފައި ދާ އިރު ވެސް، ހުއްޓި ހުންނަ އިރު ވެސް އަދި އިށީނދެގެން އިންނަ އިރު ވެސް މަނާރަތުގެ ކިބައިގައި ސިފަވަންތަކަން ހުރެއެވެ. އެ ހުރިހާ ސިފަތަކެއް ހުރުމާއި، މީހާއަށް ވުރެ ބޮޑަށް މީހާގެ މަސައްކަތަށް ފޯކަސްކުރުމާއި، ފޮރެންސިކު ލެބޯޓަރީގެ ވެރިމީހާއަށް ވީތީ ޒިޔާންގެ ހިތުގައި މަނާރަތަށް ޓަކައި އިހުތިރާމު އުފެދުނެވެ. އެ ފަދަ ވެރިޔެއްގެ ދަށުން މަސައްކަތްކުރަން ޖެހުނީތީ ހިތްހަމަޖެހުނެވެ. ފޮރެންސިކު ލެބޯޓަރީއަށް ރީތި ނަން ހޯދައިދިނުމާއި، މަނާރަތުގެ އުސޫލުތަކުގެ ހަރުދަނާކަން ސަރުކާރަށް ސާބިތުކޮށްދޭން ޒިޔާން އަތުކުރި އޮޅައިލިއެވެ. އަމިއްލަ ކޮނޑަށް ފަށެއް އެރުވުމުގެ ނިޔަތަކު ނޫނެވެ. މަނާރަތުގެ ކޮނޑަށް ތަރިއެއް އިތުރުކޮށްދިނުމާއި، ޔުނީފޯމަށް ކުލައެއް އިތުރުކޮށްދިނުމުގެ ނިޔަތުގައެވެ.

"އޮފީސް ކިހިނެއް؟" ޒިޔާން ގެއަށް އައުމުން ދީމާ އެހިއެވެ.

"އޯކޭ!" ޒިޔާން ބުންޏެވެ. "ވަރަށް ޔަންގް ކުރައުޑެއް އުޅެނީ. ފުލުހުން ވީމަ ކަންނޭނގެ، އެކަކުއަނެކަކަށް ވަރަށް ރެސްޕެކްޓު ކުރޭ! އަހުސަން ވެސް ވަރަށް ހެލްޕްފުލް! އެކަމަކު ފިފްޓީ ޕަސަންޓު ބުނެދެނީ. އަނެއް ބައި ދޫކޮށްލަނީ އަހަންނަށް. ވަރަށް ސަޅި އެންވަޔަމަންޓެއް. ހީވަނީ މަރުވަންދެން ވެސް އެ ތާހެން އަހަރެން އުޅޭނީ."

"ތިޔަ ވީ!" އެންމެ ފަހު ތަށި ދޮވެލައިފައި ބަހައްޓަމުން ދީމާ ބުންޏެވެ. "ދެން ބޮސް ކިހިނެއް؟"

"އޯކޭ!" މަނާރަތާ ބެހޭ ގޮތުން ޒިޔާން ދިނީ ކުރު ޖަވާބެކެވެ.

ރޭގަނޑު އަށެއް ނުޖަހަނީސް ވެހެން ފެށި ވާރޭ ދިހައެއް ޖެހި އިރު ވެސް ހުއްޓައެއް ނުލިއެވެ. ޗުއްޓީ ރެޔެއް ކަމުން ޒިޔާން އުޅުނީ ގޭގައެވެ. ކުދިންނާ އެކުގައި ސަކަރާތްޖެހުމުގައެވެ. ދެ ކުދިން ވެސް ޒިޔާނާ ވަރަށް ގާތެވެ. ދޮށީ ދަރިފުޅު މިފްޒާލަށް ފަސް އަހަރު ނަމަވެސް ގިޓާޖަހަން މިފްޒާލު ވަރަށް ވަރުހުރެއެވެ. ޒިޔާން އިނީ މިފްޒާލު ގޮވައިގެން ގިޓާގެ ބައެއް ކޯޑުތައް ބުނެދޭށެވެ. އެ މަންޒަރު ބަލަން އިން ދީމާގެ މޫނުމަތިން ފެންނަނީ ޝުކުރުވެރިކަމެވެ. ޒިޔާން ފަދަ ފިރިޔެއް ލިބުނީތީއެވެ. އެއް ފަހަރު ޒިޔާން ބަލައިލި އިރު ދީމާ ބަލަހައްޓައިގެން އިން ތަން ފެނުނެވެ.

"ކިހިނެއްވީ؟" ހިނިތުންވެލައިފައި ޒިޔާން އެހިއެވެ.

"ކަމެއް ނުވޭ!" ހިނިތުންވެފައި ދީމާ ބުންޏެވެ. "އަހަންނަށް ވެސް ގިޓާޖަހަން ދަސްކޮށްދީބަލަ!"

ޒިޔާންގެ ފޯނު ކުއްލިއަކަށް ރަނގަބީލުވާން ފެށިއެވެ. ގުޅީ މަނާރަތެވެ.

"ޖައްސާލަބަލަ މިކޮޅަށް،" މަނާރަތުގެ ރާގު ހުރީ ވަރަށް ރަސްމީކޮށެވެ. "ވެހިކަލް މިހާރު އޮންނާނެ ދޮރުމަތީގަ."

ވަގުތުން ޔުނީފޯމު ލައިގެން ޒިޔާން ނުކުތެވެ. ފުލުހުންގެ ވަޒީފާއަކީ އެ ކަހަލަ ވަޒީފާއެކެވެ. އަންގާލި ކޮންމެ ވަގުތަކު ކޮންމެ ތާކަށް ވެސް ދާންޖެހިދާނެއެވެ. ޒިޔާން ބޭނުންވަނީ ވެސް އެ ކަހަލަ ވަޒީފާއެކެވެ. ސައުވީސް ގަޑިއިރު ގައުމީ ހިދުމަތުގައި ހުރުމަކީ ޒިޔާނަށް ލިބޭ އުފަލެކެވެ. ޝަރަފެކެވެ. އެކަމަކު، ޒިޔާނަކީ ފޮރެންޒިކު ޑިޕާޓުމަންޓާ އެންމެ ފަހުން ގުޅުނު މުވައްޒަފެވެ. ވީމާ، ބަލާ ފޮނުވައިގެން ގެންނަހާ ޒިޔާން މުހިންމުވެދާނެ ކަމަކަށް ޒިޔާން ފަހަރެއްގައި ވެސް ހިޔެއް ނުކުރެއެވެ. ޝަހީދު ހުސެއިން އާދަމް އިމާރާތް ކައިރިއަށް ކާރު މަޑުކޮށްލުމާ އެކު، ސާބިތުކަމާ އެކުގައި ޒިޔާން ކާރުން ފޭބިއެވެ. ތޮފީގެ ނިތްގަނޑަށް ވެހެމުންދިޔަ ވާރެއަކުން ޒިޔާންގެ ހިތްވަރަކަށް ބަދަލެއް ނާދެއެވެ. ޒިޔާންގެ އިސްތިގުބާލުގައި ދޮރުމަތީގައި ހުރި މަނާރަތަށް ސެލިއުޓް ނެގުމަށް ފަހު ޒިޔާން އެތެރެއަށް ވަނެވެ. ޒިޔާނަށް ވިސްނެއެވެ. ސަބަބެއް ނެތި ވެރިމީހާ ދޮރުމަތީގައި ޒިޔާނަކަށް އިންތިޒާރެއް ނުކުރާނެއެވެ.

"ވަރަށް ހައި ޕްރޮފައިލް ކޭސްއެއް އަތުވެއްޖެ!" ކެބިންއަށް ދިޔަ މަގުމަތީގައި މަނާރަތު ބުންޏެވެ. "އަހަރެންގެ ގަޓް ފީލިން ބުނަނީ ޒިޔާނަށޭ މި ކަން ވާނީ. މާދަމާ މުޅި މީސް މީޑިޔާގަ މި ވާހަކަ އޮންނާނެ. އެމްޕީއެއްގެ ވައިފް މަރާލާފަ އޮއްވާ ފެނިގެން މި އުޅެނީ."

ނުނިމޭ