04 ނޮވެމްބަރ 2016 - 14:03

ލަންޑަން (ނޮވެމްބަރު 4) - ލެސްޓާ ސިޓީގެ ގޯލްކީޕަރު ކެސްޕަ ޝްމައިކަލް އަތުގެ ކުޑަހުޅަށް ލިބުނު އަނިޔާއަކާ ގުޅިގެން ދިގު މުއްދަތަކަށް ކުޅުމާ ދުރަށްދާން ޖެހިއްޖެ އެވެ.
މެންޗެސްޓާ ޔުނައިޓެޑުގެ ކުރީގެ ކީޕަރު ޕީޓަ ޝްމައިކަލްގެ ދަރިފުޅު ޝްމައިކަލްގެ ކުޑަހުޅަށް އަނިޔާވީ ޗެމްޕިއަންސް ލީގުގައި އެންމެ ފަހުން ކޮޕެންހާގެންއާ ދެކޮޅަށް ލެސްޓާ ކުޅުނު މެޗުގަ އެވެ. ޗެމްޕިއަންސް ލީގުގައި މިހާތަނަށް ލެސްޓާ އިން ކުޅުނު ހަތަރު މެޗުގައި ވެސް އެ ޓީމު ކޮޅަށް ލަނޑެއް ވަދެފައިނުވެ އެވެ.
ލެސްޓާ އިން މިއަދު ނެރުނު ބަޔާނެއްގައި ބުނެފައިވަނީ ބެލެވޭ ގޮތުގައި އޭނާ ދިގު މުއްދަތަކަށް ކުޅުމާ ދުރު ހުންނަން ޖެހޭނެ ކަމަށެވެ. މިދިޔަ ސީޒަނުގައި ލެސްޓާ އިން ފުރަތަމަ ފަހަރަށް އިނގިރޭސި ޕްރިމިއާ ލީގު ކާމިޔާބުކުރިއިރު އެ ޓީމު ލީގުގައި ކުޅުނު ހުރިހާ މެޗެއްގައި ވެސް ގޯލު ބެލެހެއްޓީ ޝްމައިކަލް އެވެ.
ކުރިން މެންޗެސްޓާ ސިޓީ އަށް ކުޅުނު ޝްމައިކަލް އަށް އަނިޔާވުމުން ދެން ލެސްޓާ ގޯލު ބަލަހައްޓާނީ މިފަހަރުގެ ޓްރާންސްފާ މާކެޓްގައި ހެނޯވާ 96 ދޫކޮށް އެ ޓީމާ ގުޅުނު ޖާމަނީ ކީޕަރު ރޮން ރޮބަޓް ޒީލާ އެވެ. ޒީލާ އަކީ 2014 ވަނަ އަހަރުގެ ވޯލްޑް ކަޕް ކާމިޔާބުކުރި ޖާމަނީ ޓީމުގެ ތިން ވަނަ ކީޕަރެވެ.
އުމުރުން 27 އަހަރުގެ ޒީލާ އެންމެ ފަހުން ކުޅުނު މެޗުގައި ލެސްޓާ ވަނީ މެންޗެސްޓާ ޔުނައިޓެޑް އަތުން 4-1 އިން ބަލިވެފަ އެވެ. ލީގުގައި މި ހަފްތާގައި ލެސްޓާ އަމިއްލަ ދަނޑުގައި ނުކުންނާނީ ވެސްޓް ބްރޮމްއާ ދެކޮޅަށެވެ.