08 ޑިސެމްބަރ 2020 - 13:14

ލަންޑަން (ޑިސެމްބަރު 8) - އިނގިރޭސި ވިލާތުގައި ކޮރޯނާވައިރަހުގެ ވެކްސިން ދިނުމުގެ ޕްރޮގްރާމް ފެށުމުގެ ގޮތުން އެމެރިކާގެ ފައިޒާ ކުންފުނިން އުފެއްދި ކޮވިޑް ވެކްސިން 90 އަހަރުގެ އަންހެނަކަށް ފުރަތަމަ ފަހަރަށް މިއަދު ދީފި އެވެ.

އަންނަ ހަފުތާގައި 91 އަހަރު ފުރޭ މާގަރެޓް ކީނަން ބުނީ "އެއީ އުފަން ދުވަހުގެ ކުރިން ލިބުނު އެންމެ ރަނގަޅު ހަދިޔާ" ކަމަށެވެ.
"އެންމެ ފުރަތަމަ ވެކްސިން ދިން މީހާގެ ޝަރަފު އަޅުގަނޑަށް ލިބުމަކީ ލިބުނު ބޮޑު އުފަލެއް. އަޅުގަނޑުގެ ނަސޭހަތަކީ ވެކްސިން ޖަހަން އެދިއްޖެ ނަމަ ވެކްސިން ޖަހާށޭ. އުމުރުން 90 އަހަރުގައި އަޅުގަނޑު ވެކްސިން ޖެހިއިރު ތިޔަ ބޭފުޅުންނަށް ނުޖެހެންވީ ކީއްވެ؟" އޭނާ ސުވާލު ކުރި އެވެ.
ކުރިއަށް އޮތް ހަފުތާކުގައި ފައިޒާ އާއި ބަޔޯއެންޓެކުގެ 800،000 ޑޯޒް ވެކްސިން އިނގިރޭސިވިލާތުގައި ދޭނެ އެވެ. މަސް ނިމުމުގެ ކުރިން ވެކްސިންގެ ހަތަރު މިލިއަން ޑޯޒް އިނގިރޭސިވިލާތަށް ލިބޭނެ ކަމަށްވެ އެވެ.
އިނގިރޭސިވިލާތުގެ ވެކްސިން ދޭ މަރުކަޒުތަކުން ފުރަތަމަ ވެކްސިން ދޭނީ 80 އަހަރުން މަތީގެ މީހުންނާއި ސިއްހީ ދާއިރާގެ އޮފިޝަލުން އަދި ކެއާ ހޯމްތަކުގައި މަސައްކަތް ކުރާ މީހުންނަށެވެ.
ފައިޒާގެ ވެކްސިނަށް އެންމެ ފުރަތަމަ ހުއްދަ ދިން ގައުމަކީ ވެސް އިނގިރޭސިވިލާތެވެ.
އެ ގައުމުން ވަނީ 40 މިލިއަން ޑޯޒުގެ ވެކްސިނަށް އޯޑަރު ދީފަ އެވެ.
ފައިޒާގެ ވެކްސިންގެ ޑޭޓާ ދައްކާ ގޮތުން 65 އަހަރުން މަތީގެ މީހުންނަށް އެ ވެކްސިން އިން 94 ޕަސެންޓް ރައްކާތެރިކަން ލިބެ އެވެ. ފައިޒާގެ ވެކްސިންގެ އަޖުމަ ބެލުމުގެ މަރުހަލާގައި 44،000 މީހުން ބޭނުން ކުރި އެވެ. މީގެ ތެރޭން ދެބައިކުޅަ އެއްބައި މީހުންނަށް އަސްލު ވެކްސިން ދިން އިރު ބާކީ ތިބި މީހުންނަށް ދިނީ ޕްލެސީބޯ (ފޭކް އިންޖެކްޝަން) އެވެ.
ފައިޒާ އާއި ބަޔޯއެންޓެކުން ވެކްސިން އުފައްދާފައި ވަނީ ގާތްގަނޑަކަށް ދިހަ މަހެއްހާ ދުވަސްތެރޭގައި ވައިރަސްގެ ޖެނެޓިކް ކޯޑު ދެނެގަނެގެންނެވެ. މިއީ ވެކްސިނެއް އުފައްދަން ބަލާނަމަ ވަރަށް ކުރު މުއްދަތެކެވެ.
ވެކްސިން ދިން މީހުންގެ ހުރިހާ އުމުރު ފުރައެއްގެ މީހުންގެ ހަށިގަނޑުގައި ވެސް ކޮރޯނާވައިރަހަށް ދިފާއު އުފެދޭ ކަމަށް ތަހުލީލުތަކުން ދައްކާފައިވެ އެވެ. ކޮރޯނާވައިރަހުގެ ނުރައްކާ އުމުރުން ދުވަސްވީ މީހުންނަށް ބޮޑު ނަމަވެސް، ފައިޒާގެ ވެކްސިން އިން މިހާރު އެ ވަނީ އެކަމުގެ ބިރަށް ވެސް ހައްލު ގެނެސްދީފަ އެވެ.
ފައިޒާ އާއި ބަޔޯއެންޓެކުން އުއްމީދު ކުރަނީ މި އަހަރު ނިމުމުގެ ކުރިން 50 މިލިއަން ޑޯޒް އުފެއްދޭނެ ކަމަށެވެ. އަދި އަންނަ އަހަރު ނިމޭއިރު 1.3 ބިލިއަން ޑޯޒުގެ ވެކްސިން ނެރެވޭނެ ކަމަށް އުއްމީދު ކުރެ އެވެ. ދެ ކުންފުނިން ވެސް ވެކްސިން އުފެއްދުމުގައި ބޭނުންކޮށްފައި ވަނީ އެމްއާރުއެންއޭ ޓެކްނޮލޮޖީ އެވެ. މިއީ ވެކްސިން އުފެއްދުމުގައި މީގެ ކުރިން ބޭނުންކޮށްފައި ނުވާ އީޖާދެކެވެ. ކުރިން ނަމަ ވެކްސިން އުފައްދަނީ އެ ބައްޔެއް ނިސްބަތްވާ ވައިރަސް ނުވަތަ ޖަރާސީމު ބޭނުންކޮށްގެންނެވެ. އެކަމަކު މި ވެކްސިންގައި ބޭނުންކުރީ ސީދާ ކޮރޯނާވައިރަސްގެ ބަދަލުގައި އޭގެ ޖެނެޓިކް ކޯޑެވެ. އެ ކޯޑު ހަށިގަނޑަށް ފޮނުވާލުމުން ކޮރޯނާވައިރަސްއާ ދެކޮޅަށް ދިފާއީ ބާރު އުފެދެ އެވެ. އަދި އެއްވެސް ގޮތަކުން ހަށިގަނޑު ތެރެއަށް ކޮރޯނާވައިރަސް ވަދެއްޖެ ނަމަ، އެ ގިނަވިޔަނުދީ، ބާރު ދެރަކޮށް، ނައްތާލަ އެވެ.
ފައިޒާ-ބަޔޯއެންޓެކްގެ ވެކްސިން ގަދަ ފިނީގައި ގެންގުޅެން ޖެހުމަކީ އެ ވެކްސިން އެއްތަނުން އަނެއް ތަނަށް ގެންދިއުމުގައި ދިމާވާނެ ގޮންޖެހުމެކެވެ. އެކަމަށް ހައްލެއް ހޯދުމުގެ ގޮތުން ފައިޒާ އިން ބުނެފައި ވަނީ ޑްރައި އައިސް ބޭނުންކޮށްގެން ޓެމްޕަރޭޗާ-ކޮންޓްރޯލްޑް ތާމަލް ޝިޕާސްތަކެއް އުފައްދާފައިވާ ކަމަށެވެ. ޑްރައި އައިސް ރިފިލް ކުރުމުން 15 ދުވަސް ވަންދެން ފިނިކަން ބެހެއްޓޭނެ ކަމަށް ފައިޒާ އިން ބުނެފައިވެ އެވެ.