ބަލޮޓެލީ ދެ ވަނަ ޑިވިޝަނުގެ މޮންޒާ އަށް
ބަލޮޓެލީ ދެ ވަނަ ޑިވިޝަނުގެ މޮންޒާ އަށް

މޮންޒާ (ޑިސެމްބަރު 8) – އިޓަލީގެ ކުރީގެ ބޮޑުވަޒީރު އަދި އޭސީ މިލާނުގެ ކުރީގެ ވެރިޔާ ސިލްވިއޯ ބާލުސްކޯނީ ހިންގަވާ އިޓަލީގެ ދެ ވަނަ ޑިވިޝަނުގެ އޭސީ މޮންޒާ އަށް މަޝްހޫރު ފޯވާޑް މާރިއޯ ބަލޮޓެލީ ސޮއިކޮށްފި އެވެ.

މިލާނުގެ ކުރީގެ ފޯވާޑް ބަލޮޓެލީ އަކީ މޮންޒާއާ ގުޅުނު މިލާނުގެ ކުރީގެ މަޝްހޫރު ދެ ވަނަ ކުޅުންތެރިޔާ އެވެ. އަނެއް ކުޅުންތެރިޔަކީ ދާދި ފަހުން ބާސެލޯނާ އަށް ވެސް ކުޅުނު ގާނާގެ ކެވިން ޕްރިންސް ބޯޓެން އެވެ.

މި ސީޒަނުގެ ނިޔަލަށް މޮންޒާ އަށް ބަލޮޓެލީ ގެންދިއުމުގެ ފަހަތުގައި ހުރީ މިލާނުގެ ކުރީގެ ސީއީއޯ އެޑްރިއާނޯ ގަލިއާނީ އެވެ. މި ވަގުތު މޮންޒާގެ ހުރިހާ ކަމެއް ބަލަހައްޓަމުން އަންނަ ގަލިއާނީ އަކީ 2013 ވަނަ އަހަރު މެންޗެސްޓާ ސިޓީން ބަލޮޓެލީ މިލާނަށް ގެނައި އެ ކްލަބުގެ އޭރުގެ ސީއީއޯ އެވެ.

ބަލޮޓެލީ، 30، މިހާތަނަށް ކްލަބެއް ނެތި ހުރީ އޭނާ މިދިޔަ ސީޒަނުގައި ކުޅުނު ބްރެޝިއާ ދެ ވަނަ ޑިވިޝަނަށް ރެލިގޭޓްވުމުންނެވެ. އެ ޓީމަށް މިދިޔަ ސީޒަނުގައި 36 މެޗުން 14 ގޯލް ޖެހި ބަލޮޓެލީ ބްރެޒިލް ޓީމަކާ ގުޅުމާ ގާތަށް ވެސް ދިޔަ އެވެ.

އިންޓަ މިލާނުން 2007 ގައި އުއްމީދީ ކުޅުންތެރިއެއްގެ ގޮތުގައި ކެރިއަރު ފެށި ބަލޮޓެލީ ވަނީ 2010 ގައި ތިން މުބާރާތް ކާމިޔާބުކުރި އިންޓަގައި ހިމެނިފަ އެވެ. ފަހުން ސިޓީ އަށް ގޮސް އެ ޓީމާ އެކު ޕްރިމިއާ ލީގު ކާމިޔާބުކުރި އެވެ. އޭގެ ފަހުން މިލާނަށް އައިސް ރަނގަޅު ކުޅުމެއް ދެއްކި ނަމަވެސް އަހުލާގީ މައްސަލަތަކާ ތަފާތު އެހެން ޕްރެޝަރުތަކާ ހެދި އޭނާ އަށް އެއް ފެންވަރެއްގައި ހިފަހައްޓާލެވޭ ގޮތެއް ނުވި އެވެ. އިންގްލެންޑުގެ ލިވަޕޫލާއި ފްރާންސްގެ ނީސް އާއި މާސޭގައި ވެސް އެންމެ އުހަށް ދެވޭ ގޮތެއް ނުވި އެވެ.

އިޓަލީން 2012 ވަނަ އަހަރުގެ ޔޫރޯގެ ފައިނަލުން ޖާގަ ހޯދިއިރު މޮޅަށް ކުޅުނު ބަލޮޓެލީ އަށް ފޯމް ހިފަހައްޓާނުލެވޭތީ ފަހަކަށް އައިސް ގައުމީ ޓީމުން ވެސް ޖާގަ ނުލިބެ އެވެ.

މިލާން ވިއްކާލުމަށް ފަހު ބާލުސްކޯނީ ބައްލަވައިގެންނެވި އިޓަލީގެ ކުޑަކުޑަ ކްލަބެއް ކަމަށްވާ މޮންޒާ އިޓާލިއަން ލީގަށް ގެންދިއުމުގެ ޒިންމާ މިހާރު ބަލޮޓެލީގެ ކޮނޑުގައި ވަނީ އެޅިފަ އެވެ.