އިންޑިއާގައި ގޮތް ނޭނގޭ ބައްޔެއް ފެތުރި އެތައް ބަޔަކު އެޑްމިޓްކޮށްފި
އިންޑިއާގައި ގޮތް ނޭނގޭ ބައްޔެއް ފެތުރި އެތައް ބަޔަކު އެޑްމިޓްކޮށްފި

އަންދުރަ ޕްރަދޭޝް (ޑިސެމްބަރު 8) - އިންޑިއާގެ ދެކުނުގެ އަންދުރަ ޕްރަދޭޝްގައި ގޮތް ނޭނގޭ ބައްޔެއް ފެތުރި އެކަކު މަރުވެ މިހާތަނަށް 227 މީހުން ހޮސްޕިޓަލްގައި އެޑްމިޓްކޮށްފި އެވެ.

ޑޮކްޓަރުން ބުނީ ބަލި ޖެހޭ މީހުންގެ ފަރާތުން ފެންނަ އަލާމަތްތަކުގެ ތެރޭގައި ކާހިތްކެނޑުމާއި ފިޓްޖެހުން އަދި ހޭނެތުން ހިމެނޭ ކަމަށެވެ. ކަމާބެހޭ އޮފިޝަލުން މިހާރު ދަނީ އެ ބައްޔާ ބެހޭ އިތުރު މައުލޫމާތު ހޯދަމުންނެވެ.

އިންޑިއާގެ ދެކުނުގައި ގޮތް ނޭނގޭ ބައްޔެއް ފެތުރެމުން މިދަނީ އެ ގައުމުގައި ކޮރޯނާވައިރަސް ވެސް ވަރަށް ހަލުވިކަމާ އެކު ފެތުރެމުންދާ ދުވަސްވަރެއްގަ އެވެ. އަންދުރަ ޕްރަދޭޝް އިން ވެސް ވަނީ 800،000 މީހުން ކޮރޯނާވައިރަހަށް ޕޮޒިޓިވްވެފަ އެވެ. އެއީ އިންޑިއާ އިން ތިން ވަނަ އަށް އެންމެ ގިނަ މީހުން ޕޮޒިޓިވްވި ސްޓޭޓް ވެސް މެ އެވެ.

ސްޓޭޓުގެ ހެލްތު މިނިސްޓަރު ވިދާޅުވީ މިދިޔަ ހަފުތާ ބަންދުގައި ގޮތް ނޭނގޭ ބައްޔެއްގައި އެޑްމިޓްކުރި މީހުންގެ ކިބައިން ކޮވިޑުގެ އަލާމާތްތައް ފެންނަން ނެތް ކަމަށެވެ. އެންމެން ވެސް ވަނީ ކޮވިޑަށް ނެގެޓިވްވެފައި ކަމަށް އޭނާ ވިދާޅުވި އެވެ.

"ބަލިވާ މީހުން، ޚާއްސަކޮށް ކުޑަ ކުދިން ކުއްލިއަކަށް ހޮޑުލާން ފަށަނީ. ދެން ލޯ ރަތްވަނީ. ބައެއް މީހުން ފިޓް ޖެހި އަނެއް ބަޔަކު ހޭނެތިގެން ވެއްޓެނީ،" އެލޫރޫ ގަވަރްމަންޓް ހޮސްޕިޓަލްގެ މެޑިކަލް އޮފިސަރު ވިދާޅުވި އެވެ.

ސްޓޭޓުގެ ޗީފް މިނިސްޓަރު ޖަގަންމޮހަން ރެޑީ ވިދާޅުވީ ބަލީގެ ހަގީގަތް ހޯދުމަށް ޚާއްސަ މެޑިކަލް ޓީމެއް އެލޫރޫ އަށް ފޮނުވާފައިވާ ކަމަށެވެ.