08 ޑިސެމްބަރ 2020 - 13:01

ރާއްޖެއަށް ބަރުލަމާނީ ނިޒާމެއް ގެންނަން އެންމެ ރަނގަޅު ވަގުތެއް ކަނޑައަޅަން ރައީސް އިބްރާހިމް މުހައްމަދު ސޯލިހްއާ މަޝްވަރާ ކުރައްވާނެ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދު ރޭ ވިދާޅުވެއްޖެ އެވެ.
އަބަދުވެސް ވަކާލާތު ކުރައްވާ ބަރުލަމާނީ ނިޒާމަށް ރާއްޖޭގެ ވެރިކަން ބަދަލުކުރައްވަން 2023ގެ ރިޔާސީ އިންތިހާބުގެ ކުރިން ހުށަހަޅުއްވާނަންތޯ "އާސްކް ސްޕީކާ" ޕްރޮގްރާމްގައި މީހަކު ސުވާލުކުރުމުން ނަޝީދު ވިދާޅުވީ ނިޒާމް ބަދަލުކުރުމުގެ މަޝްވަރާތައް ކުރިއަަށް އޮތީ ކަމަށެވެ. އެކަމަށް އެންމެ ރަނގަޅު ވަގުތަކީ 2023ތޯ ނުވަތަ އެއަށް ވުރެން ކުރިންތޯ ކަނޑައަޅަން ރައީސްއާ ވާހަކަފުޅު ދައްކަވާނެ ކަމަށް ވިދާޅުވި އެވެ.
"މި ވާހަކަތައް އަޅުގަނޑު ފުރަތަމަ މަޝްވަރާކުރާނީ އަޅުގަނޑު ސިޔާސީ ކަންކަމުގައި އަބަދުވެސް އެންމެ ފުރަތަމަ މަޝްވަރާކުރައްވާ ފަރާތާ. މިހާރު ރައީސުލްޖުމްހޫރިއްޔާއަކަށް އެ ބޭފުޅާ މިހާރު ހުންނެވީ. އަޅުގަނޑުމެން އެ ވާހަކަ ދައްކާނަން،" ނަޝީދު ވިދާޅުވި އެވެ.
އެ މަނިކުފާނު ވިދާޅުވި ގޮތުގައި އެ މަޝްވަރާއަށް ފަހު ރަނގަޅު ގޮތެއް ނިންމޭނެ އެވެ.
ނަޝީދު ރޭ ވެސް ތަކުރާރުކުރެއްވި ގޮތުގައި ރަނގަޅު ގޮތުގައި ވެރިކަން ކުރަން އޮތް ހަމައެކަނި ނިޒާމަކީ ބަރުލަމާނީ ނިޒާމެވެ.
މިދިޔަ ޖޫން މަހު ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ވިދާޅުވެފައި ވަނީ ވެރިކަން ހިންގުން ބަރުލަމާނީ ނިޒާމަކަށް ބަދަލުކުރަން ވިސްނަވާނެ ވަގުތެއް އެމަނިކުފާނަށް ނެތް ކަމަށެވެ. ހުރިހާ ވަގުތެއް ހުސްކުރައްވަން ބޭނުންފުޅު ވަނީ ރައްޔިތުންނަށް ވެވަޑައިގަތް ވައުދުތައް ފުއްދަވަން ކަމަށް ވެސް ވިދާޅުވި އެވެ.
އެކަމަކު އޭގެ ފަހުން ސެޕްޓެމްބަރު މަހުގެ ތެރޭގައި ނަޝީދު ވިދާޅުވެފައި ވަނީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހަށް ވެރިކަމުގެ ދެ ވަނަ ދައުރެއްގެ ކަށަވަރު މަގަކީ ބަރުލަމާނީ ނިޒާމް ކަމަށެވެ. އެކަމަކު ވެރިކަން ކުރާ ކޯލިޝަންގެ ބައެއް ލީޑަރުން ރާއްޖެ އަށް ބަރުލަމާނީ ނިޒާމެއް ގެނައުމާ ދެކޮޅެވެ. ރާއްޖޭގައި ވެރިކަން ކުރަން އެންމެ ރަނގަޅު ނިޒާމު ކަމަށް ރިޔާސީ ނިޒާމް ކަނޑައެޅީ ރައްޔިތުން ކަމަށް ވިދާޅުވެ، ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމާއި ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމް ވެސް ވަނީ ބަރުލަމާނީ ނިޒާމަކަށް ނޫނެކޭ ވިދާޅުވެފަ އެވެ.