08 ޑިސެމްބަރ 2020 - 11:35

އަލަށް ހަދާފައިވާ ސީ ޕްލޭން ޓާމިނަލުން އެމްއޭސީއެލްގެ ލައުންޖްތައް ކުއްޔަށް ދޭން އިއުލާނުކޮށްފި އެވެ.
އެ ކުންފުނިން ކޮށްފައިވާ އިއުލާނުގައި ވަނީ ސީ ޕްލޭންގެ ލައުންޖްތައް ހިންގަން ބޭނުންވާ ފަރާތްތަކުން އެކަމަށް އެދި ކުރިމަތިލުމަށް އެދިފަ އެވެ. މި ލައުންޖްތައް ލިބޭ ފަރާތަކުން ޖެހޭނީ އެމްއޭސީއެލްގެ ގައިޑްލައިނާ އެއްގޮތްވާ ގޮތުގައި މަތިން އެތަންތަން ހިންގާށެވެ.
މިކަމަށް ޝައުގުވެރިވާ ފަރާތްތަކުން، މި މަހުގެ 10 ވަނަ ދުވަހުގެ ކުރިން އެކަން އެމްއޭސީއެލަށް އެއްގުމަށް އެދިފައިވެ އެވެ. މިކަމަށް އެދި ބިޑަށް ކުރިމަތިލާ މީހުން ބިޑް ސެކިއުރިޓީއެއްގެ ގޮތުގައި 10،000 ޑޮލަރު ހުށަހަޅަން ޖެހޭނެ އެވެ.
ބިޑަށް އެދި ހުށަހަޅަން ޖެހޭނީ މި މަހުގެ 30 ގެ ނިޔަލަށެވެ. ސީ ޕްލޭން ޓާމިނަލްގައި ހަދާފައިވާ ލައުންޖްތަކަށް ކުރިމަތިލާ އިރު މީގެ ކުރިން ވެސް އެ ތަންތަން ކުއްޔަށް ދިނުމަށް އެމްއޭސީއެލުން އިއުލާނުކުރި އެވެ. އެހެން ނަމަވެސް އެފަދަ ވަނީ ބާތިލުކޮށްފަ އެވެ.
އެމްއޭސީއެލުން 55 މިލިއަން ޑޮލަރު (848 މިލިއަން ރުފިޔާ) ހޭދަކޮށްގެން ތަރައްގީކުރި އާ ސީޕްލޭން ޓާމިނަލް ގާތްގަނޑަކަށް އެއްކޮށް ކަހަލަ ގޮތަކަށް ދިގު މުއްދަތަކަށް ޓީއެމްއޭ އަށް ދޭން އުޅުނު މައްސަލަ ބޮޑުވެ، ފެބްރުއަރީ މަހު ފިނޭންސް މިނިސްޓްރީން އެމްއޭސީއެލް އަށް ލަފާ ދިނީ، ޓީއެމްއޭ އިން މިހާރު ހިންގާ ޓާމިނަލްގެ ޖާގަ އަށް ވާ ވަރަށް އާ ޓާމިނަލުން ކުރިއަށް އޮތް ދެ އަހަރަށް ޖާގަ ދިނުމަށެވެ. އަދި މިހާރު ކުއްޔަށް ދޭން އިއުލާނުކޮށްފައިވާ ލައުންޖްތަކަކީ ޓީއެމްއޭ އާއި އެ ނޫން ސީ ޕްލޭން ހިންގާ ތަންތަނަށް ޖާގަ ދިނުމަށް ފަހު ބާކީ ހުރި ޖާގަ އެވެ.
ސީ ޕްލޭން ޓާމިނަލްގައި ލައުންޖް ހަދަން ސީދާ އެމްއޭސީއެލުން ރިސޯޓްތަކަށާއި ސީޕްލޭން އޮޕަރޭޓްކުރާ އެއާލައިންތަކުގެ އިތުރުން ޓުއަ އޮޕަރޭޓުންނަށް ޖާގަ ދޫކުރާނެ އެވެ.