08 ޑިސެމްބަރ 2020 - 10:21

ކޮންމެ އަހަރަކު މޯލްޑިވްސް މީޑިއާ ކައުންސިލް (އެމްއެމްސީ) އިން ދޭ ނޫސްވެރިކަމުގެ އިނާމު ހަފްލާ މިރޭ އޮންނާނެ އެވެ.
އެމްއެމްސީން ބުނީ "ނޫސްވެރިކަމުގެ އިނާމު 2019" ބާއްވަން ހަމަޖައްސާފައި ވަނީ މިރޭ 9:00 ގައި ކަމަށާއި ޕީއެސްއެމުން އެ އިވެންޓް ލައިވްކޮށް ދައްކާނެ ކަމަށެވެ.
މި އަހަރު 11 ދާއިރާއަކުން އިނާމަށް ކުރިމަތިލުމަށް ފުރުސަތު ހުޅުވާލި އެވެ. އޭގެ ތެރޭގައި އަލަށް ތައާރަފްކުރި ދެ ދާއިރާއެއް ހިމަނާފައި ވެ އެވެ. އެއީ ތަހުގީގީ ނޫސްވެރިކަމުގެ ދާއިރާ އާއި ތިމާވެއްޓާއި ދެމެހެއްޓެނިވި ތަރައްގީގެ ދާއިރާ އެވެ. މީގެ އިތުރުން ސިޔާސީ ދާއިރާ އާއި އިޖްތިމާއީ ދާއިރާ އާއި ޝަރުއީ އަދި ގާނޫނީ ދާއިރާ އާއި ވިޔަފާރި އާއި އިގްތިސާދީ ދާއިރާ އާއި ކުޅިވަރުގެ ދާއިރާ އާއި ފީޗާ ރިޕޯޓިންގެ އިތުރުން ވީޑިއޯ ޖާނަލިޒަމް އަދި އެންމެ އުންމީދީ ނޫސްވެރިޔާ ވެސް ހޮވާނެ އެވެ.
އެންމެ އުއްމީދީ ނޫސްވެރިޔާގެ އިނާމު ފިޔަވައި ބާކީ ހުރި ދާއިރާތަކުން އޮންލައިން/ޕްރިންޓް މީޑިއާ އަދި ބްރޯޑްކާސްޓިން ކެޓަގަރީ އަށް އެވޯޑު ދެނީ ވަކިވަކިންނެވެ.
އެމްއެމްސީން 2014 ވަނަ އަހަރުން ފެށިގެން ދެމުން އަންނަ ނޫސްވެރިކަމުގެ އިނާމަށް މި އަހަރު 80 ހުށަހެޅުން ލިބިފައިވާ ކަމަށް އެމްއެމްސީން ބުންޏެވެ. އެ ކެޓަގަރީތަކުގެ ތެރެއިން އެންމެ ގިނަ ހުށަހެޅުން ލިބިފައިވަނީ ފީޗާ/ރިޕޯޓަށެވެ. އެ ދާއިރާއިން 24 ހުށަހެޅުމެއް ލިބިފައި ވެ އެވެ. ދެ ވަނަ އަށް އެންމެ ގިނައީ އިޖުތިމާއީ، ތާރީހާއި ސަގާފަތް، ފަންނުވެރިކަމުގެ ކެޓަގަރީ އަށް ހުށަހެޅި ހުށަހެޅުންތަކެވެ. އެ ކެޓަގަރީތަކަށް 10 ނޫސްވެރިން ކުރިމަތިލާފާއި ވެ އެވެ. ތިން ދާއިިރާއަކަށް އެއްވެސް ނޫސްވެރިއަކު ކުރިމަތިލައިފައެއް ނުވެ އެވެ.