ވެލެންސިއާ ކުރިން އޮތް ހިސާބަށް ގެންދަން ބޭނުން: އަކްރަމް
ވެލެންސިއާ ކުރިން އޮތް ހިސާބަށް ގެންދަން ބޭނުން: އަކްރަމް

ރާއްޖޭގެ އެންމެ ކާމިޔާބު އެއް ޓީމު ކްލަބް ވެލެންސިއާ އަހަރެއްގެ މެދުކެނޑުމަށް ފަހު ވަރުގަދަ ސްކޮޑެއް އެކުލަވާލައި ފުރަތަމަ ޑިވިޝަނުގައި ވާދަކުރާއިރު ބޭނުންވަނީ އެ ޓީމު ކުރިން އޮތް ހިސާބަށް ގެންދިއުމަށް ކަމަށް ކެޕްޓަން އަކްރަމް އަބްދުލް ގަނީ (އަކޫ) ބުނެފި އެވެ.

ވެލެންސިއާ ކުރިން އޮތް ހިސާބަށް ގެންދަން ބޭނުން: އަކްރަމް
ވެލެންސިއާ ކުރިން އޮތް ހިސާބަށް ގެންދަން ބޭނުން: އަކްރަމް

މިދިޔަ ސީޒަނުގެ ދެ ވަނަ ޑިވިޝަނުގެ ޗެމްޕިއަންކަން ހޯދައި އަލުން ފުރަތަމަ ޑިވިޝަނަށް ޕްރޮމޯޓްވި ވެލެންސިއާ އިން ވަނީ މި ފަހަރުގެ ޓްރާންސްފާ ބާޒާރުގައި ރަނގަޅު މަސައްކަތްތަކެއްކޮށް ފެންވަރު ރަނގަޅު ކުޅުންތެރިންތަކެއްގެ ސޮއި ހޯދައިފަ އެވެ. އޭގެ ތެރެއިން އެއް ކުޅުންތެރިއަކީ ޓީސީ ސްޕޯޓްސް ކްލަބް ދޫކޮށް އަލުން ވެލެންސިއާއާ ގުޅުނު ގައުމީ ޓީމުގެ ކެޕްޓަން އަދި ވެލެންސިއާގެ ވެސް ބޭންޑް އަޅަން ހަމަޖައްސި އަކޫ އެވެ.

އާ ސީޒަނަށް ވެލެންސިއާގެ ތައްޔާރީތަކާ ބެހޭގޮތުން ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަމުން އަކޫ ބުނީ ޕްރެކްޓިސް އެންމެ ފުރަތަަމަ ފެށިއިރު އޮތް ޓީމާއި މިހާރުގެ ސްކޮޑު އޮތީ ވަރަށް ބޮޑަށް ބަދަލުވެފައި ކަމަށާއި އެކަމަކު މި ސީޒަނަށް އެއްކޮށް ބަލާނަމަ ވެލެންސިއާ އަށް ރަނގަޅު ނަތީޖާތަކެއް ނެރެވޭނެ ކަމަށެވެ.

"އަޅުގަނޑު ދެކޭ ގޮތުގައި ވަރަށް ރަނގަޅު ޓީމެއް މި އޮތީ ލިބިފައި. ފުރަތަމަ މެޗުގައި މި ޓީމުގެ ސްޓްރެންތު ނުފެނިދާނެ. އެކަމަކު ކުރިއަށް އޮތްތަނުގައި މަސައްކަތްކޮށް ލީގުގައި ރަނގަޅު ނަތީޖާއެއް ނެރެވޭވަރުގެ ޓީމެއް އަޅުގަނޑުމެން އަތުގައި އެބައޮތް. ކުޅުންތެރިންނާއި ކޯޗުންނާއި މެނޭޖްމަންޓުގެ މަސައްކަތުން ބޭނުންވަނީ ވެލެންސިއާ ކުރީގައި ވެސް އޮތް ގޮތަށް ކާމިޔާބު ޓީމަކަށް ހަދައި ކުރީގައި އޮތް ހިސާބަށް ގެންދިއުން،" އަކޫ ބުންޏެވެ.

މިއީ އަކޫ ވެލެންސިއާ އަށް ކުޅޭ ހަތަރު ވަނަ ފަހަރެވެ. އެ ގޮތުން ފުރަތަމަ ވެލެންސިއާ އަށް ކުޅުނީ 2006 ވަނަ އަހަރު އެވެ. ދެ ވަނަ ފަހަރަށް ވެލެންސިއާއާ ގުޅުނީ 2013 ވަނަ އަހަރު އެވެ. އަދި ތިން ވަނަ ފަހަރު 2016 ވަނަ އަހަރު އެ ޓީމަށް ކުޅުނެވެ. އަކޫ އަކީ 10 އަހަރުތެރޭ ވެލެންސިއާ އިން ފުރަތަމަ ޑިވިޝަނުގައި ހޯދި ފުރަތަމަ ތަށި ކަމަށްވާ 2016 ވަނަ އަހަރުގެ އެފްއޭ ކަޕް ހޯދި ޓީމުގެ މުހިއްމު ކުޅުންތެރިއެކެވެ.

ވެލެންސިއާގެ ކޯޗަކަށް ހަމަޖެއްސީ ކުރިން ފުރަތަމަ ޑިވިޝަނުގެ ޓީމުތަކުގައި މަސައްކަތްކުރި މަޝްހޫރު ކޯޗު މުހައްމަދު އާތިފް (އާތީ) އެވެ. އާތީ ބުނީ ވެލެންސިއާ އިން އޭނާއާ ފުރަތަމަ ވާހަކަ ދެއްކިއިރު ޓީމެއް އެކުލަވާލަން އުނދަގޫވި ކަމަށެވެ. ސަބަބަކީ އޭރު ގިނަ ކުޅުންތެރިން ތިބީ ކްލަބްތަކާ އެކު ތިން އަހަރުގެ ކޮންޓްރެކްޓެއްގައި ސޮއިކޮށްގެން ކަމަށްވާތީ ކަމަށެވެ.

މިދިޔަ އޮކްޓޫބަރު މަހު ވެލެންސިއާ އިން ޕްރީ ސީޒަން ޕްރެކްޓިސް ފެށިއިރު ކޮންމެވެސް ވަރަކަށް ޓީމަށް އާ ކުޅުންތެރިންތަކެއް ލިބުނު ކަމަށާއި އެހެން ނަމަވެސް މިދިިޔަ މަހެއްހާ ދުވަސްތެރޭ ޓީމުގެ މެނޭޖްމަންޓުން ކުޅުންތެރިން ހޯދުމުގައި ކުރި މަސައްކަތުން ލީގުގައި ރަނގަޅު ޗެލެންޖެއް ދެވޭނެ ޓީމެއް އެކުލަވާލެވިފައިވާ ކަމަށް އާތީ ގަބޫލުކުރެ އެވެ.

ކުރިން ޔުނައިޓެޑް ވިކްޓްރީ (ޔޫވީ) އާއި ޓީސީގައި ރަނގަޅު މަސައްކަތްތަކެއް ކުރި އާތީ ބުނީ ފުރަތަމަ ޑިވިޝަނުގައި ވާދަކުރާއިރުގައި މާޒިޔާ އާއި އީގަލްސް އަދި ގްރީން ސްޓްރީޓްސް ފަދަ ރަނގަޅު ލެވަލްގެ އެކުގައި ކުޅެފައި ތިބި ކުޅުންތެރިންތަކެއް ވެލެންސިއާ އަށް ވެސް ބޭނުންވާ ކަމަށާއި މިހާރު އެ ފަދަ ސްކޮޑެއް ބިނާކުރެވޭނެ ކަމުގެ އުއްމީދު އެބައޮތް ކަމަށެވެ.

"މިހާރު މުބާރާތުގެ ފުރަތަމަ މެޗު އަންނަން ހަފްތާ އަކަށްވީއިރު މި އޮތީ ފުރަތަމަ ޑިވިޝަނުގެ ޓީމުތަކާ ޗެލެންޖް ކުރެވޭނެ ވަރުގެ ސްކޮޑެއް. އެހެން ނަމަވެސް ސްކޮޑެއް އޮތުމަކީ ނިމުމެއް ނޫން. މީގެ ކޮމްބިނޭޝަން ބޭނުން. ފިޓްނަސް ލެވަލް ބޭނުން. އަޅުގަނޑަށް ދަންނަވަން ނޭނގެ ފުރަތަމަ މެޗު ނޫނީ ދެ ވަނަ މެޗު އަޅުގަނޑުމެން ބޭނުންވާ ހިސާބަށް އަންނާނެއެކޭ. އަޅުގަނޑުމެންނަށް ވަރަށް ޔަގީންކަމާ އެކީ އެނގޭ މިހާރު މި އޮތް ޓީމަކީ މި ލީގު ނިމޭއިރު ރަނގަޅު ހިސާބަކަށް ދެވޭނެ ޓީމެއްކަން،" އާތީ ބުންޏެވެ.

އަކޫގެ އިތުރުން ވެލެންސިއާ އިން ގެނައި ފާހަގަކޮށްލެވޭ ކުޅުންތެރިންނަށް ބަލާއިރު ރާއްޖޭގައި އުފެދުނު އެންމެ މޮޅު ކުޅުންތެރިޔާ އަލީ އަޝްފާގު (ދަގަނޑޭ) އާއި ރާއްޖޭގެ މޮޅު ކުޅުންތެރިޔާގެ މަގާމު ދެ ފަހަރެއްގެ މަތިން ހޯދި އަލީ ފާސިރު (ސެންޓޭ) އާއި ގައުމީ ޓީމުގެ ގޯލްކީޕަރު މުހައްމަދު ފައިސަލް އާއި ފުރަތަމަ ޑިވިޝަނުގައި ރަނގަޅު ކުޅުމެއް ދައްކާފައިވާ އަހުމަދު އިމާޒް (އާއްކޮ) އަދި ކުރިން ގައުމީ ޓީމުން ފެނުނު ހަލުވި ވިންގް ހުސެއިން ނިޔާޒް މުހައްމަދު (ބޮކުރީ) ހިމެނެ އެވެ.

"އަޅުގަނޑުގެ ފުޓްބޯޅަ ކެރިއަރަކީ މި ކުދިން ދުނިޔެ ނާންނަނީސް ފެށި އެއްޗެއް. އަޅުގަނޑަކަށް އެހާ ސީނިއާ އެއް ނޫން އެ މީހުންނެއް. އަޅުގަނޑަށް ވޯކް ކުރަން ވަރަށް ފަސޭހަ އަކުރަމް އާ އެކީ. އެއީ ބަސް އަހާ ކުޅުންތެރިއެއް. ޓީސީގައި ވެސް ސީނިއާ ކުޅުންތެރިންނާ އެކު މަސައްކަތްކުރީ އެހެންވީމަ މިއީ އެހާ އުނދަގޫ ކަމެއް ނޫން،" ގައުމީ އަންހެން އަދި ފިރިހެން ޓީމުގެ ކޯޗިން ޓީމުގައި މަސައްކަތްކޮށްފައިވާ އާތީ ބުންޏެވެ.

ވެލެންސިއާ ލީގުގައި ކުޅޭ ފުރަތަމަ މެޗުގައި މި މަހު 14 ވަނަ ދުވަހުގެރޭ ބައްދަލުކުރާނީ ކްލަބް ގްރީން ސްޓްރީޓްސްއާ އެވެ.