ދެ ވަނަ މެޗުން މޮޅުވެ ރިވައިވަލް ސެމީ އަށް
ދެ ވަނަ މެޗުން މޮޅުވެ ރިވައިވަލް ސެމީ އަށް

މިހާރު ކުރިއަށްދާ ބީއޭއެމް މިކްސް ޗެމްޕިއަންޝިޕް ބެޑްމިންޓަން މުބާރާތުގައި އިއްޔެ ހަވީރު ކުޅުނު ދެ ވަނަ މެޗުން ވެސް މޮޅުވެ ރިވައިވަލް ސްޕޯޓްސް ކްލަބް ބާކީ އެއް މެޗު އޮއްވައި މުބާރާތުގެ ސެމީ ފައިނަލުން ފުރުސަތު ހޯދައިފި އެވެ.

ދެ ވަނަ މެޗުން މޮޅުވެ ރިވައިވަލް ސެމީ އަށް
ދެ ވަނަ މެޗުން މޮޅުވެ ރިވައިވަލް ސެމީ އަށް

ސެމީން އެންމެ ފުރަތަމަ ޖާގަ ހޯދީ ގްރޫޕް އޭގައި ކުޅުނު ދެ މެޗުން ވެސް މޮޅުވި އިންޑޯ ސްޕޯޓްސް އެވެ. އެ ޓީމުން ފުރަތަމަ މެޗުގައި ކްލަބް ސްޓެޓިކް އަތުން މޮޅުވިއިރު ދެ ވަނަ މެޗުން ވަނީ އަޖުފާން އިންޓަނޭޝަނަލް ބެޑްމިންޓަން އެކެޑަމީ (އައިބާ) ބަލިކޮށްފަ އެވެ. ގްރޫޕްގެ ފަހު މެޗުގައި އިންޑޯ ކުޅޭނީ ފުރަތަމަ ދެ މެޗުން ބަލިވެފައިވާ ސައިރިކްސް ރެކްރިއޭޝަން ކްލަބާ ދެކޮޅަށެވެ. މި ގްރޫޕުން ސެމީގެ ފަހު ޖާގަ ލިބޭނީ ފަހު މެޗުގައި ސްޓެޓިކާއި އައިބާ ކުޅެގެން މޮޅުވާ ޓީމަކަށެވެ.

ދެ ވަނަ މެޗުން މޮޅުވެ ރިވައިވަލް ސެމީ އަށް
ދެ ވަނަ މެޗުން މޮޅުވެ ރިވައިވަލް ސެމީ އަށް

ގްރޫޕް ބީން ރިވައިވަލް ފުރަތަމަ މޮޅުވީ ޔުނައިޓެޑް ވިކްޓްރީ (ޔޫވީ) އަތުންނެވެ. އިއްޔެ ހަވީރު އެ ޓީމުން ވަނީ ކްލަބް ސްކޯ (ސީއެސް) ސްޕޯޓްސް ކްލަބް ބަލިކޮށްފަ އެވެ. ރިވައިވަލް ދެ މެޗުން މޮޅުވިއިރު، ސީއެސް ވަނީ ފުރަތަމަ މެޗުން ދަ ގޯޅި ސްޕޯޓްސް ކްލަބް ބަލިކޮށްފަ އެވެ. ފަހު މެޗުގައި ރިވައިވަލް ނުކުންނާނީ ދަ ގޯޅި ސްޕޯޓްސް ކްލަބާ ދެކޮޅަށެވެ. މި ގްރޫޕުން ސެމީގެ އަނެއް ޖާގަ ލިބޭނީ ސީއެސް އާއި ޔޫވީ ކުޅޭ މެޗުން މޮޅުވާ ޓީމަކަށެވެ.

ސީއެސްއާ ދެކޮޅަށް ރިވައިވަލް ކުޅުނު ހަތް ގޭމުގެ ތެރެއިން އެ ޓީމު ބަލިވީ އެންމެ ގޭމަކުންނެވެ. ރިވައިވަލް މެޗު ކާމިޔާބުކުރީ 15-1 ޕޮއިންޓުންނެވެ.

މެޗުގެ ފުރަތަމަ ފިރިހެން ޑަބަލްސްގައި ޒަޔާން ޒަކީ އާއި އަބްދުލް ރަހުމާން އުޒުރީގެ ޕެއާ ވަނީ ދެ ސެޓު އެއް ސެޓުން ސީއެސްގެ އަލީ ޝަރްމީލް އާއި ހަސަން އަފްޝީން ބަލިކޮށްފަ އެވެ. ސެޓުތައް ދިޔައީ 14/15، 15/14 އަދި 11/08 އިންނެވެ. ފުރަތަމަ އަންހެން ޑަބަލްސްގައި ރިވައިވަލްގެ އައިމިނަތު ނަބީހާ އާއި ޝިޔާނާ އަހުމަދުގެ ޕެއާ ވަނީ 15/13، 15/09 އިން ސީއެސްގެ އައިމިނަތު ޝަހުރުނާޒް މޫސާ އާއި ފާތިމަތު ރިޒްނާގެ ޕެއާ ބަލިކޮށްފަ އެވެ. ފުރަތަމަ މިކްސް ޑަބަލްސްގައި ރިވައިވަލްގެ ނަބީހާ އާއި އަހުމަދު ވަސީމްގެ ޕެއާ މޮޅުވީ ސީއެސްގެ ޝަހުރުނާޒް އާއި އިބްރާހިމް ހުޝާމްގެ ޕެއާ އަތުންނެވެ. އެއީ 15/05 އާއި 15/08 އިން ސެޓުތައް ގެންގޮސްގެންނެވެ.

ސީއެސް އިން ހަމައެކަނި ގެންދިޔަ ގޭމަކީ ދެ ވަނަ ފިރިހެން ޑަބަލްސް އެވެ. ސީއެސްގެ ނިބާލް އާއި ޝަރްމީލްގެ ޕެއާ ވަނީ ރިވައިވަލްގެ ޒަޔާން އާއި އިބްރާހިމް ރާޝިއުގެ ޕެއާ އަތުން 15/12، 15/12 އިން މޮޅުވެފަ އެވެ. ދެ ވަނަ އަންހެން ޑަބަލްސްގައި ފާތިމަތު ނަބާހާ އާއި ޝިޔާނާގެ ޕެއާ ވަނީ ސީއެސްގެ ރިޒްނާ އާއި ފާތިމަތު ޝަންނަ އަތުން 15/02 15/05 އިން މޮޅުވެފަ އެވެ. ދެ ވަނަ މިކްސް ޑަބަލްސް ރިވައިވަލް އަށް ކާމިޔާބުކޮށްދިނީ ނަބާހާ އާއި އަހުމަދު ރިޔާޒްގެ ޕެއާ އިންނެވެ. އެ ޕެއާ އިން ސީއެސްގެ ނިބާލް އާއި ޝަންނަގެ ޕެއާ ބަލިކުރީ 15/11، 15/11 އިން ސެޓުތައް ގެންގޮސްގެންނެވެ. ފަހު ފިރިހެން ޑަބަލްސް އިން ރިވައިވަލް މޮޅުކޮށްދިނީ ވަސީމް އާއި މުހައްމަދު ޝާރިމްގެ ޕެއާ އެވެ. އެއީ ސީއެސްގެ އަފްޝީން އާއި ހުޝާމްގެ ޕެއާ 15/11، 15/12 އިން ބަލިކޮށްގެންނެވެ.

ރޭ ކުޅުނު މެޗުން ޔޫވީ ވަނީ 11-06 އިން ދަ ގޯޅި ސްޕޯޓްސް ކްލަބް ބަލިކޮށްފަ އެވެ. ހަތް ގޭމްގެ ތެރެއިން ޔޫވީން ހަތަރު ގޭމް ގެންދިޔަައިރު، ދަ ގޯޅިން ވަނީ ތިން ގޭމުން މޮޅުވެފަ އެވެ.

ފުރަތަމަ ފިރިހެން ޑަބަލްސްގައި ޔޫވީގެ އިބްރާހިމް ޝާމިއު އާއި ހަސަން ރިޔާޒްގެ ޕެއާ ވަނީ 15/06، 15/12 އިން ގޯޅީގެ މުހައްމަދު ހިޝާމް ލަތީފާއި އާސިރު ނިޒާރުގެ ޕެއާ ބަލިކޮށްފަ އެވެ. ދެ ވަނަ އަށް ކުޅުނު ފުރަތަމަ އަންހެން ޑަބަލްސް އާއި ތިން ވަނަ އަށް ކުޅުނު ފުރަތަމަ މިކްސް ޑަބަލްސްގައި ކުރި ހޯދީ ގޯޅިންނެވެ. އެ ޓީމުގެ އައިމިނަތު އަހުމަދު ދީދީ އާއި އައިމިނަތު ސަނާގެ ޕެއާ ވަނީ ދެ ސެޓު އެއް ސެޓުން ޔޫވީގެ މަދީހާ އަބްދުލް ގާދިރާއި އަޒްމީލާ އިބްރާހިމް ބަލިކޮށްފަ އެވެ. މިކްސް ޑަބަލްސް އިން ދަ ގޯޅި މޮޅުކޮށްދިނީ އާސިރާއި މައިސާ ފަތުހުﷲ އިސްމާއިލްގެ ޕެއާ އެވެ. އެއީ ޔޫވީގެ ނަޝީއު ޝަރަފުއްދީން އާއި ބުސައިނާ އަހުމަދު 13/15، 13/15 އިން ބަލިކޮށްގެންނެވެ.

ދެ ވަނަ އަށް ކުޅުނު ފިރިހެން ޑަބަލްސް ގެންގޮސް ޔޫވީ އަނެއްކާ ވެސް މެޗުގެ އުއްމީދުއާ ކުރި އެވެ. މި ގޭމް ޔޫވީ އަށް ގެންގޮސްދިނީ ނަޝީއު އާއި އަހުމަދު ސިރާޖްގެ ޕެއާ އެވެ. އެއީ 15/05، 15/09 އިން ގޯޅީގެ ހިޝާމް އާއި މުހައްމަދު މުސާދު ބަލިކޮށްގެންނެވެ. އަނެއްކާ ވެސް ދެ ވަނަ އަންހެން ޑަބަލްސް ގެންގޮސް ގޯޅިން ލީޑު ދެމެހެއްޓި އެވެ. ގޯޅީގެ މައިސާ އާއި ސަނާގެ ޕެއާ ވަނީ ޔޫވީގެ ޒުހުދާ ހަސަން އާއި ބުސައިނާގެ ޕެއާ 15/05. 15/06 އިން ބަލިކޮށްފަ އެވެ.

ޔޫވީ މެޗު ކާމިޔާބުކުރީ ފަހު ދެ ގޭމުން މޮޅުވެގެންނެވެ. އެއީ ދެ ވަނަ މިކްސް ޑަބަލްސް އާއި ތިން ވަނަ ފިރިހެން ޑަބަލްސް އެވެ. ދެ ވަނަ މިކްސް ޑަބަލްސްގައި ޔޫވީގެ ރިޔާޒް އާއި ޒުހުދާގެ ޕެއާ ވަނީ 15/03، 15/09 އިން ގޯޅީގެ އައިމިނަތު އާއި މުސާދުގެ ޕެއާ ބަލިކޮށްފަ އެވެ. ފަހު ފިރިހެން ޑަބަލްސްގައި ޔޫވީގެ ޝާމިއު އާއި ސިރާޖުގެ ޕެއާ މޮޅުވީ ގޯޅީގެ އަހުމަދު ޝަފްރާޒް އާއި އިބްރާހިމް ޒިޔާއުގެ ޕެއާ އަތުން ދެ ސެޓު އެއް ސެޓުންނެވެ. އެ މެޗުގެ ސެޓުތައް ދިޔައީ 15/11، 13/15 އަދި 11/05 އިންނެވެ.

މި މުބާރާތަކީ ކޮވިޑް-19ގެ މެދުކެނޑުމަށް ފަހު ބެޑްމިންޓަން އެސޯސިއޭޝަނުުން މާލެ ސަރަހައްދަށް ހުޅުވާލައިގެން ކުރިއަށްގެންދާ ފުރަތަމަ މުބާރާތެވެ. މުބާރާތުގެ ފައިނަލް އޮންނާނީ އަންނަ ހަފްތާގެ އަންގާރަ ދުވަހު ހަވީރު އެވެ.