ޓޫރިޒަމް ދާއިރާއިން އިންޓާންޝިޕް ދޭ ކޮންމެ ބިދޭސީއަކަށް ދެ ދިވެހިން ތަމްރީންކުރަން ލާޒިމްކޮށްފި
ޓޫރިޒަމް ދާއިރާއިން އިންޓާންޝިޕް ދޭ ކޮންމެ ބިދޭސީއަކަށް ދެ ދިވެހިން ތަމްރީންކުރަން ލާޒިމްކޮށްފި

ޓޫރިސްޓުންނަށް ހިދުމަތްދޭ ތަންތަނުގައި ބޭރުގެ މީހުންނަށް އިންޓާންޝިޕް ފުރިހަމަކުރުމަށް ސްޕެޝަލް ވިސާ ދޫކުރުމުގެ އުސޫލަށް ޓޫރިޒަމް މިނިސްޓްރީން ބަދަލުތަކެއް ގެނެސްފި އެވެ.

މި ބަދަލުތައް ހާއްސަކޮށްފައިވަނީ ޓޫރިޒަމްގެ ދާއިރާއިން ދިވެހިން ބިނާކުރުމަށާއި އެ ދާއިރާއިން ދިވެހިންނަށް ފުރުސުތު ހޯދައިދިނުމަށެވެ.

ބިދޭސީ ދަރިވަރުން ގެނައުމަށް ނޯ އޮބްޖެކްޝަން ދޭނީ ޓޫރިޒަމް ދާއިރާގައި ހިދުމަތްދޭ ތަންތަނުން ފުރުސަތު ދޭ ކޮންމެ ބިދޭސީ އިންޓާންއަކަށް ދިވެހި ދެ ދަރިވަރަކަށް ތަމްރީނު ދޭން ޖެހެ އެވެ. އަދި ބިދޭސީ އިންޓާނަކަށް ފުރުސަތު ދިން މުއްދަތަށްވުރެ ކުރު ނޫން ނުވަތަ އެ ކުއްޖަކު ކިޔަވާ ތަނަކުން ބުނެފައިވާ މުއްދަތަށް އިންޓާންޝިޕްގެ ފުރުސަތުދޭން ޖެހޭގޮތަށް އުސޫލަށް ބަދަލު ގެނެސްފައިވެ އެވެ.

މިކަން ކަށަވަރުކުރުމުގެ ގޮތުން ބިދޭސީ ދަރިވަރުގެ ވިސާ ދޫކުރުމަށް ޓޫރިޒަމް މިނިސްޓްރީން ދޫކުރާ ނޯ އޮބްޖެކްޝަން ލެޓާ ހޯދުމަށް އެދި މިނިސްޓްރީ އަށް ހުށަހަޅާއިރު ދިވެހިދަރިވަރުންގެ އިންޓާންޝިޕާ ގުޅޭ އެއްބަސްވުން ހުށަހަޅަން ލާޒިމުކޮށްފައިވެ އެވެ.

މި އުސޫލުގެ ދަށުން އެކި ގައުމުތަކުގެ ކިޔަވައިދޭ ތަންތަނުން ރާއްޖޭގެ ޓޫރިޒަމްގެ ހިދުމަތްދޭ ރިސޯޓްތަކާއި ޓޫރިސްޓް ހޮޓާތަކާއި، ޑައިވް ސްކޫލް، ޓޫރިސްޓް ވެސެލްސް، ޓްރެވަލް އޭޖެންސީ އަދި ގެސްޓް ހައުސް ފަދަ އެކި ދާއިރާތަކުން މަސައްކަތްތަކުގެ ތަޖުރިބާ ހޯދުމަށްޓަކައި އިންޓާނުންގެ ގޮތުގައި މަސައްކަތް ކުރެވޭނެ އެވެ.