07 ޑިސެމްބަރ 2020 - 17:32

ސަރުކާރުގެ އަމަލުތައް ހުރީ ރާއްޖޭގައި ކޮވިޑް-19 ކޮންޓްރޯލްކުރަން އުޅޭ ގޮތަކަށް ނޫން ކަމަށް ބުނެ، އިދިކޮޅު ކޯލިޝަނުން މިއަދު ފާޑުކިޔައިފި އެވެ.
ޑިރެކްޓަ ޖެނެރަލް އޮފް ޕަބްލިކް ހެލްތު، މައިމޫނާ އަބޫބަކުރާ ބައްދަލުކުރެއްވުމަށްފަހު ޕީއެންސީގެ ނައިބު ރައީސް އިބްރާހިމް ޝުޖާއު ވިދާޅުވީ ޕީޕީއެމް/ޕީއެންސީ ކޯލިޝަނުން ތިބީ އެ ބަލި ކޮންޓްރޯލްކުރުމަށް އެއްބާރުލުން ދީގެން ކަމަށެވެ. ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން އަންގާފައިވާ ގޮތަށް އަތް ދޮވެ ސެނެޓައިޒްކުރި ނަމަވެސް، ސަރުކާރުގައި ތިއްބެވި ބޭފުޅުންގެ ފަރާތުން ފެންނަނީ ބޭނުން ގޮތަކަށް އުޅުއްވާ މަންޒަރު ކަމަށް ވިދާޅުވި އެވެ.
ބަލި ފެތުރުން ކޮންޓްރޯލްކުރަން އަޅާފައިވާ ފިޔަވަޅެއްގެ ގޮތުން، މާލެއިން ރަށްރަށަށް ދާ މީހުން 10 ދުވަހަށް ކަރަންޓީންކުރެ އެވެ. އެކަމަކު ރައީސް އިބްރާހިމް މުހައްމަދު ސޯލިހާއި ކެބިނެޓްގެ މެމްބަރުން ރަށްރަށަށް ކުރައްވާ ދަތުރުފުޅުތަކުގައި ކަރަންޓީނު ނުވެ އުޅުއްވާތީ، އިދިކޮޅު ކޯލިޝަނުން ވަނީ އެ މައްސަލަ ޑީޖީ މައިމޫނާއަށް ހުށަހަޅުއްވައިފަ އެވެ.
"ހަމަ ބޯ ޖެއްސެވީ ގިނަ ބޭފުޅުން. މިއީ ރައްޔިތުންގެ ހައްގުގައި ކޮންމެހެން ދައްކަންޖެހޭ ވާހަކަ. މިއަދު އަޅުގަނޑުމެންނަށް ދޭހަވެގެން ދިޔައީ މުޅި އެޗްޕީއޭ މި އޮތީ ވަރަށް ބޮޑަށް ފެޑަޕް ވެފައި، މާޔޫސްވެފައި އިނގޭތޯ،" ދަރުބާރުގެ ކައިރީގައި ހުންނަވައި މީޑިއާތަކަށް ޝުޖާއު ވިދާޅުވި އެވެ.
"މި ސަރުކާރުން އަޅުގަނޑުމެންނަށް ދޭހަވީ އެޗްޕީއޭއަށް ގޮންޖަހާފައި ކަންކަންކުރާ ތަން. އެޗްޕީއޭ ފާރެއްގެ ގޮތުގައި ބޭނުންކޮށްގެން ހަމަ ގޮންޖަހާފައި ސަރުކާރުން ކަންކަން ކުރަމުންދާތީވެ އަސްލު އަޅުގަނޑުމެންނަށް ދޭހަވީ ވަރަށް ބޮޑަށް އެޗްޕީއޭ މާޔޫސްވެފައި ތިބިކަން،"
ޝުޖާއު ވިދާޅުވީ ހުރިހާ އެންމެންނަށް ވެސް ހުއްދަދޭކަމަށް އެޗްޕީއޭގެ ޓީމުން ވިދާޅުވި ކަމަށެވެ. ވަކި ހާއްސަ ހުއްދަތަކެއް ނުދޭ ކަމަށާއި ނަމަވެސް އެއްވެސް ބަޔަކު ގައިޑްލައިން ފޮލޯނުކުރާތީ ދެރަވާ ވާހަކަ އެޗްޕީއޭގެ ޓީމުން ފާހަގަކުރި ކަމަށް ވިދާޅުވި އެވެ.
"އަޅުގަނޑުމެން ހަމަ ގައިމު ވެސް އަތޮޅުތެރޭ ރަށްރަށަކަށް ނުދަން އެޗްޕީއޭ ގައިޑްލައިން މުގުރާކަށް. އެހެންވީމަ ރައީސުލްޖުމްހޫރިއްޔާ މި ވަޑައިގަންނަވަނީ އަންބާ ކިޔާފައި. އެޗްޕީއޭގެ ވާހަކަތަކުން ވެސް ދޭހަވީ ކަންބޮޑުވާކަން ސަރުކާރާއި ބައެއް ފަރާތްތަކުގެ އަމަލުތައް ހުންނަގޮތުން،" ޝުޖާއު ވިދާޅުވި އެވެ.
ކޮވިޑްގެ ސަބަބުން ފަސްކޮށް، އަންނަ އަހަރަށް ތާވަލްކޮށްފައިވާ ލޯކަލް ކައުންސިލް އިންތިހާބު ބޯމަތިވަމުންދާއިރު އިދިކޮޅު ކޯލިޝަން "ރަށު ބަންދުކޮށް" ސަރުކާރާއި ސަރުކާރު ހިންގާ ޕާޓީ ގުޅިގެން ރަށްރަށަށް އަރައި ކަރަންޓީން ނުވެ އުޅޭ އުޅެން އެ ކޯލިޝަނުން ވަނީ ކުށްވެރިކޮށްފަ އެވެ. ޝުޖާއު ވިދާޅުވީ އެ ބޭފުޅުންނަށް ވެސް ގާނޫނު އަސާސިން ދޭ ހަމަހަމަކަމުގެ ފުރުސަތު ލިބެންޖެހޭ ކަމަށެވެ.
ލުއިގޮތެއްގައި ރަށްރަށަށް ދިއުމުގެ ހުއްދައަކަށް ޕީޕީއެމް/ޕީއެންސީ ކޯލިޝަނުން ވަނީ އެދިފަ އެވެ. އެދިފައިވާ ގޮތަށް ހުއްދަ ލިބޭނެ ކަމަށް އުއްމީދުކުރައްވާ ކަމަށް ވިދާޅުވި އެވެ
"މިއަދު އަޅުގަނޑުމެންނަށް ދޭހަވީ މި ބޭފުޅުން ގައިޑްލައިނަށް ފޮލޯނުކޮށްގެން މި ބޭފުޅުން ކޮށްފައި ހުރި އަސަރާއި މުޅި މުއައްސަސާގެ އަގު ވެއްޓެމުންދާތީ ކުރާ އަސަރު ދޭހަވެގެންދަނީ ސަރުކާރުގެ އަމަލުތަކުގެ ސަބަބުން،" ޝުޖާއު ވިދާޅުވި އެވެ
އެ ކޯލިޝަނުން އަންނަނީ ހަމަހަމަކަން ގެއްލޭ ކަމަށް ބުނެ މައްސަލަ ކޯޓަށް ހުށަހެޅުމުގެ މަސައްކަތް ކުރަމުންނެވެ.
ޕީއެންސީގެ ސެކްރެޓަރީ ޖެނެރަލް އަދި ސިއްހީ ދާއިރާއިން މަތީ ތައުލީމް ހާސިލްކޮށް އެ ދާއިރާގައި ވެސް މަސައްކަތްކުރައްވާފައިވާ ގީލާ އަލީ ވިދާޅުވީ ސަރުކާރާއި ސަރުކާރަށް ނިސްބަތްވާ އެއްވެސް ބަޔަކު ސިއްހީ ދާއިރާއިން ނެރެފައިވާ އުސޫލުތަކާއި ގައިޑްލައިންތަކަށް އަމަލުނުކުރައްވާ ކަމަށެވެ. ސަރުކާރުން ސިއްހީ ދާއިރާގެ އަގު ވައްޓާލާފައިވާ ކަމުގެ ތުހުމަތު އޭނާ ކުރެއްވި އެވެ.
ގުރައިދޫ ދާއިރާގެ މެމްބަރު އަދި އެ ކޯލިޝަންގެ ވަކީލް އިބްރާހިމް ރިޒާ ވިދާޅުވީ ފެނިގެންދަނީ އެޗްޕީއޭއިން އަމުރު ނެރެގެން ހައްގުތައް ހަނިކުރަމުންދާ މަންޒަރުކަމަށެވެ. އެކަމަކު އެ އަމުރުތަކަކީ ގާނޫނު އަސާސީއާ ހިލާފު އަމުރުތަކެއް ކަމަށް ވިދާޅުވެ އެ އަމުރުތަކަކަށް ކިޔަމަންވާކަށް ނުޖެހޭނެ ކަމަށް ވިދާޅުވި އެވެ.