ނަބީހުގެ ފުރަތަމަ މަދަހަ ސީޑީ ނެރެފި
ނަބީހުގެ ފުރަތަމަ މަދަހަ ސީޑީ ނެރެފި

އޯޓިޒަމް ނުވަތަ ނުކުޅެދޭކަމެއް ހުރިކަމުގައި ވިއަސް ހިތްވަރު ދެރަނުކޮށް ކުރިއަށްދެވޭނެކަން އަހުމަދު ނަބީހު، 14، މިވަނީ ސާބިތުކޮށްދީފަ އެވެ. އޭނަ އަމިއްލައަށް ކިޔާފައިވާ މަދަހަ އަލްބަމް "އަހަރެންގެ ދަތުރު" މިވަނީ ރޭ ނެރެފަ އެވެ.

ގިނަދުވަސްތަކެއް ވަންދެން ދެކެމުން އައި ހުވަފެން ހަގީގަތަކަށް ހެދުމުގައި އެހީތެރިވެދިނީ ޑރ. ފަރުޒާނާގެ އާއިލާ އަދި މޯލްޑިވިއަން އައިޑޮލްގެ ސީޒަން އެކެއްގެ ދެ ވަނަ މަގާމް ހާސިލްކުރި ޝަލަބީ އިބްރާހިމެވެ. މި މަދަހަ ސީޑީގައި ނަބީހު ކިޔާފައިވާ ހަ މަދަހަ ހިމެނެ އެވެ. މި މަދަހަ އަލްބަމް ނެރެދެއްވީ ކުރީގެ ފޮރިން މިނިސްޓަރު ދުންޔާ މައުމޫނެވެ.

"މިހާރު"އާ ވާހަކަދައްކަމުން ނަބީހުގެ މަންމަ އަމިނަތު މުހައްމަދު ބުނީ މިފަދަ މަދަހަ ސީޑީއެއް ނެރުނީ މުޖުތަމައު ހޭލުންތެރިކޮށް ހާއްސަ އެހީއަށް ބޭނުންވާ ކުދިން ވެސް ގޭގައި ނުތިއްބާ އާއްމުންގެ ތެރެއަށް ނިކުތުމަށް ހިތްވަރުދިނުުގެ ގޮތުން ކަމަށެވެ.

"އެ ކުދިންނަކީ ވެސް މުޖުތަމައުއަށް ބޭނުންހިފޭ ދަރިންތަކެއް ކަމަށް ދައްކަން ޖެހޭ،" ނަބީހުގެ މަންމަ ބުންޏެވެ.

މި މަދަހަ އަލްބަމްގައި ހަ މަދަހަ ހިމެނެ އެވެ. އޭގެ ތެރޭގައި އަމިއްލަ ރާގުގެ އެއް މަދަހަ ހިމެނޭއިރު ނަބީހުގެ މި މަދަހަ އަލްބަމް، ހާއްސަ އެހީއަށް ބޭނުންވާ ކުދިންނަށް ކިޔަވައިދެމުން އަންނަ ސްކޫލުތަކަށް ހިލޭ ބެހުމަށް ވަނީ ނިންމައިފަ އެވެ.

އާމިނަތު ބުނީ ރޭ ނެރުނު މަދަހަ އަލްބަމް ހިލޭ ބަހާނީ ކަމަށެވެ. އަދި ކުރިއަށް އޮތް ތަނުގައި ގުރުއާން އަދި މަދަހަ ސީޑީއެއް ނެރުމަށް ވެސް ގަސްތުކުރާ ކަމަށް އޭނާ ބުންޏެވެ.

އިމާދުއްދީން ސްކޫލުގެ ހާއްސަ އެހީއަށް ބޭނުންވާ ކްލާހުގައި ކިޔަވަމުން އަންނަ ނަބީހު ވަނީ ގައުމީ ގުރުއާން މުބާރާތްތަކާއި މަދަހަ މުބާރާތްތަކުގައި ވެސް ބައިވެރިވި ރަންވަނަތަކެއް ހޯދައިފަ އެވެ. މީގެ އިތުރުން މުޅި ރާއްޖެއަށް ހުޅުވާލައިގެން ބޭއްވި ހާއްސަ އެހީއަށް ބޭނުންވާ ކުދިންގެ ގުރުއާން މުބާރާތުގެ އެއްވަނަ ވެސް ހޯދީ ނަބީހު އެވެ.

ނަބީހު އަންނަނީ ގުރުއާން ހިތުދަސްކުރުމުގެ މަސައްކަތް ވެސް ކުރަމުންނެވެ. އެގޮތުން ގުރުއާނުގެ ބޮޑު ބައެއް މިހާރު ހިތުދަސްކޮށްފައިވާއިރު ހާފިޒަކަށް ހެދުމަކީ އޭނާގެ މައިންބަފައިން ދެކެމުން އަންނަ ހުވަފެނެކެވެ.