07 ޑިސެމްބަރ 2020 - 14:28

ގްރީން ކްލައިމެޓް ފަންޑް (ޖީސީއެފް) ގެ ހިލޭ އެހީގައި އެންވަޔަރަމެންޓް މިނިސްޓްރީ އާއި ޔޫއެންޑީޕީ ގުޅިގެން ރާއްޖޭގެ އިތުރު ހަ ރަށެއްގައި އޮޓޮމެޓިކް ވެދަ ސްޓޭޝަން ބަހައްޓަން ނިންމައިފި އެ މަސައްކަތް ބަޔަކާ ހަވާލުކޮށްފި އެވެ.
އެންވަޔަރަމެންޓް މިނިސްޓްރީން ބުނީ މިއީ އެ މިނިސްޓްރީ އާއި ޔޫއެންޑީޕީ ގުޅިގެން ކުރިއަށް ގެންދާ "ސަޕޯޓިން ވަލްނަރަބަލް ކޮމިއުނިޓީސް އިން މޯލްޑިވްސް ޓު ކްލައިމެޓް ޗޭންޖް އެންޑް އިންޑިއުސްޑް ވޯޓާ ޝޯޓޭޖް" މަޝްރޫއުގެ ދަށުން ކުރިއަށް ގެންދާ މަސައްކަތެއް ކަމަށެވެ.
މި މަޝްރޫއުގެ މަގްސަދަކީ މޯލްޑިވްސް މީޓިއޮރޮލޮޖިކަލް ސާވިސް (މެޓް އޮފީސް) ގެ ސްޓޭޝަނެއް ނެތް ސަރަހައްދުތަކުގައި، ޔަގީންކަން ބޮޑުކޮށް މޫސުން ލަފާކުރެވޭނެ އިންތިޒާމް ހަމަޖެއްސުން ކަމަށް މިނިސްޓްރީން ބުންޏެވެ. މި މަޝްރޫއުގެ ދަށުން މުޅި ރާއްޖެ ހިމެނޭ ނެޓްވޯކެއް އެކުލަވައިލާނެ އެވެ.
މި މަޝްރޫއުގެ ދަށުން ސްޓޭޝަންތައް ހަރުކުރަން ނިންމާފައި ވަނީ ށ. ކޮމަންޑޫ، ރ. އަލިފުށި، ދުވާފަރު، އދ. މަހިބަދޫ، ފ. ބިލެއްދޫ އަދި ސ، ހުޅުމީދޫ އެވެ.
މި ސްޓޭޝަންތައް ސަޕްލައިކުރުމުގެ މަސައްކަތް ހަވާލުކުރީ އިޓަލި ކުންފުންޏެއް ކަމަށްވާ ސީއޭއޭއެސްޕީއޭ އަށް ކަމަށާއި އެ މަސައްކަތަށް 119،2000 ޔޫރޯ (2،229،167 ރުފިޔާ) ހޭދަކުރަން ކަނޑައަޅާފައިވެ އެވެ. މި ސްޓޭޝަންތައް ހަރުކުރަން ހަވާލުކޮށްފައި ވަނީ ރާއްޖޭގެ ކުންފުންޏެއް ކަމަށްވާ މެކްސްޓާ މޯލްޑިވްސްއާ އެވެ. އެ ކުންފުނިން އެ މަސައްކަތްކޮށްދެނީ 737،760 ރުފިޔާ އަށް ކަމަށް މިނިސްޓްރީން ބުންޏެވެ.
ރާއްޖޭގައި މިހާރު ހުރި މޫސުން ލަފާކުރާ ސްޓޭޝަންތަކުގެ ދެމެދުގައި ހުރި ދުރުމިނުގެ ސަބަބުން، އެންމެ ސައްހަ މައުލޫމާތު ހޯދަން ދަތިކަމަށް މިނިސްޓްރީން ބުންޏެވެ. މިނިސްޓްރީން ބުނި ގޮތުގައި، މި ސްޓޭޝަންތައް ހަރުކުރުމުން އެ މައްސަލަ ހައްލުވެ މޫސުމަށް އަންނަ ބަދަލުތައް ދެނެގަތުމާއި ވާރޭ ނުވެހުމުގެ ސަބަބުން ކުރިމަތިވާ ފެނުގެ ދަތިކަމަށް ހައްލު ހޯދަން މޫސުން ލަފާކުރަން ފަސޭހަވާނެ އެވެ.
މޫސުން އެޕްލިކޭޝަނެއް ހެދުމަކީ ވެސް މި މަޝްރޫއުގައި ހިމެނޭ ކަމެކެވެ.
އެންވަޔަަރަމެންޓް މިނިސްޓްރީން ބުނީ މިއީ ބޯފެނުގެ ޔަގީންކަން ކަށަވަރުކުރުމަށް 2017 ގައި ފެށި ފަސް އަހަރު ދުވަހުގެ މުއްދަތަށް ކުރިއަށް ގެންދާ މަޝްރޫއެއް ކަމަށެވެ.