07 ޑިސެމްބަރ 2020 - 13:44

ޒިއުރިކް (ޑިސެމްބަރު 7) - އަންހެން ފުޓްބޯޅަ ކުޅުންތެރިންނަށް ވިހެއުމުން މުސާރަ ލިބޭ ގޮތަށް ޗުއްޓީއެއް (މެޓާނިޓީ ލީވް) ދޭން ޖެހޭ ގޮތަށް ފީފާ އިން ގަވާއިދެއް ތައާރަފްކޮށްފި އެވެ.
ގިނަ މަޝްވަރާތަކަށް ފަހު އަންހެން ފުޓްބޯޅަ އަށް މުހިއްމުވެފައިވާ ގަވާއިދު ހުށަހެޅީ މިދިޔަ މަހު އެވެ. ފީފާ ކައުންސިލްގެ މިދިޔަ ހުކުރު ދުވަހުގެ ބައްދަލުވުމުގައި މި ގަވާއިދުވަނީ ފާސްކޮށްފަ އެވެ.
އާ ގަވައިދުގެ ތެރޭ ހިމެނޭ މުހިއްމު ކަންތައްތަކަށް ބަލާއިރު އަންހެން ކުޅުންތެރިއަކު ވިހެއުމުން 14 ހަފްތާގެ ޗުއްޓީއެއް ދޭން ޖެހެ އެވެ. އަދި ބަނޑުބޮޑުކަން އެނގޭ ހިސާބުން ފެށިގެން ދެން އަމަލުކުރާނެ ގޮތެއް ކޮންޓްރެކްޓްގައި ލިޔެވިފައިވާން ޖެހޭނަކަން ވަނީ އަންގައިފަ އެވެ. އަދި އެބައި ނުހިމެނޭ ގޮތަށް ހަދާ އެގްރީމެންޓެއް ރަސްމީކޮށް ދެން ބަލައިނުގަންނާނެ އެވެ. ކޮންޓްރެކްޓްގައި ހުރި ކުޅުންތެރިއަކު ބަނޑުބޮޑުވުމާ ގުޅިގެން އެ ކުޅުންތެރިއެއްގެ އެއްބަސްވުން ކެންސަލްކުރެވޭނީ ފީފާއާ އެކު މަޝްވަރާކޮށް އޮންނަ އުސޫލުތަކުގެ ތެރެއަށް ފެތޭނަމަ ކަމަށް އާ ގަވާއިދުގައި ވަނީ ހިމަނައިފަ އެވެ.
މެޓާނިޓީ ލީވްގައި ހުންނަ މުއްދަތުގައި ކުޅުންތެރިޔާގެ މުސާރައިގެ ތިން ބައި ކުޅަ ދެ ބައި ހަމަޖައްސަން ޖެހޭނީ ކުޅުންތެރިޔާ ކުޅޭ ޓީމުންނެވެ. އެ ކުޅުންތެރިޔާގެ ބަދަލުގައި އެހެން ކުޅުންތެރިއަކު ސޮއިކުރެވޭގޮތަށް ވަނީ އެމަޖެންސީ ޓްރާންސްފާއެއް ކުރުމުގެ ފުރުސަތު ދީފަ އެވެ.
ފީފާގެ ރައީސް ޖިއާނީ އިންފަންޓީނޯ ވިދާޅުވީ އަންހެން ފުޓްބޯޅަ އެހެން ހަރުފަތަކަށް ގެންދާނަމަ ހުރިހާ ދިމާލަކުން ހަދަން ޖެހޭ ގަވާއިދުތަކާއި އުސޫލުތައް ހުންނަން ޖެހޭނީ އެންމެންގެ ހައްގު ސަލާމަތްކުރެވޭ ގޮތަށް ކަމަށާއި އަލަށް މި ހެދުނު މެޓާނިޓީ ލީވް ދޭ އުސޫލުގެ ސަބަބުން އަންހެން ފުޓްބޯޅައިގައި ހުރި ގިނަ ހިޔާލު ތަފާތުވުންތަކަށް ހައްލެއް ލިބޭނެ ކަމަށެވެ.
މިދިޔަ އަހަރު ދެ ވަނަ ދައުރަކަށް ފީފާގެ ރައީސްކަމަށް އިންތިހާބުވެވަޑައިގަތުމަށް ފަހު އިންފަންޓީނޯ ވެވަޑައިގެންނެވި އެއް ވައުދަކީ އަންހެން ފުޓްބޯޅަ ތަރައްގީ ކުރުމުގައި ކުރިއަށް ވުރެން އެތައް ގުނައެއް އިތުރު މަސައްކަތްތަކެއް މުޅި ދުނިޔޭގައި ކުރުމެވެ. އެ ގޮތުން ފީފާ ބަޖެޓްގެ ތެރެއިން އަންހެން ފުޓްބޯޅައިގެ ގިނަ ކަންތައްތަކަކަށް ކޮންމެ އަހަރަކު ވެސް އިންވެސްޓްކުރާނެ އެވެ.