02 ޖޫން 2016 - 13:01

ޓޫރިޒަމް ދާއިރާއަށް 8،000 ޒުވާނުން ތަމްރީން ކުރުމަށް ހިންގާ ޕްރޮގްރާމަށް، ގއ. އަތޮޅުން 1،500 ޒުވާނުން ނެރެދިނުމަށް އެ އަތޮޅުގެ ދެ ކައުންސިލަކުން މިއަދު އެއްބަސްވެއްޖެ އެވެ.
ކަސްޓަމްސް ބިލްޑިންގްގައި ބޭއްވި ރަސްމިއްޔާތެއްގައި އެޑިއުކޭޝަން މިނިސްޓަރު އާއިޝަތު ޝިހާމާއި ޓޫރިޒަމް މިނިސްޓަރު މޫސާ ޒަމީރު ވަނީ، ކޮލަމާފުށި އަދި ވިލިނގިލީ ކައުންސިލާއެކު މި އެއްބަސްވުމުގައި ސޮއިކުރައްވައިފަ އެވެ.
ޓެކްނިކަލް އެންޑް ވޮކޭޝަނަލް އެޑިއުކޭޝަން އެންޑް ޓްރެއިނިން އޮތޯރިޓީ (ޓިވެޓް) އިން ކުރިއަށް ގެންދާ މި ޕްރޮގްރާމަށް މިހާރު ވެސް ރަށްރަށުގެ ކައުންސިލްތަކުން އަންނަނީ ޒުވާނުން ހޯދައިދެމުންނެވެ.
މިއަދުގެ ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން އެޑިއުކޭޝަން މިނިސްޓަރު އާއިޝަތު ޝިހާމް ވިދާޅުވީ މި ޕްރޮގްރާމުގައި ބައިވެރިވާ ޒުވާނުން ތައުލީމީ ދާއިރާއިން ވެސް ކުރިއަށް ދާން ފަސޭހަތަކެއް ލިބޭނެ ކަމަށެވެ. އެގޮތުން ޕްރޮގްރާމުގައި ބައިވެރިވާ ޒުވާނުންގެ ކޯސް ސްޕޮންސާ ކޮށްފައި ވާތީ ފީގެ ގޮތުގައި އެއްވެސް އެއްޗެއް ދައްކަން ނުޖެހޭނެ ކަމަށް އޭނާ ވިދާޅުވި އެވެ.
ޓޫރިޒަމް މިނިސްޓަރު ޒަމީރު ވިދާޅުވި ގޮތުގައި ޓޫރިޒަމް ދާއިރާއަށް މި ޕްރޮގްރާމުން ޒުވާނުން ތަމްރީނު ވުމުން، ގއ. އަތޮޅުގައި މިހާރު ތަރައްގީ ކުރަމުން އަންނަ ރިސޯޓުތަކުން ފުރުސަތު ލިބޭނެ އެވެ. އަދި މި ފަދަ ޕްރޮގްރާމުތަކުން ޓޫރިޒަމް ދާއިރާއަށް ޒުވާނުން ނުކުތުމަށް ހިތްވަރެއް ލިބޭނެ ކަމަށް ވެސް މިނިސްޓަރު ވިދާޅުވި އެވެ.
މި ޕްރޮގްރާމަށް 1،000 ޒުވާނުން ހޯދައިދޭން މިދިޔަ މަހު އެޑިއުކޭޝަން އަދި ޓޫރިޒަމް މިނިސްޓްރީން ވަނީ ށ. ނިލަންދޫ ކައުންސިލާއެކު ވެސް އެއްބަސްވުމެއް ގާއިމްކޮށްފަ އެވެ.