07 ޑިސެމްބަރ 2020 - 11:16

މާދަމާރޭ ފަށާ ރާއްޖޭގެ ފުޓްބޯޅަ ސީޒަނުގެ މެޗުތައް ޕަބްލިކް ސާވިސް މީޑިއާ (ޕީއެސްއެމް) ގެ ޔެސް ޓީވީން ވަގުތުން ދައްކާ ގޮތަށް ހަމަޖެހިއްޖެ އެވެ.
އެފްއޭއެމުން ވަނީ އިއްޔެ ޕީއެސްއެމް އާ އެކު އެއް އަހަރުގެ އެއްބަސްވުމެއް ހަދައިފަ އެވެ. ގައުމީ ފެންވަރުގެ ބޮޑު އިވެންޓަކާ ދިމާނުވާ ކަމަށް ވަންޏާ ސީޒަނުގެ ހުރިހާ މެޗެއް ޔެސް ޓީވީން ދައްކާނެ އެވެ. އަދި އެހެން ޗެނަލްތަކުން ލައިވްކޮށް މެޗު ދައްކަން ބޭނުންވާ ނަމަ، އަޕްލިންކް ފީ އެއް ދައްކައިގެން މެޗުތައް ވަގުތުން ފޮނުވޭނެ އެވެ. އެފްއޭއެމުން ބުނީ ޕީއެސްއެމްއާ އެކު ހެދީ ދެ ފަރާތަށް ވެސް ވިޔަފާރި އުސޫލުން ފައިދާ ހޯދިދާނެ ފަދަ އެއްބަސްވުމެއް ކަމަށެވެ.
ޕީއެސްއެމް އަކީ ޒަމާނުއްސުރެ ފުޓްބޯޅަ މެޗުތައް ލައިވްކުރަމުން އަންނަ ޗެނަލެވެ. އެކަމަކު މިދިޔަ ސީޒަނުގެ މެޗުތައް ދައްކަން އެފްއޭއެމުން އެއްބަސްވުން ހެދީ ވީޓީވީއާ އެވެ. ފަހުން ފައިސާގެ މައްސަލައެއް ދިމާވެ ވީޓީވީން ވަކި ހިސާބަކުން މެޗުތައް ދެއްކުން ހުއްޓާލި އެވެ.
ރާއްޖޭގެ ފުޓްބޯޅަ ސީޒަން ހުޅުވަން ކުޅޭ ޗެރިޓީ ޝީލްޑް މެޗުގައި މާދަމާރޭ ބައްދަލުކުރާނީ މާޒިޔާ އާއި އީގަލްސް އެވެ. މި މެޗުގައި ރެފްރީކަންކުރާނީ 2011 ވަނަ އަހަރުގެ ޗެމްޕިއަންސް ލީގުގެ ފައިނަލް ރެފްރީ ހަންގޭރީގެ ވިކްޓަ ކަސާއީ އެވެ.
ލީގު ފަށާނީ މި މަހުގެ 13 ވަނަ ދުވަހު ހަވީރު މާޒިޔާ އާއި ޔުނައިޓެޑް ވިކްޓްރީގެ މެޗުންނެވެ.