08 ޑިސެމްބަރ 2020 - 07:51

ސައިންސް ފިކްޝަން ޖޯންރާ މިހާރު އަކްޝޭ ކުމާރަކަށް އަލެއް ނުވާނެ އެވެ. ސަބަބަކީ އޭނާ ނުބައިބައި ރޯލެއް ކުޅުނު 2018 ގެ ރަޖްނީކާންތުގެ ސައިންސް ފިކްޝަން ފިލްމު "2.0" އަކީ ވެސް ސައިންސް ފިކްޝަން ފިލްމަކަށްވުމެވެ.

ބޮޑު ބަޖެޓަކުން ހަދާ ވަރުގަދަ ސައިންސް ފިކްޝަން ފިލްމަކަށް އަކްޝޭ އަނެއްކާވެސް ތައްޔާރުވާން ފަށައިފި އެވެ. އެ ފިލްމަކީ މިދިޔަ އަހަރު ރިލީޒްކުރި އަކްޝޭގެ "މިޝަން މަންގަލް" ގެ ޑައިރެކްޓަރު ޖަގަން ޝަކްތީގެ ދެވަނަ ފިލްމެވެ. އޭނާ އަންނަނީ ފިލްމުގެ ސްކްރީންޕްލޭގެ މަސައްކަތް ކުރަމުންނެވެ.
ބޮލީވުޑް ހަންގާމާ އިން ބުނި ގޮތުގައި އަދި ވަކި ނަމެއް ދީފައި ނުވާ މި ފިލްމަކީ އަކްޝޭގެ އަމިއްލަ ފިލްމު ކުންފުނި ކޭޕް އޮފް ގުޑް ފިލްމްސް އިން ޕްރޮޑިއުސްކުރާނެ ފިލްމެކެވެ. އަދި މިއީ އޭނާ ޑަބަލް ރޯލެއް ކުޅޭނެ ފިލްމެކެވެ. މީގެ ކުރިން ވެސް އަކްޝޭ ޑަބަލް ރޯލްތަކެއް ކުޅެފައިވެ އެވެ. އޭގެ ތެރޭގައި "ރައުޑީ ރާތޯޑް" އާއި "އަފްލާތޫން" އަދި "ޖެއި ކިޝަން" ހިމެނެ އެވެ.
ހަންގާމާ އިން ބުނީ ވަރަށް ބޮޑު ޕްރޮޖެކްޓެއްގެ ގޮތުގައި ހަދަން ނިންމާފައިވާ މި ފިލްމަކީ ވަރަށް ގިނަ އަދަދަކަށް ވީއެފްއެކްސް ވެސް ހިމެނޭނެ ވަރަށް ތަފާތު މޮޅު ފިލްމަކަށް ވާނެ އެވެ. ފިލްމުގެ ޝޫޓިން ފަށާނީ އަންނަ އަހަރުގެ ފަހުކޮޅު އެވެ. އަދި ސިނަމާތަކަށް ފިލްމު ގެންނާނީ 2022 ގަ އެވެ.
އަކްޝޭގެ އަތުގައި މި ވަގުތު ވެސް ގިނަ ޕްރޮޖެކްޓްތަކެއް ހުރި އިރު އޭނާ އަންނަނީ ފުލުފުލުގައި ފިލްމުތައް ޝޫޓްކުރަމުންނެވެ.
ސެޕްޓެމްބަރުގައި "ބެލް ބޮޓަމް" ނިންމާލައި އަކްޝޭ މި ވަގުތު އަންނަނީ "އަތުރަންގީ ރޭ" އާއި "ޕްރިތުވީރާޖް" ގެ މަސައްކަތް ކުރަމުންނެވެ. އަދި އަންނަ މަހު "ބައްޗަން ޕާންޑޭ" ގެ މަސައްކަތް ފަށާނެ އެވެ. އޭގެ ފަހުން "ރާމް ސެތޫ" އާއި "ރަކްޝާބަންދަން" އަށް ވަގުތު ދޭނެ އެވެ.