07 ޑިސެމްބަރ 2020 - 12:51

ދުނިޔެއަށް ކުރިމަތިވި ކޮވިޑް-19 ގެ ބަލިމަޑުކަމުގެ ތެރޭގައި އޭވިއޭޝަން ދާއިރާއަށް ކުރިމަތިވި ގޮންޖެހުންތަކަށް ފަހު ކުރިއަށް އޮތީ އެކަމުން އަރައިގަނެ ދާއިރާ ތަރައްގީކުރުމުގެ މަސައްކަތް ކަމަށް ޓްރާންސްޕޯޓް އެންޑް ސިވިލް އޭވިއޭޝަން މިނިސްޓަރު އާއިޝަތު ނަހުލާ މިއަދު ވިދާޅުވެއްޖެ އެވެ.
ބައިނަލްއަގްވާމީ ގޮތުން މިއަދު ފާހަގަކުރާ ވައިގެ ދަތުރުފަތުރުގެ ދުވަހާ ގުޅިގެން މިނިސްޓަރު ދެއްވި ހިތާބުގައި ވިދާޅުވީ ކޮވިޑް-19 ކޮންޓްރޯލްކުރަން އެޅި ފިޔަވަޅުތަކުގައި ގައުމުތަކުގެ ބޯޑަރުތައް ބަންދުކުރަން ޖެހުމުން އޭވިއޭޝަން ދާއިރާ އަށް ގިނަ ގޮންޖެހުންތަކެއް ކުރިމަތިވި ކަމަށެވެ.
"އިރާދަކުރެއްވިއްޔާ އަންނަ އަހަރު ވެގެންދާނީ އޭވިއޭޝަން ދާއިރާ ރިކަވާ އެންޑް ބިލްޑް ކުރެވޭ އަހަރަށް،" މިނިސްޓަރު ވިދާޅުވި އެވެ.
މިނިސްޓަރު ވިދާޅުވި ގޮތުގައި އެ މަސައްކަތުގައި ދިވެހި ޒުވާނުންނަށް ވަޒީފާގެ ފުރުސަތު އިތުރުކުރަން އިސްކަންދޭނެ އެވެ. އަދި ކުރިން ވެސް ރާއްޖެ އޮޕަރޭޓްކުރަމުން އައި ގޮތަށް ބައިނަލްއަގްވާމީ އިތުރު އެއާލައިންތައް ގެނައުމުގެ މަސައްކަތް ފަށާފައިވާ ކަމަށް ވިދާޅުވި އެވެ.
އޭވިއޭޝަން ދާއިރާ ހަރުދަނާ ކުރުމަށް މި އަހަރު ކުރި މަސައްކަތްތަކުގެ ތެރޭގައި ސަރުކާރުގެ ސްޓްރެޓީޖިކް ޕްލޭނާ އެއްގޮޮތަށް ސިވިލް އޭވިއޭޝަން އޮތޯރިޓީ (ސީއޭއޭ) އަށް ހާއްސަ "ފްލައިޓް ޕްލޭން" އެއް އެކުލަވައިލިކަން މިނިސްޓަރު ފާހަގަކުރެއްވި އެވެ.
"މި ހުރިހާ ބަދަލުތަކާ އެކު އިރާދަ ކުރެއްވިއްޔާ އަންނަ އަހަރު ވެގެންދާނީ ހިދުމަތް ހޯދާ ފަރާތްތަކަށް ތަފާތުކަން ފާހަގަކުރެވޭ މިންވަރަށް އަޅުގަނޑުމެންގެ އޮތޯރިޓީގެ މަސައްކަތްތައް އެކަށީގެންވާ ކުރިއެރުމެއް ލިބިގެންދާނޭ އަހަރަކަށް،" މިނިސްޓަރު ނަހުލާ ވިދާޅުވި އެވެ.
މިނިސްޓަރު ވިދާޅުވީ މީހުން ދިރިއުޅޭ ކޮންމެ ރަށަކުން 30 މިނެޓު ތެރޭގައި އެއާޕޯޓަށް ދެވޭނެ ގޮތް ހަމަޖައްސަން ސަރުކާރުން އަންނަނީ މަސައްކަތްކުރަމުން ކަމަށާއި ކައިރި މުސްތަގްބަލެއްގައި އެކަން ފުރިހަމަވުން ގާތް ކަމަށެވެ.
ކޮވިޑާ ހެދި ބޯޑަރުތައް ބަންދުކޮށްފައި އޮތް ދުވަސްވަރު ދިވެހިންނަށް ބޭނުންވާ އަސާސީ ސާމާނު ގެންނަން އޭވިއޭޝަން ދާއިރާގެ މުވައްޒަފުން އެންމެ ކުރީ ސަފުގައި ކުރި މަސައްކަތް ފާހަގަކުރައްވައި މިނިސްޓަރު ވިދާޅުވީ އެއީ ގައުމީ ހިދުމަތެއް ކަމަށެވެ. އެހެންވެ އެކަމުގައި ހިއްސާވި އެންމެންނަށް މިނިސްޓަރު ވަނީ ޚިތާބުގައި ޝުކުރު އަދާކުރައްވައިފަ އެވެ.