07 ޑިސެމްބަރ 2020 - 09:59

ގައުމީ ފުޓްބޯޅަ ޓީމުގެ އެސިސްޓަންޓް ކޯޗު އަލީ ސުޒޭނުގެ ބައްޕަ ހަސަން އަލީ ކޮވިޑަށް ޕޮޒިޓިވްވުމުން، ސުޒޭން އަމިއްލަ އަށް އިސްނަގައިގެން ބައްޕައާ އެކު ހުޅުމާލޭ ކޮވިޑް ފެސިލިޓީގައި ކަރަންޓީންވެއްޖެ އެވެ.
މި މަހުގެ 1 ވަނަ ދުވަހު ސުޒޭނުގެ ބައްޕަ ޕޮޒިޓިވް ވުމުން، އޭނާ އަކީ ހައި ރިސްކް ކެޓަގަރީގެ މީހަކަށް ވާތީ އާއިލާ އިން ބޭނުންވުމާ އެކު އެތަނުގައި އެޑްމިޓްކުރީ އެވެ. އެއްބަނޑުއެއްބަފާ އެހެން ވެސް ކުދިން ދާން ތިއްބާ ސުޒޭން ވަގުތުން ދަބަހަށް އެއްޗެހި އަޅައިގެން ދާން ތައްޔާރުވެ ބައްޕައާ އެކު ދިޔަ އެވެ.
ފެސިލިޓީ އަށް ގެންދިޔަރޭ ސުޒެއިން ޓެސްޓްކުރި އިރު އޭނާ ކޮވިޑަށް ނެގެޓިވެވެ. އެކަމަކު ވޯޑެއް ފަދަ ތަނެއްގައި ޕޮޒިޓިވް އެތައް ބަޔަކާ އެކު ހުންނަން ޖެހުމުން ސުޒޭން އަދި ޕޮޒިޓިވްވުމުގެ ފުރުސަތު ބޮޑެވެ. އެހެންވެ އަދި ހަފުތާއެއް ފަހުން ބައްޕަގެ މުއްދަތު ހަމަވުމުން ސުޒޭން އިތުރު 14 ދުވަސް މަޑުކުރަން ޖެހިދާނެ އެވެ.
"ބައްޕަގެ ހާލު ރަނގަޅު. ކޮވިޑުގެ އެއްވެސް އުނދަގުލެއް ނެތް،" ސުޒޭން ބުންޏެވެ.
ސުޒޭން މި ތާށިވީ އާ ފުޓްބޯޅަ ސީޒަން ބޯމަތީގައި އޮއްވަ އެވެ. ގައުމީ ޓީމުގެ އެސިސްޓަންޓް ކޯޗުގެ ގޮތުން އޭނާ އަށް ކްލަބްތަކުގެ ޕްރެކްޓިސްތައް ބަލަން ނުދެވޭނެ އެވެ. އަދި އަންގާރަ ދުވަހުގެރޭ ސީޒަން ފަށާއިރު ކުރީކޮޅުގެ މެޗުތަކަށް ނުދެވޭނެ އެވެ.
އެކަމަކު ސުޒޭން ބުނީ އާއްމު ދިރިއުޅުމާ ވަކިވެ، ބައްޕައާ އެކު ފެސިލިޓީގައި ހުންނަން ޖެހުމުން އެއްވެސް މައްސަލައެއް ނެތް ކަމަށެވެ.
"އެ މީހުންގެ މުޅި ދިރިއުޅުން އަޅުގަނޑުމެންނަށްޓަކައި އެ ހޭދަކުރީ. އެހެންވެ އެ މީހުންނަށްޓަކައި އާއްމު ދިރިއުޅުމާއި ފުޓްބޯޅަ އާއި ކޮފީތަކާ ވަކިވެ މިހެން ހުރެލަން ޖެހުނަސް މައްސަލައެއް ނެތް،" ވިކްޓްރީ އާއި މާޒިޔާ އަށް ތަށި ހޯދައިދީފައިވާ ކޯޗު ބުންޏެވެ. "އަޅުގަނޑުގެ ކުޅިވަރު ކެރިއަރުގައި ބައްޕަގެ ދައުރު ބޮޑު. ބައްޕަ އަށް ހިދުމަތްކުރުމަކީ ލިބޭ އުފަލެއް."
ސުޒޭން ބައްޕަ ހަސަން އަލީ އަކީ ވެސް ކުޅިވަރުގެ މީހެކެވެ. އޭނާ އަކީ ކްލަބް އީގަލްސްގެ މަސްއޫލުވެރިޔާ އެވެ. މާފަންނުގެ ޒުވާނުންތަކެއްގެ އެދުމުގެ މަތިން 1980ގެ ފަހުކޮޅު އީގަލްސް ރެޖިސްޓްރީކޮށްދީ އެ ކްލަބް ފަށައިގަތުމަށް ބޮޑު އެހީތެރިކަމެއް ދިނެވެ. އެކަމަކު އަބަދުވެސް ހިތްއޮތީ ގޭދޮށު ކްލަބް ވިކްޓަރީގަ އެވެ. ފުޓްބޯޅައިގެ ހަރަކާތްތެރިވާ އޭނާގެ ހަތަރު ކުދިން ވެސް އެންމެ ގިނައިން ހިދުމަތްކުރީ ވިކްޓަރީއަށެވެ.
ވިކްޓްރީން 2002 ގެ ގައުމީ ތަށި މިލްކުކުރިއިރު ހަސަންގެ އަލީގެ ފުށުން އެގެޔަށް ހަތަރު މެޑަލް ވަދެ އެވެ. އެއީ ސުޒޭނުގެ އިތުރުން އޭނާގެ އެއްބަނޑުއެއްބަފާ މުހައްމަދު ނަޒީހާއި އިބްރާހިމް ޝިނާޒް (ސިނާ) އަދި ވިކްޓްރީގެ އޮފިޝަލް އަހުމަދު ރިޔާޒް (ގާނާ) ގެ މެޑަލްތަކެވެ.
އުރީދޫ ދިވެހި ޕްރިމިއާ ލީގުގައި 2016 ވަނަ އަހަރު ވިކްޓްރީ އަތުން 2-1 އިން މާޒިޔާ މޮޅުވި މެޗުގައި ސުޒޭނާއި ނަޒީނު ދެ ޓީމަށް ކޯޗުކޮށްދިން އިރު ދަނޑުގެ ރޮސްޓަރަމްގައި އެފްއޭއެމްގެ ހާއްސަ މެހެމާނެއްގެ ގޮތުގައި ހަސަން އަލީ ހުއްޓެވެ. އެ މެޗު ތާރީހުގެ ތެރެއަށް ވަދެގެން ދިޔައީ އެއްބަނޑު އެއްބަފާ ދެބެން ދެ ދެ ޓީމުގެ ކޯޗުންގެ ގޮތުގައި ތިބެ ކުރިމަތިލި ފުރަތަމަ މެޗުގެ ގޮތުގަ އެވެ.