07 ޑިސެމްބަރ 2020 - 11:02

ލަންޑަން (ޑިސެމްބަަރު 7) - އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ވާދަވެރި އާސެނަލް އަތުން 2-0 އިން މޮޅުވެ ޓޮޓެންހަމް ހޮޓްސްޕާސް އެއް ވަަނަ އަށް އެރިއިރު، ވުލްވްސް އަތުން 4-0 އިން ހޯދި ބޮޑު މޮޅާ އެކު ލިވަޕޫލުން ލީގުގައި އަމިއްލަ ދަނޑުގައި މޮޅުވުމުގެ ރެކޯޑް ދަމަހައްޓައިފި އެވެ.

ހޮނިހިރު ދުވަހުގެރޭގެ މެޗުތަކަށް ފަހު ލީގުގެ އެއް ވަނައިގައި އޮތީ ޗެލްސީ އެވެ. އެހެން ނަމަވެސް ރޭ ޓޮޓެންހަމަށް ލިބުނު މޮޅާ އެކީ އެ ޓީމު އެއް ވަނަ އަށް އެރީ 11 މެޗުން 24 ޕޮއިންޓް ހަމަކޮށްގެންނެވެ. ލިވަޕޫލް ކުޅުނު މެޗުން މޮޅުވެ ވަނީ އެ ޓީމުން ދެ ވަނަ އަށް ޖެހިލީ 11 މެޗުން 24 ޕޮއިންޓް ހަމަކޮށްގެންނެވެ. ތިން ވަނައިގައި އޮތް ޗެލްސީ އަށް 11 މެޗުން 22 ޕޮއިންޓް ލިބިފައިވާއިރު، ރޭ ޝެފީލްޑް ޔުނައިޓެޑް އަތުން 2-1 އިން މޮޅުވި ލެސްޓާ ސިޓީ ވަނީ ހަތަރަކަށް އަރައިފަ އެވެ. އެއީ 11 މެޗުން 21 ޕޮއިންޓް ހޯދައިގެންނެވެ.
ނޯތު ލަންޑަން ޑާބީގައި ރޭ ޓޮޓެންހަމުން ވަނީ އާސެނަލް ކޮޅަށް ފުރަތަމަ ހާފުގައި ދެ ގޯލު ޖަހައިފަ އެވެ. ޓޮޓެންހަމަށް ލީޑުނަގައިިދިނީ 13 ވަަނަ މިނިޓްގައި ސޮން ހެއުން މިން ޖެހި މޮޅު ގޯލަކުންނެވެ. އޭރިއާ ބޭރުން ސޮން ޖެހި ބޯޅަ ގޯލުގެ ދުރުކަނަށް އަމާޒުވީ އާސެނަލްގެ ޖަރުމަނު ކީޕަރު ބާން ލޭނޯ އަތްމަތިން ގޮހެވެ. ފުރަތަމަ ހާފުގެ އިތުރު ވަގުތުގައި ޓޮޓެންހަމްގެ ލީޑުފުޅާކޮށްދިނީ ހެރީ ކޭން އެވެ. ކައުންޓަ އެޓޭކުގައި ޓޮޓެންހަމަށް އެ ލަނޑު ޖަހަން ފަސޭހަވީ އާސެނަލްގެ މެދުތެރޭގައި ހުރި ތޯމަސް ޕާޓޭ އަނިޔާ އަކަށް ފަރުވާ ހޯދަން އެ ގަޑީގައި ދަނޑުން ފައިބަން އުޅުމުންނެވެ.
ދެ ވަަނަ ހާފްގައި އާސެނަލުން ކުޅުން ރަނގަޅުކޮށް ލަނޑު ޖަހަން މަސައްކަތްކުރި ނަމަވެސް އެ ޓީމުން ފޮނުވާލި ހަމަލާތައް ޓޮޓެންހަމްގެ ގޯލްކީޕަރު ހޫގޯ ލޮރީސް ވަނީ މަތަކޮށްފަ އެވެ.
ޓޮޓެންހަމްގެ ކޯޗު ހޯސޭ މޮރީނިއޯ ބުނީ އެ ކްލަބްގެ ސަޕޯޓަރުން އެނބުރި ދަނޑަށް ވަންނަން ފުރުސަތު ލިބުނުއިރު ޓީމު ލީގުގެ ތާވަލު އެއް ވަނައިގައި އޮތުމަކީ އޭނާ އަށް ވެސް ލިބޭ ހިތްހަމަޖެހުމެއް ކަމަށެވެ. ރޭގެ ބައްޔާ އެކު އާސެނަލް އޮތީ 11 މެޗުން 13 ޕޮއިންޓާ އެކު ލީގުގެ 15 ވަނައިގަ އެވެ. އާސެނަލްގެ ކޯޗު މިކޭލް އާޓެޓާ ބުނީ ނަތީޖާ ބަދަލުކޮށްލެވޭ ވަރަށް ލަނޑު ޖަހަން ފުރުސަތު ލިބުނު ކަމަށެވެ.
އަމިއްލަ ދަނޑު އެންފީލްޑްގައި ދެހާހެއްހާ ސަޕޯޓަރުން ކުރިމަތީގައި ރޭ ލިވަޕޫލުން މޮޅުވިއިރު، އެ ޓީމުގެ ލަނޑުތައް ޖެހީ މުހައްމަދު ސަލާހު، ޖިނީ ވައިނަލްޑަމް، ޖޮއެލް މަޓިޕް އެވެ. އަނެއް ގޯލަކީ ވުލްވްސްގެ ނެލްސަން ސެމޭޑޯ އަތުން ބައިކޮޅަން ވަން ގޯލެކެވެ. ވުލްވްސްގެ ޑެނިއަލް ޕޮޑެންސް ފޮނުވާލި ބޯޅައެއް ލިވަޕޫލްގެ ގޯލު ބެލެހެއްޓި 22 އަހަރުގެ ކީޕަރު ކޮއަމްހީން ކެލަހާ ވަނީ މަތަކޮށްފަ އެވެ.
މި މެޗުން ލިވަޕޫލް މޮޅުވިއިރު އެ ޓީމުން އަމިއްލަ ދަނޑުގައި ލީގުގައި ބަލިނުވުމުގެ ރެކޯޑް ވަނީ 65 މެޗަށް އިތުރުކޮށްފަ އެވެ. އަނެއްކޮޅުން މި ފަަހަރު ލީގުގައި އަމިއްލަ ދަނޑުގައި ކުޅުނު މެޗުތަކުން ސައްތަ އިން ސައްތަ ރެކޯޑެއް އޮތީ ވެސް ލިވަޕޫލް އަތުގަ އެވެ.
ލީގުގެ ފުލުގައި އޮތް ޝެފީލްޑް އިން އޮލީ މެކްބާނީގެ ގޯލުން ލީޑުނަގާފައިވަނިކޮށް ލެސްޓާ އަށް އެއްވަރުކޮށްދިނީ އަޔޯޒޭ ޕެރޭޒް އެވެ. މެޗުގެ އިތުރުވަގުތުގައި ޖޭމްސް މެޑިސަން ދިން ބޯޅައަކުން ލެސްޓާ މޮޅުކޮށްދިން ލަނޑު ޖެހީ ޖޭމީ ވާޑީ އެވެ.