މިލާން އެއް ވަނައިގައި ފަސް ޕޮއިންޓުގެ ލީޑު ދަމަހައްޓައިފި
މިލާން އެއް ވަނައިގައި ފަސް ޕޮއިންޓުގެ ލީޑު ދަމަހައްޓައިފި

ޖެނޯވާ (ޑިސެމްބަރު 7) – ރަށުން ބޭރުގައި ސަމްޕްޑޯރިއާ އަތުން 2-1 އިން މޮޅުވެ އޭސީ މިލާނުން އިޓާލިއަން ލީގުގެ އެއް ވަނައިގައި ފަސް ޕޮއިންޓުގެ ލީޑު ދަމަހައްޓައިފި އެވެ.

މިލާން އެއް ވަނައިގައި އޮތީ 26 ޕޮއިންޓާ އެކު އެވެ. ތާވަލުގެ ދެ ވަނައިގައި އޮތީ 21 ޕޮއިންޓާ އެކު އިންޓަ މިލާނެވެ. ރޭ ކްރޮޓޯނޭ އަތުން 4-0 އިން މޮޅުވެ ނަޕޯލީ ވަނީ 20 ޕޮއިންޓާ އެކު ތިން ވަނަ އަށް އަރައިފަ އެވެ. އެ އަދަދަށް ޕޮއިންޓް ހޯދައިގެން ހަތަރު ވަނައިގައި އޮތީ ޗެމްޕިއަން ޔުވެންޓަސް އެވެ.

ރޭ މިލާނުން މެޗަށް ނުކުތީ އަނިޔާގެ ސަބަބުން މުހިއްމު ތިން ކުޅުންތެރިން ކަމަށްވާ ފޯވާޑް ޒަލަޓާން އިބްރަހިމޮވިޗާއި މިޑްފީލްޑަރު އިސްމާއިލް ބެނަސޭ އަދި ޑިފެންޑަރު ސިމޮން ކިޔާ ނުލާ އެވެ.

އެ ޓީމަށް ފުރަތަމަ ހާފުގެ ފަހު މިނެޓުގައި ޕެނަލްޓީ އަކުން ލީޑު ނަގައިދިނީ އައިވަރީ ކޯސްޓް މިޑްފީލްޑަރު ފްރޭންކް ކެސިއޭ އެވެ. އަދި ދެ ވަނަ ގޯލް 77 ވަނަ މިނެޓުގައި ޖެހީ ސްޕެނިޝް ވިންގާ ސަމޫ ކަސްޓެހީލޯ އެވެ. ސަމްޕްޑޯރިއާގެ އަލްބިން އެކްޑަލް 82 ވަނަ މިނެޓުގައި ގޯލް ޖަހައި މިލާން ހާސްކުރި ނަމަވެސް އެ ޓީމުން ތިން ޕޮއިންޓް ކަށަވަރުކުރީ އެވެ.

ރޭ ކްރޮޓޯނޭ ކޮޅަށް ނަޕޯލީގެ ގޯލްތައް ޖަހައިދިނީ ލޮރެންޒޯ އިންސީނޭ އާއި ހާވިން ލޮޒާނޯ އާއި ޑިއެގޯ ޑެމޭ އަދި އަންދްރޭ ޕެޓަގްނާ އެވެ. ތާވަލުގެ ފުލުގައި އޮތް ކްރޮޓޯނޭގެ ކުޅުންތެރިޔަކާށް 49 ވަނަ މިނެޓުގައި ދެއްކި ރަތްކާޑާ އެކު އެ ޓީމުން ދެ ވަނަ ހާފުގެ ބޮޑުބައި ކުޅުނީ އެކަކު މަދުކޮށެވެ.

ރޭ ރޯމާ އާއި ސަސުއޮލޯ ވަނީ 0-0 އިން އެއްވަރުވެފަ އެވެ. އެއާ އެކު، 19 ޕޮއިންޓް ލިބިފައިވާ ސަސުއޮލޯ ފަސް ވަނަ އަށް ވެއްޓިފައިވާއިރު ރޯމާ އޮތީ 18 ޕޮއިންޓާ އެކު ހަ ވަނައިގަ އެވެ.