2023 ގައި އައިއޯއައިޖީ ބޭއްވުމުގެ ފުރުސަތު ރާއްޖެ އަށް ގެއްލިއްޖެ
2023 ގައި އައިއޯއައިޖީ ބޭއްވުމުގެ ފުރުސަތު ރާއްޖެ އަށް ގެއްލިއްޖެ

ރާއްޖެ އަށް 2023 ވަނަ އަހަރުގެ އިންޑިއަން އޯޝަން އައިލެންޑް ގޭމްސް (އައިއޯއައިޖީ) ބޭއްވެން ނެތުމުން، އެ ފުރުސަތު މަޑަގަސްކަރަ އަށް ދޭން އިންޑިއަން އޯޝަން އައިލެންޑް ގޭމްސް ފެޑެރޭޝަނުން ނިންމައިފި އެވެ.

ދިވެހި ސަރުކާރުން ވަރަށް ބޮޑަށް ކެމްޕެއިންކޮށްގެން މިދިޔަ އަހަރު ހޯދި އެ ފުރުސަތުގެ ބޭނުން ރާއްޖެ އަށް މި ވަގުތު ހިފެން ނެތީ ކޮވިޑުގެ ސަބަބުން ކުރިމަތިވި އިގްތިސާދީ ދަތިކަމާ ހެދި އެވެ. އެހެންވެ ރާއްޖޭން ހުށަހެޅީ ގޭމްސް 2025 ވަނަ އަހަރަށް ފަސްކުރާށެވެ.

އެކަމަކު މަޑަގަސްކަރަ އިން 2023 ގައި ބާއްވަން ވިއްދާފައި އޮތުމުންނާއި 2025 އަށް ފަސްކޮށްފި ނަމަ ގޭމްސްއެއް ނެތި ހަ އަހަރު ވާނެތީ، ގިނަ ގައުމުތަކަށް ފެނުނީ 2023 ގައި ބާއްވަން ނިންމައި މަޑަގަސްކަރަ އަށް ފުރުސަތު ދޭށެވެ.

ރާއްޖޭން ދެން އެދުނީ ކުރިއަށް ވުރެ މުއްދަތު އަވަހަށް 2025 ގައި ގޭމްސްއެއް ބާއްވަން ނިންމައި ހޯސްޓްކުރުމުގެ ފުރުސަތު ރާއްޖެ އަށް ދޭށެވެ. އެގޮތަށް ވާން ނެތް ނަމަ އާއްމު އުސޫލުން 2027 ގައި ބާއްވާ ގޭމްސް ހޯސްޓްކުރުމުގެ ފުރުސަތު ހޯދަން ވެސް ރާއްޖޭން ވަކާލާތުކުރި އެވެ.

އެކަމަކު މިރޭ ބޭއްވީ 2023 ގެ ގޭމްސްއާ ބެހޭ ބައްދަލުވުމަކަށް ވާތީ ރާއްޖޭގެ ހުށަހެޅުންތަކާ މެދު ގޮތެއް ނުނިންމަ އެވެ. އެކަމާ ވާހަކަ ދައްކާނީ ފެބްރުއަރީ 14 ވަނަ ދުވަހު ބާއްވާ ބައްދަލުވުމުގަ އެވެ.

ބައްދަލުވުމުގައި ބައިވެރިވެވަޑައިގެންނެވި މޯލްޑިވްސް އޮލިމްޕިކް ކޮމިޓީގެ ސެކްރެޓަރީ ޖެނެރަލް އަހުމަދު މަރުޒޫގު (މަރޭ) ވިދާޅުވީ ވަރަށް މަސައްކަތުން ލިބުނު ފުރުސަތު ގެއްލުމަކީ ވަަރަށް ބޮޑު މާޔޫސްކަމެއް ކަމަށެވެ.

"ކޮވިޑުގެ ސަބަބުން ގޮންޖެހުންތައް ދިމާވި. އެކަމަކު ކޮންމެ ސަބަބަކާ ހުރެ ނަމަވެސް ފުރުސަތު ގެއްލުމަކީ ދެރައެއް،" އޭނާ ވިދާޅުވި އެވެ.

ކޮވިޑުގެ އުނދަގޫ ހާލަތުގެ ތެެރެއިން 2023 ވަނަ އަހަރު ރާއްޖޭގައި ގޭމްސް ބާއްވަން ވަރަށް ބައިވަރު ގޮންޖެހުންތަކެއް އެބަހުރި ކަމަށް ސްޕޯޓްސް މިނިސްޓަރު އަހުމަދު މަހުލޫފް ވަނީ ތަކުރާރުކޮށް ވިދާޅުވެފަ އެވެ.

އެކަމަކު މަރުޒޫގު އޭރު ވެސް ވިދާޅުވީ އޭނާ ގަބޫލުކުރާގޮތުގައި އައިއޯއައިޖީ ބޭއްވޭނެ ގޮތްތަކެއް ހޯދޭނެ ކަމަށެވެ.

"ކޮންމެހެން ނުޖެހޭ ފަސް ތަރީގެ ގޭމްސް އެއް ބާއްވާކަށް. ހަގީގަތުގައި އިންޑިއަން އޯޝަން އައިލެންޑް ގޭމްސް އާއި ސައުތު އޭޝިއަން ގޭމްސް އަކީ މާ ބޮޑު ފެންވަރެއްގައި ބާއްވާ ގޭމްސް އެއް ނޫން. މީގައި ޖެހެނީ ގައުމުތަކުން އެތުލީޓުން އައިސް ރަނގަޅަށް ވާދަކޮށްލެވޭ މަގެއް އޮތުން،" މަރުޒޫގު ވިދާޅުވި އެވެ.

އޭނާ ކުރިން ވަނީ ވަކި ކަންކަމަށް ބަލަައިގެން ގޭމްސް ފަސްކުރަން ނޫނީ މި ފުރުސަތު ދޫކޮށްލަން ވިސްނުމުގެ ބަދަލުގައި މިހާރު ލިބިފައި އޮތް ވަގުތުގެ ބޭނުން ހިފައިގެން ވެސް ކަންކަން ރޭވިދާނެ ކަން ފެންނަން އޮތްއިރު އެ ގޮތަށް މަސައްކަތް ނުކުރަނީ ކީއްވެތޯ ސުވާލު އުފައްދަވައިފަ އެވެ. އޭނާގެ ނަޒަރުގައި އައިއޯއައިޖީގެ ޕްލޭން އެންމެ ފުރަތަމަ އައި ދުވަހުން ފެށިގެން ވާހަކަ ދެކެވުނީ އެންމެ ވޯސްޓް ކޭސްގައި ވެސް މުބާރާތް ބޭއްވޭނެ ގޮތްތައް ހޯދޭނެ ކަމަށް ގަބޫލުކޮށްގެންނެވެ.

ގޭމްސްގެ ފުރުސަތު ރާއްޖެ އަށް ގެއްލޭގޮތަކަށް މި ވަގުތު ކަންތައްތައް ކުރުމުގެ ބަދަލުގައި ރާއްޖޭގައި ބޭއްވޭނެ އެހެން ގޮތްތަކެއް ހޯދޭތޯ މަސަައްކަތްކުރުން މާ ރަނގަޅުވާނެ ކަމަށް ސްޕޯޓްސް ކޯޕަރޭޝަންގެ ޗެއާމަން ހުސެއިން މުހައްމަދު (ވޮލީ ހުސެން) ވެސް ވަނީ ވިދާޅުވެފަ އެވެ.

"ކޮވިޑް-19ގެ ސަބަބުން އެބަހުރި އިގްތިސޯދީ ގޮތުން ބޮޑެތި ގޮންޖެހުންތަކެއް. އެކަމަކު އަދި އައިއޯއައިޖީ މި އޮތީ ދެ އަހަރު ފަހުން. މާނަ އަކީ އަދިވެސް އެބައޮތޭ ވަގުތުތަކެއް އެހެން ގޮތްތަކެއް ހޯދަން. (އެއީ) މި ވަގުތު އައިއޯއައިޖީ ރާއްޖޭގައި ނުބާއްވައިފިނަމަ ރާއްޖެ އަށް ނުވި ކަމަށް ކަނޑައަޅާފައި އެހެން ގައުމަކުން އެކަން ކުރާނެތީ،" ހުސެން ވިދާޅުވެފައިވެ އެވެ.