06 ޑިސެމްބަރ 2020 - 21:41

ނ. މަނަދޫން އަލަށް ދޫކޮށްފައިވާ ގޯތިތައް ރައްޔިތުންނާ ހަވާލުކުރުމުގެ ކުރިން ސާފުކުރި އިރު، ގަވާއިދާ ހިލާފަށް ރުއްގަސް ނެގި ކަމަށް ބުނެ އެ ރަށު ކައުންސިލް 20،000 ރުފިޔާ އިން އެންވަޔަރަމެންޓް ޕްރޮޓެކްޝަން އޭޖެންސީ (އީޕީއޭ) އިން މިއަދު ޖޫރިމަނާކޮށްފި އެވެ.
އީޕީއޭ އިން ނެރުނު އިއުލާނުގައި ބުނީ 30 ދުވަހުގެ މުއްދަތެއްގެ ތެރޭގައި އެ ފައިސާ އީޕީއޭ އަށް ދައްކަން ޖެހޭނެ ކަމަށެވެ.
އެކަމަކު އެ ރަށު ކައުންސިލްގެ ނައީބު ރައީސް އަހުމަދު ނަޒީދު "މިހާރު" އަށް ވިދާޅުވީ އެ ގޯތިތައް ސާފުކުރުމުގެ މަސައްކަތް ކުރުމުގެ ކުރިން އެކަން އީޕީއޭ އަށް އެންގި ކަމަށެވެ. އެއީ މިދިޔަ ސެޕްޓެމްބަރު ހިސާބުގައި ކަމަށާއި އެކަމާ ގުޅިގެން އީޕީއޭގެ ބަހެއް ލިބިފައި ނުވާތީ ބަޔަކާ ގުޅިގެން ކައުންސިލުން މި މަސައްކަތް ފެށީ ކަމަށް އެތަނުން ބުންޏެވެ.
"ރައްޔިތުންނަށް ފަސޭހަކުރަން ވެގެން، ބިންތައް ހަވާލުކުރުމުގެ އެތަން ސާފުކުރުމުގެ މަސައްކަތް އަޅުގަނޑުމެން ފެށީ،" ނަޒީދު ވިދާޅުވި އެވެ.
ނަމަވެސް އެ މަސައްކަތް ފުލުހުން ލައްވާ އީޕީއޭ އިން ހުއްޓުވި ކަމަށް އޭނާ ވިދާޅުވި އެވެ. އެއަށް ފަހު އެކަމުގައި ނަގަން ޖެހޭ ހުއްދަތައް ނެގި ކަމަށާއި މިހާރު ވެސް އެ މަސައްކަތް ކުރިއަށް ގެންދަމުން އަންނަ ކަމަށް އޭނާ ވިދާޅުވި އެވެ.
"ފުލުހުން ލައްވާ އެ މަސައްކަތް ހުއްޓުވުމުގެ ކުރިން ނެގި ރުއްގަސްތަކާ ގުޅިގެން އެ ޖޫރިމަނާ ކުރީ. ގާތްގަނޑަކަށް ހައެއްކަ ގޯތިން ރުއްގަސް ނެގިން [ފުލުހުން] ނުހުއްޓުވަނީސް،" ނަޒީދު ވިދާޅުވި އެވެ.
ޖުމްލަ 74 ގޯއްޗެއް ސާފުކުރުމުގެ މަސައްކަތް ކައުންސިލުން ވަނީ ފަށައިފަ އެވެ. މި ގޯތިތައް ދޫކުރަން އިއުލާން ކުރީ 2016 ވަނަ އަހަރު އެވެ.