06 ޑިސެމްބަރ 2020 - 21:05

ވައްކަމުގެ މައްސަލަތަކުގައި ބައެއް ބޭފުޅުންނާ ދެކޮޅަށް ދައުވާކުރައްވަން ޕްރޮސެކިއުޓާ ޖެނެރަލް ހުސައިން ޝަމީމް ފަސްޖެހިވަޑައިގަންނަވާ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު މިރޭ ވިދާޅުވެެއްޖެ އެެވެ.

ރައްޔިތުންގެ މަޖިލީހުގައި މިހާރު ކުރިއަށްދާ ޖަލްސާގެ އެޖެންޑާގައި ކުރިއަށް ގެންދިޔަ އެއް ކަމަކީ ޔޫއޭއީގެ ކުންފުންޏަކާ ހަވާލުކޮށްގެން 75 ވެންޓިލޭޓަރު ގެންނަން ކުރި މަސައްކަތާ ބެހޭ ގޮތުން ކުރީގެ ހެލްތު މިނިސްޓަރު އަބްދުﷲ އަމީން ރައްޔިތުންގެ މަޖިލީހަށް ދޮގު ހެއްދެވި ކަމުގެ ތުހުމަތާ ބެހޭ ރިޕޯޓެވެ. ރައްޔިތުންގެ މަޖިލީހުގެ އިމްތިޔާޒާއި ސުލޫކު ކޮމިޓީން އަމީނުގެ މައްސަލަ ބެލުމަށް ފަހު އެކުލަވައިލި ރިޕޯޓުގައި ބުނީ އޭނާ މަޖިލީހަށް ގަސްދުގައި އޮޅުވާލައްވާފައިވާ ކަމަށެވެ. އެ ރިޕޯޓުގެ ބަހުސްގައި ބައެއް މެމްބަރުން ވިދާޅުވީ ފިޔަވަޅެއް ނޭޅި މިކަހަލަ މައްސަލަަތައް ނިމިގެންދާ ކަމަށެވެ.
މެމްބަރުންގެ އެ ވާހަކަަތަކަށް ރައްދު ދެއްވައި ނަޝީދު ވިދާޅުވީ މަޖިލީހުގެ ރިޔާސަތުގައި އެމަނިކުފާނު އިންނަވާ ކަމަށް ވަންޏާ، މަޖިލީހުގެ އިމްތިޔާޒަށް އަރައިގަންނަ މައްސަލަތައްް ބެލޭނެ ކަމަށެވެ. މަޖިލީހުގެ ކަންތައްތައް އެހެން ގޮތަކަށް ނުގެންދަވާނެ ކަމަށާއި އެހެން ކުށްތަކުގެ ކަންތައްތަކުގައި މައްސަލަ ޝަރީއަތަށް ފޮނުވުމުގައި އެމަނިކުފާނަށް އެއްޗެއް ވިދާޅުނުވެވިދާނެ ކަމަށެވެ. އެގޮތުން މައްސަލަ ޝަރީއަތަށް ފޮނުވުމުގައި އެމަނިކުފާނަށް ގޮތް ވިދާޅުނުވެވޭނެ މައްސަލަތަކުގެ ގޮތުގައި ބޮޑެތި ބައެއް ކުށްްތައް މިސާލެއްގެ ގޮތުގައި ވިދާޅުވި އެވެ. އޭގެ ތެރޭގައި ވައްކަމާއި ރާބުއިމާއި ޒިނޭގެ ކުށް ހިމެނެ އެވެ.
"އަޅުގަނޑުގެ ނުކުތާއަކީ އެހެން މައްސަލަތަކުގައި އަޅުގަނޑުމެންނަށް އަޅައިނުލެވުނު ކަމުގައި ވީ ނަަމަވެސް، މަޖިލީހުގެ އިމްތިޔާޒަށް އަރަައިގަތީމާ މިތަނުން އެކަން ނިންމީމާ ޕްރޮސެކިއުޓާ ޖެނެރަލް ދައުވާ ކޮށްދެއްވަން ޖެހޭނެ. އެއަކު ދެން އިތުރު ބަހަނާއެއް ނެތް، ޕްރޮސެކިއުޓާ ޖެނެރަލް ފަހަތަށް އެބަ ޖެހިވަޑައިގަންނަވާ ވައްކަމުގައި ދައުވާ ކުރުމަށް، ބައެއް ބޭފުޅުންގެ މައްޗަށް،" ނަޝީދު ވިދާޅުވި އެވެ.
ވެންޓިލޭޓަރުތައް ގެންނަން ޔޫއޭއީގެ އެގްޒެކިއުޓާސް ޖެނެރަލް ޓްރޭޑިން އާ ހަވާލުކުރުމުގައި އަމީނާއި ހެލްތު މިނިސްޓްރީގެ އެހެން ބައެއް ބޭފުޅުން ކޮރަޕްޝަނުގެ އަމަލުތަކެއް ހިންގެވި ކަމަށް އެންޓިކޮރަޕްޝަން ކޮމިޝަން (އޭސީސީން) ތުހުމަތުކުރެ އެވެ. އެ މައްސަލައިގައި ދައުވާކުރަން ފޮނުވުމުން ޕީޖީ ނިންމެވީ ދައުވާ ކުރެވޭ ވަރަށް ހެކި ނެތް ކަމަށެވެ.
އެ ނިންމެވުުމާ މެދު ނަޝީދު އޭރު ވެސް ކަންބޮޑުވުން ފާޅުކުރެއްވި އެވެ. އަދި އެ މައްސަލަ އަލުން މުރާޖައާ ކުރަން ގޮވާލައްވައި، އެ މައްސަލަ މަޖިލީހުގެ ޖުޑިޝަރީ ކޮމިޓީން ބަލަން ވެސް އެމަނިކުފާނު އޭރު އެދިވަޑައިގެންނެވި އެވެ.