06 ޑިސެމްބަރ 2020 - 19:11

އެކިއެކި ކުޅިވަރުގެ ހުނަރުވެރި ކުޅުންތެރިން ރާއްޖޭގައި ތިބި ނަމަވެސް ކުޅިވަރު ތަރައްގީކޮށް، ކުރިއަރުވާނެ ވަސީލަތްތައް ނެތުމުން އެފަދަ މީހުން ކުޅިވަރާ ދުރަށްދާ ތަން ފެނިވަޑައިގަންނަވާ ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު މިއަދު ވިދާޅުވެއްޖެ އެވެ.
ހުޅުމާލެ މިނީ ސްޕޯޓްސް ކޮމްޕްލެކްސްގައި، ޓޭބަލް ޓެނިސް (ޓީޓީ) އާއި މާޝަލް އާޓްސް ސެންޓަރު ހުޅުވުމުގެ ގޮތުން ބޭއްވި ރަސްމިއްޔާތުގައި ރައީސް ވިދާޅުވީ ކުޅިވަރާ ގުޅިފައިވާ އުންމީދުތައް ގިނަ ކަމަށެވެ. ނަމަވެސް އެކަންތައްތައް ހާސިލްކުރަން ބޭނުންވާ ގިނަ ވަސީލަތްތަކެއް ނެތް ކަމަށް ވިދާޅުވި އެވެ.
"އެ ކާމިޔާބީތަކާ ހަމައަށް ވާސިލް ވާން އެކަށީގެންވާ މިންވަރަށް ވަސީލަތްތައް ތަރައްގީކުރެވިފައި ނެތް ކަމަކީ އަޅުގަނޑުމެން ގަބޫލުކުރަން ޖެހޭ ކަމެއް،" ރައީސް ވިދާޅުވި އެވެ.
ކުޅުންތެރިން ކުރިއަރުވަން ބޭނުންވާ ވަސީލަތްތަކާއި ތަމްރީންތައް ފޯރުކޮށްދިނުމުގައި މި ސަރުކާރުން އެއްބާރުލުން ދޭނެ ކަމަށް ރައީސް ވިދާޅުވި އެވެ. މި ކަމުގައި އެސޯސިއޭޝަންތަކާއި އަދި ދަރިވަރުންގެ ބެލެނިވެރިން ކުރާ މަސައްކަތަށް ވެސް އެއްބާރުލުން ދެއްވާނެ ކަމަށް އެ މަނިކުފާނު ވިދާޅުވި އެވެ.
މިދިޔަ އަހަރު ރާއްޖެ އަށް ކުޅިވަރުން ލިބުނު ބައިނަލްއަގްވާމީ ވަނަތަކަށް އިޝާރާތް ކުރައްވައި އިންޑިއަން އޯޝަން އައިލެންޑް އޭޝިއަން ގޭމްސްގައި ޓީޓީން ލިބުނު ކާމިޔާބީތައް އެމަނިކުފާނު ފާހަގަކުރެއްވި އެވެ. އަދި މިއަދު ހުޅުވި ހޯލާ އެކު އިތުރު އެތުލީޓުން އުފެދޭނެ ކަމަށް އުންމީދު ކުރައްވާ ކަމަށް ވިދާޅުވި އެވެ.
ބައިނަލްއަގްވާމީ ރާޒުވާ މުބާރާތަކުން ދިވެހި ދަރިވަރުންތަކެއް މި އަހަރު ރަން މެޑަލް ހޯދާފައިވާ ކަަމަށް ވެސް ރައީސް ވިދާޅުވި އެވެ. އެއީ "ސައުތު އޭޝިއަން ޗެސް ފެސްޓިވަލް ފޮ ކެޑޭޓްސް އެންޑް ޑިސްއެބަލްލްޑް ޖޫނިއާސް"ގައި ބައިވެރިވި ގިޔާސުއްދީން ސްކޫލުގެ ގްރޭޑް ހައެއްގެ ދަރިވަރު މަރިޔަމް މިޝްކާ އާއި ތާޖުއްދީން ސްކޫލުގެ ގްރޭޑް ނުވައެއްގެ ދަރިވަރު މަރިޔަމް ލައިޝާ އަބްދުލް ރަޝީދެވެ. އެ ދަރިވަރުންނަށް ރައީސް މަރުހަބާ ވިދާޅުވި އެވެ.
"މިއިން އަޅުގަނޑުމެންނަށް އެނގިގެން ދިޔައީ ކުޅިވަރުގެ ވަސީލަތްތައް ފަހިކޮށްދިން ވަރަކަށް ދިވެހި ޒުވާނުންގެ ކަރުގައި އެޅޭ ރަން މެޑަލްތައް ގިނަވެގެންދާކަން،" ރައީސް ވިދާޅުވި އެވެ.
މީގެ އިތުރުން ޓީޓީ ކުޅުންތެރިނަންނަށް ހާއްސަ ހޯލެއް މާލެ ސަރަހައްދުގައި އަންނަ އަހަރު ހަދާނެ ކަމަށް ވެސް އެ މަނިކުފާނު ވިދާޅުވި އެވެ. އަދި މާޝަލް އާޓްސް މިހާރަށް ވުރެ ފުރިހަމަކޮށް ކުރިއަރުވަން އެކަމަށް ހާއްސަ އެސޯސިއޭޝަނެއް ވެސް ހަދާނެ ކަމަށް ވިދާޅުވި އެވެ.