07 ޑިސެމްބަރ 2020 - 07:47

ޖޭމްސް ބޮންޑް ސީރީޒްގެ ފުރަތަމަ ފިލްމު "ޑރ. ނޯ" ގައި އެކްޓަރު ޝޯން ކޮނެރީ ބޭނުންކުރި ފިސްތޯލަ 256،000 ޑޮލަރަށް ވިކިއްޖެ އެވެ.
އެމެރިކާގެ ޖޫލިއަންސް އޮކްޝަންސް އިން މި މަހުގެ 3 ވަނަ ދުވަހު އޮންލައިންކޮށް ކުރިއަށް ގެންދިޔަ ނީލަމުގައި ސެމީ-އޮޓޮމެޓިކް ވޯދާ ޕީޕީ ފިސްތޯލައިގެ ފެށޭ އަގަކަށް ހަމަޖައްސާފައި އޮތީ 150،000 ޑޮލަރު (2,311,500ރ.) އެވެ.
"އައިކަންސް އެންޑް އައިޑޮލް ޓްރިލޮޖީ: ހޮލީވުޑް" ގެ ނަމުގައި ބެވަލީ ހިލްސްގައި ބޭއްވި ނީލަމުގައި ކުޑަ ފިސްތޯލަ އެންމެ ދަށްވެގެން ވެސް 200،000 ޑޮލަރު (3,082,000ރ.) އަށް ވިކޭނެ ކަމަށް ކުރިން ވެސް އަންދާޒާކޮށްފައިވެ އެވެ.
ނަމަވެސް 256،000 ޑޮލަރު (3,955,200ރ.) އަށް ޕިސްތޯލަށް ގަތް މީހާގެ ނަން ވަނީ ސިއްރުކޮށްފަ އެވެ. އޭނާއާ ބެހޭ ގޮތުން ޖޫލިއަންސް އޮކްޝަންސް އިން ބުނީ އެއީ ޖޭމްސް ބޮންޑްގެ ފިލްމުތަކުގެ އެމެރިކާގެ ވަރަށް ބޮޑު ފޭނެއް ކަމަށާއި އޭނާ އަކީ އެ ސީރީޒްގެ ހުރިހާ ފިލްމުތަކެއް ދަރިންނާ އެކު ބަލާފައިވާ މީހެއް ކަމަށެވެ.
ޖޭމްސް ބޮންޑް ބޮޑު ސްކްރީނަށް އުފަންވި 1962 ގެ ފިލްމު "ޑރ. ނޯ" ގައި ބޭނުންކުރި ފިސްތޯލަ ނީލަމުގައި ވިއްކައިލާކަން އިއުލާންކުރީ ޝޯން އޮކްޓޯބަރު 31 ގައި މަރުވެފައި ވަނިކޮށެވެ.
އުމުރުން 90 ގައި އަހަރުގައި އޭނާ މަރުވި އިރު، ބޮންޑް ސީރީޒްގެ ހަތް ފިލްމެއް ކުޅެފައިވެ އެވެ. އެއީ "ޑރ. ނޯ" ގެ އިތުރުން ފްރޮމް ރަޝިއާ ވިތު ލަވް (1963)، ގޯލްޑް ފިންގާ (1964)، ތަންޑަބޯލް (1965)، ޔޫ އޮންލީ ލަވް ޓްވައިސް (1967)، ޑައިމަންޑްސް އާ ފޯއެވާ (1971) އަދި ނެވާ ސޭ ނެވާ އެގެއިން (1983) އެވެ.
ޖޭމްސް ބޮންޑް ސީރީޒްގެ 25 ވަނަ ފިލްމު "ނޯ ޓައިމް ޓު ޑައި" އަންނަ އަހަރުގެ އެޕްރީލް 2 ގައި ސިނަމާތަކަށް ގެންނާނެ އެވެ. ފިލްމުވެގެން ދާނީ ޑެނިއަލް ކްރެއިގް ބޮންޑްގެ ރޯލުން ފެންނާނެ ފަސް ވަނަ އަދި ފަހު ފިލްމަށެވެ.