އިންސާފު ނުލިބި ލަސްވަމުންދާ ކަމަށް ބުނެ މަޖިލީހަށް މައްސަލައެއް
އިންސާފު ނުލިބި ލަސްވަމުންދާ ކަމަށް ބުނެ މަޖިލީހަށް މައްސަލައެއް

މަނީ ލޯންޑަރިންގެ ކުށުގައި ފަސް އަހަރުގެ ޖަލު ހުކުމެއް ތަންފީޒުކުރައްވަމުން ގެންދަވާ ކުރީގެ ރައީސް އަބްދުﷲ ޔާމީނާއި އަނިޔާވެރިގޮތަކަށް މަރާލާފައި ތިބި މީހުންގެ އާއިލާތަކަށް އިންސާފު ލިބުން ލަސްވަމުންދާތީ އިދިކޮޅު ކޯލިޝަނުން ރައްޔިތުންގެ މަޖިލީހަށް މައްސަލައެއް ހުށަހަޅައިފި އެވެ.

މަޑުއްވަރީ ދާއިރާގެ މެމްބަރު އާދަމް ޝަރީފް އިއްޔެ ހުށަހެޅުއްވި މައްސަލައިގައި ވިދާޅުވީ، އަދުލް އިންސާފު ގާއިމްކުރުމަށް އިސްލާމް ދީނާއި ގާނޫނު އަސާސީން ވަރަށް ބޮޑަށް ބާރުއަޅާ ކަމަށާއި ހައްގުތައް ރައްކާތެރިކޮށްދިނުމަކީ ދިވެހި ދައުލަތަށް ލާޒިމު އަދި ޑިކޮމްރެޓިކް ވެރިކަމެއްގެ އެންމެ މުހިއްމު އުންސުރުކަމުގައި ގަބޫލުކުރެވޭ ކަމަށެވެ.

ނަމަވެސް ޔާމީނަށް އިންސާފު ލިބުން ލަސްވަމުން ދާތީ އެ މަނިކުފާނަށް އަނިޔާ ލިބި ހައްގުތައް ގެއްލެމުންދާ ކަމަށް ވެސް ވިދާޅުވި އެވެ.

އުނގޫފާރު ދާއިރާގެ ކުރީގެ މެމްބަރު ޑރ. އަފްރާޝިމް އަލީ އާއި އަނިޔާވެރިގޮތަކަށް މަރާލާފައި ރ. މީދޫ، ފެންފިޔާޒުގެ މުހައްމަދު އަނަސް އާއި ބްލޮގަރު ޔާމީން ރަޝީދު އަދި ވަގަށް ނަގާފައިވާ ނޫސްވެރިޔާ އަހުމަދު ރިލްވާންގެ އިތުރުން އެ ފަދަ އެތައް މައްސަލައަކަށް އިންސާފު ނުލިބި ލަސްވަމުންދާ ކަމަށް، ހުށަހެޅި މައްސަލާގައިވެ އެވެ. އޭގައި ބުނެފައިވަނީ އިިންސާފު ލިބޭނެކަމުގެ ޔަގީންކަމެއް ވެސް ނެތި އެތައް އާއިލާތަކެއް މާޔޫސްވެ އުއްމީދު ގެއްލި އެ އާއިލާތަކުގެ ހައްގުތައް ގެއްލެމުންދާ ކަމަށެވެ.

"އިންސާފު ލިބުން ލަސްވަމުންދާ މިފަދަ މައްސަލަތަކަށް އަވަސް ހައްލެއް ހޯދައިދީ، ރާއްޖޭގެ ތަހުގީގު ކުރުމާއި ޝަރުއީ ނިޒާމުގެ ތެރެއަށް ނުފޫޒު ފޯރުވުމެއް ނެތި، އިންސާފު ލިބޭނެކަމުގެ އިތުބާރު ރައްޔިތުންނަށް ހޯދައިދީ، އިންސާފު ގާއިމްކުރުން އަވަސްކުރެވޭނެ ގޮތްތަކެއް ހޯދުމަށް، ދައުލަތުގެ ސަމާލުކަން ދެއްވުމަށް އެދި...މި މައްސަލަ ރައްޔިތުންގެ މަޖިލީހަށް ހުށައަޅަމެވެ،" އެ މައްސަލައިގައި ވެ އެވެ.

އިންސާފު ލިބުން ލަސްވަމުންދާ ކަމަށް ބުނެ އިދިކޮޅު ޕީޕީއެމް/ޕީއެންސީ ކޯލިޝަނުން މަޖިލީހަށް މައްސަލައެއް ހުށަހެޅިއިރު، ޔާމީނަށް އިއްވާފައިވާ ހުކުމްގެ އިސްތިއުނާފު މައްސަލައިގެ އަޑުއެހުންތައް ހައި ކޯޓުން ނިންމާލިތާ ތިން މަސް ވަނީ އެވެ. ނަމަވެސް އަދި ހުކުމެއް ނީއްވަ އެވެ.

ޑރ. އަފްރާޝިމާއި އަނަސް އާއި ޔާމީން ރަޝީދުގެ މަރުގެ މައްސަލަ އަދި ރިލްވާން ވަގަށް ނެގި މައްސަލަ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު އުފައްދަވާފައިވާ ރިޔާސީ ކޮމިޝަނުން އަންނަނީ ތަހުގީގުކުރަމުންނެވެ. ނަމަވެސް އެ ކޮމިޝަން އުފެއްދިތާ ދެ އަހަރުވެގެން ދިޔައިރު ވެސް ނަތީޖާއެއް ނުފެންނަ ކަމަށް ބުނެ އެތައް ބައެއްގެ ފާޑުކިޔުން އަމާޒުވެފައި ވެ އެވެ.