ކޮވިޑްގެ ހުސްކަމަށް ފަހު ރިސޯޓުތައް އަނެއްކާ ވެސް ފުރެނީ
ކޮވިޑްގެ ހުސްކަމަށް ފަހު ރިސޯޓުތައް އަނެއްކާ ވެސް ފުރެނީ

ކޮވިޑްގެ ހުސްކަމަށް ފަހު ރާއްޖޭގެ ރިސޯޓުތައް އަނެއްކާ ވެސް ފުރެން ފަށައިފި އެވެ.

އާންމު ގޮތެއްގައި ވެސް އަހަރުގެ ފަހު ދުވަސްކޮޅަކީ ރާއްޖެ އަށް ޓޫރިސްޓުން އެންމެ ގިނައިން އަންނަ ދުވަސްވަރެވެ. އެހެން ނަމަވެސް ކޮވިޑާ ގުޅިގެން ރާއްޖޭގެ ޓޫރިޒަމް ދާއިރާ ވަރަށް ބޮޑަށް ދަށަށް ދިޔަ އެވެ. ރާއްޖޭގެ ބޯޑަރު ބަންދުކޮށް ގިނަ ރިސޯޓުތަކެއް އެތައް ދުވަހެއް ވަންދެން ހިދުމަތް ހުއްޓިފައި އޮތެވެ.

ޕެރެޑައިސް އައިލެންޑް ރިސޯޓުގެ ޖެނެރަލް މެނޭޖަރު ގައިސަރު ނަސީމް ވިދާޅުވީ މި އަހަރުގެ ކްރިސްމަސް އާއި އާ އަހަރު ރިސޯޓު ފުލްވާނެ ކަމަށެވެ.

"މިހާރު ޓޫރިޒަމް މިދަނީ ހަމަ ވަރަށް ރަނގަޅަށް. ކުރިއަށް އޮތް ދުވަސްތައް އޮތީ ފުލްކޮށް،" އޭނާ ވިދާޅުވި އެވެ.

ރާއްޖެއަށް މިހާތަނަށް ގާތްގަނޑަކަށް 462،000 ޓޫރިސްޓުން އައިސްފައިވެ އެވެ. މިދިޔަ މަހު 35،000 ޓޫރިސްޓުން އައިސްފައިވެ އެވެ. އެއީ ޖުލައި މަހު ބޯޑަރު ހުޅުވި ފަހުން އެންމެ ގިނަ ޓޫރިސްޓުން އައި މަހެވެ. މި މަހާއި މި ފެށޭ ޖެނުއަރީ މަހު ވެސް ޓޫރިސްޓުން ވަރަށް ބޮޑަށް އިތުރުވާނެ ކަމަށް ރިސޯޓުތަކުގެ އިސްވެރިން ބުނެ އެވެ.

ލަކްސް ރިިސޯޓުގެ ރީޖަނަލް ޑައިރެކްޓަރު ޓްރެއިނިން އެންޑް ޑިވެލޮޕްމަންޓް ހުސެއިން އަފީފު ވިދާޅުވީ މިމަހުގެ 10 އިން ފެށިގެން މަސް ނިމެންދެން ލަކްސްގެ ރިސޯޓުތައް ފުލް ވާނެ ކަމަށެވެ. މީގެ އިތުރުން އަންނަ ޖެނުއަރީ މަސް ވެސް ފެންނަނީ ވަރަށް ރަނގަޅަށް ކަަމަށް އޭނާ ވިދާޅުވި އެވެ.

"މިހާރު ވެސް ޖެނުއަރީ މަހުގެ 50 ޕަސެންޓް އޮކިއުޕެންސީ އޮތީ ފުލްކޮށް،" އޭނާ ވިދާޅުވި އެވެ.

ރާއްޖެއިން ބޯޑަރު ހުޅުވައިލީ ޖުލައި މަހު އެވެ. އެ މަހު ރާއްޖެ އަށް އައީ ގާތްގަނޑަކަށް ހާހެއް ޓޫރިސްޓުންނެވެ. އެއަށްފަހު މަހުން މަހަށް އަންނަ ޓޫރިސްޓުންގެ އަދަދު އިތުރެވެ.

އިނަ މޯލްޑިވްސް މެނޭޖިން ޑިރެކްޓަރު މުހައްމަދު ފިރާގު ވިދާޅުވީ، މި ދުވަސްވަރު މިދިޔަ އަހަރެކޭ އެއްވަރަށް ގިނަ ރިސޯޓުތައް ފުލް ވަމުން އަންނަ ކަމަށެވެ. އަދި ބައެއް ރިސޯޓުތައް އޯވާބުކްވެފައިވާ އިރު ކެޕޭސިޓީގެ ދަތިކަން ބައެއް ތަންތަނަށް ކުރިމަތިވެދާނެ ކަމަށް އޭނާ ވިދާޅުވި އެވެ.

"އަދިވެސް ބައެއް ރިސޯޓުތައް އެއްކޮށް ހުޅުވައެއް ނުލާ. އެހެންވީމަ ބެޑްގެ ދަތިކަން ކުރިމަތިވުން އެކަށީގެންވޭ،" އޭނާ ވިދާޅުވި އެވެ.

ފިރާގު ވިދާޅުވީ، ސަރަހައްދީ އެހެން ގައުމުތަކަށް ވުރެ ކުރިން ރާއްޖޭގެ ބޯޑަރު ހުޅުވައިލުމަކީ ޓޫރިސްޓުން އަންނަ ވަރު އިތުރުވުމަށް ދިމާވި ސަބަބު ކަމަށެވެ. މިގޮތުގައި ރާއްޖެ ހިފަހައްޓާލެވިއްޖެ ނަމަ ކުރިއަށް އޮތް އަހަރު ފެށިގެން އަންނާނީ ވަރަށް ވެސް ކާމިޔާބުކޮށް ކަމަށް އޭނާ ވިދާޅުވި އެވެ.

ރާއްޖެއަށް އަންނަ ޓޫރިސްޓުން އިތުރުވެ ރިސޯޓުތަށް އޯވާބުކް ވަމުން އަންނަ އިރު ރާއްޖެ އަށް އެންމެ ގިނައިން ޓޫރިސްޓުން އަންނަ ގައުމުތައް ވެސް ވަނީ ބަދަލުވެފަ އެވެ. ބޯޑަރު ހުޅުވައިލުމަށްފަހު އެންމެ ގިނަ ޓޫރިސްޓުން އައިސްފައި ވަނީ ރަޝިއާ އާއި އިންޑިއާ އާއި އިނގިރޭސިވިލާތުންނެވެ. ބޯޑަރު ބަންދުވުމުގެ ކުރިން ވަކި ވަކި ގައުމުތަކުގެ ތެރެއިން އެންމެ ގިނައިން ޓޫރިސްޓުން އަންނަނީ ޗައިނާއިންނެވެ. ކޮވިޑާ ގުޅިގެން އަދިވެސް ޗައިނާ އޮތީ ބަންދުކޮށްފަ އެވެ.