06 ޑިސެމްބަރ 2020 - 13:36

ރާއްޖޭގެ ފުޓްބޯޅަ ސީޒަން ހުޅުވަން އަންގާރަ ދުވަހު ކުޅޭ ޗެރިޓީ ޝީލްޑް މެޗުގައި ރެފްރީކަންކުރަން، އެފްއޭއެމުން 2011 ގެ ޗެމްޕިއަންސް ލީގުގެ ފައިނަލުގެ ރެފްރީ ހަންގޭރީގެ ވިކްޓަ ކަސާއީ ގެނެސްފި އެވެ.
ލަންޑަނުގެ ވެމްބްލީ ސްޓޭޑިއަމުގައި މެންޗެސްޓާ ޔުނައިޓެޑް އަތުން 3-1 އިން ބާސެލޯނާ މޮޅުވި މެޗުގެ ރެފްރީ، އިންސާފުކުރާ ރާއްޖޭގެ ޗެރިޓީ ޝީލްޑް މެޗުގައި ބައްދަލުކުރާނީ މާޒިޔާ އާއި އީގަލްސް އެވެ.
ކަސާއީ ވަނީ ދެކުނު އެފްރިކާގައި 2010 ވަނަ އަހަރު އޮތް ވޯލްޑް ކަޕުގެ ދެ ވަނަ ބުރުގައި އެމެރިކާ އާއި ގާނާ ވާދަކުރި މެޗާއި ސެމީ ފައިނަލުގައި ޖަރުމަނާއި ސްޕެއިން ބައްދަލުކުރި މެޗުގައި އިންސާފިކޮށްފަ އެވެ. އޭނާ ވަނީ 2012 ގެ ޔޫރޯގައި ސްޕެއިނާއި އިޓަލީ ކުޅުނު މެޗާއި އިންގްލެންޑާއި ޔޫކްރޭން މެޗުގައި ވެސް ރެފްރީކަންކޮށްފަ އެވެ. މިވަގުތު ކަސާއީ އަކީ ރަޝިއަން ފުޓްބޯލް ޔޫނިއަންގެ ހެޑް އޮފް ރެފްރީސް އެވެ.
ކަސާއީ ވެގެންދާނީ 2006 ވަނަ އަހަރު "ހަވީރު" ނޫހުން ރާއްޖެ ގެނައި ދުނިޔޭގެ އެންމެ މަޝްހޫރު ރެފްރީ އިޓަލީގެ ޕިއަރްލުއިޖީ ކޮލީނާ އަށް ފަހު ގަލޮޅު ދަނޑުން ފެންނާނެ އެންމެ ފުންނާބު އުސް އެއް ރެފްރީ އަށެވެ. ކޮލީނާ އެ ފަހަރު އިންސާފުކުރީ، ސުނާމީ ފަންޑްރެއިޒިން މެޗެއްގަ އެވެ.