ކޮވިޑް 19: ތެދު އަދި ދޮގު މައުލޫމާތުގެ ސުނާމީއެއް
ކޮވިޑް 19: ތެދު އަދި ދޮގު މައުލޫމާތުގެ ސުނާމީއެއް

މިހާރު ފެތުރެމުން މިދާ ކޮވިޑް-19 އަކީ، ފަހުގެ ތާރީޚު ދުށް އެންމެ ހިތާމަވެރި ބަލިމަޑުކަމެވެ. މާޗް 2020 ގައި ކޮވިޑް-19 "އެޕިޑެމިކް" އަކުން "ޕެންޑަމިކް" އަކަށް ބަދަލުވެއްޖެ ކަމަށް ދުނިޔޭގެ ސިއްހަތު ޖަމިއްޔާ އިން އިއުލާން ކުރި އެވެ. މާނައަކީ، މަދު ގައުމުތަކެއްގައި ކޮވިޑް-19 ފެތުރެމުން ދިޔަ ދިޔުން، ދުނިޔޭގެ ހައެއްކަ ގައުމު ނުވަތަ އެއަށްވުރެ ގިނަ ގައުމުތަކުގައި ފެތުރެން ފެށިކަމުގެ އިންޒާރު ދިނުމެވެ.

ކޮވިޑް 19: ތެދު އަދި ދޮގު މައުލޫމާތުގެ ސުނާމީއެއް
ކޮވިޑް 19: ތެދު އަދި ދޮގު މައުލޫމާތުގެ ސުނާމީއެއް

ދެން ފެނިގެން ދިޔައީ އެ ބައްޔާ ދޭތެރޭ ތަފާތު ވާހަކަތަކެއް މުޅި ދުނިޔޭގައި ވެސް ދެކެވެމުން ދިޔަ ތަނެވެ. ޑަބްލިޔުއެޗްއޯގެ ޑިރެކްޓަ ޖެނެރަލް ޑރ. ޓެޑްރޯސް ވިދާޅުވެފައިވާ ގޮތުން ދުނިޔެ މި ހަނގުރާމަ ކުރަމުން ދަނީ ހަމައެކަނި "އެޕިޑެމިކް" އަކާ އެކަންޏެއް ނޫނެވެ. އޭގެ ބަދަލުގައި، ދުނިޔެ ހަނގުރާމަ ކުރަމުން މިދަނީ "އިންފޮޑެމިކް" އަކާ ވެސް ކަމަށް އޭނާ ވިދާޅުވި އެވެ.

މުޅި ދުނިޔެ ހިމެނޭ ގޮތަށް އިންފޮޑެމިކްއާ ހަނގުރާމަކުރުމަށް ދުނިޔޭގެ ސިއްހަތު ޖަމިއްޔާ އިން ހިންގި އެންމެ ފުރަތަމަ އިންފޮޑެމިކް މެނޭޖަރުން ތަމްރީނުކުރުމުގެ ޕްރޮގްރާމްގައި ރާއްޖެ ވެސް ވަނީ ބައިވެރިވެފަ އެވެ. އޮކްޓޫބަރު 29، އިން ނޮވެމްބަރު 19 އަށް ހިންގި މި ޕްރޮގްރާމްގައި 78 ގައުމުން 278 މީހުން ބައިވެރިވެފައި ވެއެވެ.

"އިންފޮޑެމިކް" އަކީ ބަލިމަޑުކަމަކާ ގުޅިގެން ބޭނުންވާ ވަރަށް ވުރެ އިތުރަށް ދޮގު އަދި ތެދު މައުލޫމާތު ހިމެނޭ ގޮތަށް، ވަރަށް ބައިވަރު މައުލޫމަތު އެއްފަހަރާ ފެތުރިގެން ދިއުމެވެ. ނުވަތަ މައުލޫމާތުގެ ސުނާމީއެއް އުފެދުމެވެ. އޭގެ ސަބަބުން މީހުންނަށް މައުލޫމާތު ލިބުމުގައި އޮޅުންއަރައި، ސަރުކާރުތަކާއި ސިއްހީ ހިދުމަތުގެ އިތުބާރު ގެއްލޭ ގޮތް މެދުވެރިވެއެވެ.

ދޮގު މައުލޫމާތު ދެ ބަޔަކަށް ބެހެ އެވެ. އެއް ވައްތަރަކީ، ނޭނގުމުގެ ތެރޭގައި އެހެން ފަރާތަކަށް ހިއްސާކުރެވޭ ދޮގު މައުލޫމާތެވެ. ނޭނގުމުގެ ތެރޭގައި މިފަދަ މައުލޫމާތު އަނެކާއާ ހިއްސާކުރެވެނީ ހެޔޮނިޔަތުގައި، އަނެކާ އަށް ލިބިދާނެ ގެއްލުމަކުން ސަލާމަތްކުރުމަށެވެ. މިއަށް އިނގިރޭސިން ކިޔަނީ "މިސްއިންފޮމޭޝަން" އެވެ. ނަމަވެސް ދެވަނަ ވައްތަރަކީ އެނގި ހުރެ، ގެއްލުން ދިނުމުގެ މަގުސަދުގައި ގަސްތުގައި ދޮގު މައުލޫމާތު ފެތުރުމެވެ. އެއަށް އިނގިރޭސިން ކިޔަނީ "ޑިސްއިންފޮމޭޝަން" އެވެ.

މި ދާއިރާއަކީ އެޕިޑެމިއޮލޮޖީ ފަދައިން އިންފޮޑެމިއޮލޮޖީ ގެނަމުން އުފެދިގެން އަންނަ އާ ދާއިރާއެކެވެ.

އިންފޮޑެމިކް ނުވަތަ ތެދު އަދި ދޮގު މައުލޫމާތު ހިމެނޭ ބައިވަރު މައުލޫމާތު އެއްފަހަރާ ފެތުރެން ފެށެނީ ތުންތުން މަތިން ފެށޭ ވާހަކައެއްގެ ގޮތުގަ އެވެ. ދެން ހަލުއިމިނުގައި ސޯޝަލް މީޑިއާގައި އެ ވާހަކަތައް ބަންޑުން ކޮށްލެވެއެވެ. އަދި ނޫސްތަކުގެ ފަލަ ސުރުހީތަކަށް އެ ވާހަކަތައް އަރައި، ބަސްބުނިހިނދުން މުޅި ދުނިޔެ އަށް ފެތުރިގެންދެއެވެ.

ކޮވިޑާ ގުޅިގެން ވެސް މިފަދަ ބައިވަރު ދޮގު މައުލޫމާތުތައް ފެތުރެ އެވެ. އެހެންވެ އެފަދަ މައުލޫމާތުތަކުން ރައްކާތެރިވެ، ސަމާލުވެ ތިބެން ޖެހެ އެވެ. "އިންފޮޑެމިކް" އިން ސަލާމަތްވާން ކުރެވިދާނެ ބައެއް ކަންތައްތައް ތިރީގައި މި ވަނީ އެވެ.

1. ކޮވިޑް-19 އާ ބެހޭ މައުލޫމާތަކީ ކިހާވަރެއްގެ ތެދު މައުލޫމާތެއްތޯ ބެލުން.

2. ލިބުނު މައުލޫމާތަކީ ތެދު ނުވަތަ ދޮގު މައުލޫމާތެއް ކަން ދޭހަވާވަރުގެ ހެކި ހުރިތޯ ބެލުން. ކޮވިޑް-19 އާ ބެހޭ އެންމެ ތެދު މައުލޫމާތު ދުނިޔޭގެ ސިއްހަތު ޖަމިއްޔާގެ ވެބްސައިޓުން ލިބޭނެ.

3. މައުލޫމާތުތައް ލިބުމުން އެ މައުލޫމާތަކީ ތެދު މައުލޫމާތެއްތޯ ނުވަތަ ދޮގު މައުލޫމާތެއްތޯ ބެލުމަށް އިތުބާރު ހިފޭ އެހެން ފަރާތަކާ އަޅާކިއުން.

4. ފޯނަށް މެސެޖެއް ލިބުމުން ލައިކް ކޮށްލުމުގެ ކުރިން ނުވަތަ އެހެން ފަރާތަކާ ހިއްސާކޮށްލުމުގެ ކުރިން އެ މެސެޖުގައި ވަނީ ތެދު މައުލޫމާތުތޯ އިތުބާރުހިފޭ ފަރާތަކުން ޔަގީންކުރުން.

5. ފޯނަށް އަންނަ މެސެޖަކީ ދޮގު މައުލޫމާތެއްކަން އެނގޭ ނަމަ އެ މެސެޖެއް އެހެން ފަރާތަކާ ހިއްސާ ނުކުރުން އަދި ލައިކް ވެސް ނުކުރުން.

6. ތެދު މައުލޫމާތު ފެތުރުމުގައި އެހެން ފަރާތްތަކަށް ނަމޫނާ ދައްކާ މީހަކަށްވުން.

7. ރަހުމަތްތެރިންގެ މެދުގައި ނުވަތަ އާއިލާގެ ތެރޭގައި ދޮގު މައުލޫމާތެއް ދައުރުވަމުންދާކަން އެނގޭ ނަމަ އެ މައުލޫމާތެއްގެ ހަގީގަތް ހާމަކޮށްދިނުން. އަދި ތެދު މައުލޫމާތުގެ ހެކި ހިއްސާކުރުން ނުވަތަ ތެދު މައުލޫމާތު ކަމާބެހޭ މާހިރުންގެ ލަފަޔާ އެކު ބެލޭނެ ގޮތް ކިޔައިދިނުން.

8. މާ ގިނަ ވަގުތު އިންޓަނެޓްގައި ބޭކާރު ގޮތުގައި ހޭދަނުކުރުން. އަދި އިންޓަނެޓް ބަލާނެ ވަކި ވަގުތުތަކެއް ކަނޑައެޅުން. މިސާލަކަށް؛ ބޭނުންވާ އެންމެ ފަހުގެ މައުލޫމާތު ދުވާލަކު އެއްފަހަރު ނުވަތަ ދެ ފަހަރު ހޯދުން. ސަބަބަކީ، ކޮވިޑް-19 އަކީ މުޅި ދުނިޔެ އަށް ވެސް ވަރަށް އާ ބައްޔަކަށް ވާތީ ސައިންސްވެރިންގެ ދިރާސާތަކުގެ އަލީގައި މި ބައްޔާ ބެހޭ އާ ކަންތައްތައް މިހިނދުން މިހިނދަށް ހޯދަމުން ގެންދާތީ.

9. ކުރެވިދާނެ އެހެން ކަންތައްތަކުގެ ތެރޭގައި، ކަސްރަތު ކޮށްލުން، ގުރުއާން ކިޔަވާލުން، ފޮތެއް ކިޔާލުން، ލަވައެއް އަޑުއަހާލުން ނުވަތަ ދެން ވެސް ކުރާ ހިތްވާ ކޮންމެވެސް ތަފާތު ކަމެއް ކޮށްލުން. މިކަންކަމުން، ޖިސްމާނީ އަދި ނަފްސާނީ ގޮތުން ދުޅަހެޔޮ ސިއްހަތެއްގައި ހުރުމަށް މަގުފަހިކޮށްދޭ.

އޮޅޭގޮތަށް ލިޔެފައި ހުންނަ ސިއްހީ މައުލޫމާތު އިންޓަނެޓްގައި ދައުރުވުމުން، ބައެއް ހާލަތްތަކުގައި މީހުން މަރުވުމުގެ ހިތާމަވެރި ހާދިސާތައް ކޮވިޑް-19 ގެ ތެރޭގައި ވަނީ ހިނގައިފަ އެވެ. އެހެންވެ، ސައިންޓިފިކް ދިރާސާތަކުގެ އަލީގައި ތެދުބަހުން ލިޔެފައިވާ ލިޔުންތަކުގެ މުހިއްމުކަން ކޮވިޑް-19 އާ ގުޅިގެން ކުރިއަށް ވުރެ ވެސް ވަނީ ބޮޑުވެފަ އެވެ.

އެޑިޓަރުގެ ނޯޓް: ޒީނާޒް ފަހްމީ (ޒީނަޒް) އަކީ ދުނިޔޭގެ ސިއްހަތު ޖަމިއްޔާ އިން ތަމްރީނު ލިބިވަޑައިގެންފައިވާ އިންފޮޑެމިކް މެނޭޖަރެކެވެ. އޭނާ ވަނީ އިނގިރޭސިވިލާތުގެ ޔުނިވާސިޓީ އޮފް ސެންޓްރަލް އިންގްލަންޑް އިން މާސްޓާސް އޮފް ސައިންސް އިން ހެލްތު ޑިވެލޮޕްމަންޓް އިން މަތީ ތައުލީމު ހާސިލްކުރައްވައިފަ އެވެ. ޒީނާޒް އަކީ ރެޖިސްޓާޑް ނަރުހެކެވެ. މިހާރު ވަޒީފާ އަދާކުރައްވަނީ ދިވެހިރާއްޖޭގެ ގައުމީ ޔުނިވާސިޓީގަ އެވެ.