06 ޑިސެމްބަރ 2020 - 19:19

މަސްތުވާތަކެތި ޓްރެފިކްކުރުމުގެ ގިނަ މައްސަލަތަކެއް ކްރިމިނަލް ކޯޓުގައި ފުނިޖެހި، ގޮތެއް ނުނިމި ލަސްވަމުން ދާތީ ފުލުހުން ކަންބޮޑުވުން ފާޅުކޮށްފި އެވެ.
ޑްރަގް އެންފޯސްމަންޓް ޑިޕާޓްމަންޓްގެ ހެޑް، ސުޕްރިޓެންޑެންޓް އޮފް ޕޮލިސް އަހުމަދު ޝާކިރު މިދިޔަ ބުރާސްފަތި ދުވަހު "މިހާރު" އަށް ވިދާޅުވީ 2018، 2019 އަދި މި އަހަރުގެ ޖޫން މަހާ ހަމައަށް ޑްރަގް ޓްރެފިކިންއާ ގުޅޭ 209 މައްސަލަ ތަހުގީގުކޮށް ދައުވާކުރަން ފޮނުވާފައިވާ ކަމަށެވެ. ނަމަވެސް މި ތިން އަހަރުގެ ތެރޭގައި ޝަރީއަތް ނިންމާފައިވަނީ އެންމެ 20 މައްސަލަ ކަމަށް ވިދާޅުވި އެވެ.
އޭނާ ވިދާޅުވިގޮތުގައި ތިން އަހަރުގެ ތެރޭގައި ޑްރަގް ޓްރެފިކިންގެ ސާބިތުވެފައި ވަނީ 12 މައްސަލަ އެވެ. އަށް މައްސަލައެއް ނިންމީ ސާބިތުނުވާ ކަމަށެވެ. ބާކީ ހުރި މައްސަލަތައް ވަނީ ކޯޓުގައި ތާށިވެފަ އެވެ.
"އަޅުގަނޑުމެންގެ ކަންބޮޑުވުމަކީ، ޓްރެފިކިން މައްސަލަތަކުގައި 209 މައްސަލަ އަށް ވުރެ ގިނަ މައްސަލަ އަޅުގަނޑުމެން 2018، 2019 އަދި 2020 ގެ ޖޫންގެ ނިޔަލަށް ތަހުގީގުކޮށްފައި ފޮނުވާފައި ވާނެ. އޭގެ މާނައަކީ ކްރިމިނަލް ކޯޓުގައި ވާނެއޭ 209 އަށްވުރެ ގިނަ މައްސަލަ މި ތިން އަހަރުގެ ތެރޭގައި މަސްތުވާތަކެތި ޓްރެފިކްކުރުމާ ގުޅޭ. އެކަމަކު މި ތިން އަހަރުގެ ތެރެއިން ކިތައް މައްސަލަތޯ ކޯޓުން މިހާތަނަށް ނިމުނީ އަޅުގަނޑުމެން ބެލިއިރު 20 މައްސަލަ ޖުމްލަ ނިމިފައި އޮތީ،" ޝާކިރު ވިދާޅުވި އެވެ.
"ކިހާ ވަރަކަށްތޯ ޓްރެފިކިންގެ މައްސަލަތަކުގައި ސްޕީޑް މި ހުރީ، އަޅުގަނޑުމެން ހަމަ ރަނގަޅު ބަލައި ދިރާސާކުރަން. އަޅުގަނޑުމެންގެ ކަންބޮޑުވުމަކީ އަސްލު ޓްރެފިކިން މައްސަލަތައް އޭގެ ސްޕީޑުގައި ކޯޓުތަކުގައި ކުރިއަށް ނުދިއުން. އެއީ އަޅުގަނޑުމެންގެ ހުރި އެންމެ ބޮޑު ކަންބޮޑުވުމަކީ އަސްލު."
އޭނާ ވިދާޅުވީ މި ފަހަކަށް އައިސް ސުޕްރީމް ކޯޓުން ނިންމަނީ މީގެ އަށް އަހަރު ކުރިން ނުވަތަ 10 އަހަރު ކުރިން އިސްތިއުނާފުކޮށްފައި ހުރި މަސްތުވާތަކެއްޗާ ގުޅުން ހުރި މައްސަލަތަކެވެ. އެ މައްސަލައިގެ ތަހުގީގުން ރަނގަޅުކުރަން ސުޕްރީމް ކޯޓުން އެ ބުނާ ބުނުން އަންނަނީ، ޝާކިރު ވިދާޅުވި ގޮތުގައި، މީގެ 10 އަހަރުކުރިން ކުރި ތަހުގީގަކަށެވެ. އެކަމަކު އެކަމެއް ރަނގަޅުކުރެވޭނީ މައްސަލަތައް ނިންމަން 10 އަހަރު ނުނަގައި ވަގުތު އޮއްވައި އެނގިގެން ކަމަށް ވެސް ވިދާޅުވި އެވެ.
"އަޅުގަނޑުމެންގެ ކަންބޮޑުވުމަކީ، އެ ޓްރެފިކިންގެ މައްސަލަތައް އެ ގޮތަށް ކުރިއަށް ނުގޮސްފައި ކޯޓުތަކުގައި ހުންނަ ހުރުން. ސާބިތުވޭތޯ ނޫނީ ނޫންތޯ އެއީ އަދި އެހެން ކަމެއް. ސާބިތު ނުވަންޏާ އޭގައި ރަނގަޅުކުރަން ޖެހޭނީ ތަހުގީގު ކަމަށް ވަންޏާ އެ ކަމެއް އަޅުގަނޑުމެން ރަނގަޅުކުރާނެ. އެކަމަކު އަޅުގަނޑުމެންނަށް ވަރަށް ގަބޫލުކުރެވޭ އަޅުގަނޑުމެން މިހާރު މި ގެންދާ ތަހުގީގާ އެއްޗިއްސަށް ބަލާއިރު މި ގެންދާ ކޭސްތައް ސާބިތުކުރެވޭ މިންވަރަށް މަސައްކަތް ކުރެވޭ،" ޝާކިރު ވިދާޅުވި އެވެ.
މިދިޔަ އަހަރު އެކަނި ވެސް ޑްރަގް އެންފޯސްމަންޓް ޑިޕާޓްމަންޓުން ހިންގި 172 އޮޕަރޭޝަނުން 296 ކިލޯގެ މަސްތުވާތަކެތި އަތުލައިގަތެވެ. މަސްތުވާތަކެތި ފެނިފައި ނުވަނީ ނުވަ އޮޕަރޭޝަނެއްގަ އެވެ.
"މި އަދަދަށް މަސައްކަތް ކުރެވޭއިރު، އޮޕަރޭޝަންގެ ސަކްސަސް ރޭޓް މިހާ ވަރަށް ހުރިއިރު އަޅުގަނޑުމެންނާއި އަޅުގަނޑުމެންގެ ޓީމާ ދޭތެރޭގައި ހަމަ ވަރަށް ބޮޑު ޔަގީންކަމެއް އަސްލުގައި އޮވޭ،" އޭނާ ވިދާޅުވި އެވެ.
މަތީ ކޯޓުތަކުން ނިންމާ ނިންމުންތަކަށް ދަށު ކޯޓުން ތަބާވާންޖެހޭނެ ކަމަށް ގާނޫނުއަސާސީގައި ބުންޏަސް ޑްރަގް ޓްރެފިކިންގެ މައްސަލަތަކުގައި ހައްޔަރުކުރާ މީހުން ދަށު ކޯޓުތަކުން ދޫކޮށްލާތީ ވެސް ޝާކިރު ވަނީ ކަންބޮޑުވުން ފާޅުކުރައްވައިފަ އެވެ. އޭނާ ވިދާޅުވީ އެގޮތަށް ތަކުރާރުކޮށް ދޫކޮށްލުމަކީ ގާނޫނުއަސާސީގެ ރޫހާއި މަތީ ކޯޓުގެ ނިންމުންތަކާ ވެސް އޭގެ ޒާތުގައި ހިލާފު ކަމެއް ކަމަށެވެ. އެކަމުގައި އާއްމުންނަށް ފެންނަ މަންޒަރު ތަފާތުވެގެން ހިނގައިދާނެ ކަމަށް ވިދާޅުވި އެވެ. ނަމަވެސް މުޅި ޕްރޮސެސް ދިރާސާކުރުމަށްފަހު އެ ވަނީ ކީއްކަން ބެލުން މުހިއްމު ކަން ފާހަގަކުރެއްވި އެވެ.
"މިސާލަކަށް، ޑްރަގް ޓްރެފިކިންގެ މައްސަލައިގައި ހައްޔަރުކުރެވޭ މީހާ ދޫކޮށްލުމުން ހައި ކޯޓަށް ދިއުމަށް ހޭދަވާ ވަގުތާއި ހައި ކޯޓުގައި އެ މަސައްކަތުގައި އުޅެންޖެހޭ ވަގުތާއި ރިސޯސާއި ދައުލަތުން އެ ކަމަށް ހޭދަވާ ވަގުތާއި މި ހުރިހާ ކަމަކަށް ބަލާއިރު ވެސް ހައި ކޯޓުން އަނެއްކާ މި ނިންމަނީ، ދޫކޮށްލި މީހާ އަނެއްކާ ހައްޔަރަށް ލާށޭ. އެހެން ގޮތަކަށް ނުއެއް ނިންމޭ،" އޭނާ ވިދާޅުވި އެވެ.
"އެކަމަކު ހަމަ ތަކުރާރުކޮށް ހަމަ ދޫކޮށްލާ ދޫކޮށްލުމަކީ ގާނޫނު އަސާސީގެ ރޫހާ ވެސް ހިލާފު، މަތީ ކޯޓުގެ ނިންމުންތަކާ ވެސް އޭގެ ޒާތުގައި ހިލާފު ނިންމުންތައް އެ ނިންމަނީ."
ދަށު ކޯޓުތަކުގައި މައްސަލަތައް ތާށިވެ ލަސްވަމުންދާތީ އެކަން، މަސްތުވާތަކެއްޗާ ބެހޭ ކަންކަމުގައި އެންމެ އިސް ދައުރެއް އަދާކުރާ ނޭޝަނަލް ޑްރަގް ކޮންޓްރޯލް ކައުންސިލްގެ ސަމާލުކަމަށް ވެސް ގެނެސްފައިވާ ކަމަށާއި ޕްރޮސެކިއުޓާ ޖެނެރަލް (ޕީޖީ) އޮފީހުން ވެސް އެކަމާ ގުޅުންހުރި މަސައްކަތްތަކެއް ކުރަމުން އަންނަކަމަށް ޝާކިރު ވިދާޅުވި އެވެ.