06 ޑިސެމްބަރ 2020 - 08:35

ލަންޑަން (ޑިސެމްބަރު 6) - އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ މެންޗެސްޓާ ޔުނައިޓެޑާއި މެންޗެސްޓާ ސިޓީ ކުޅުނު މެޗުތަކުން މޮޅުވިއިރު، ޗެލްސީން ހޯދި ތިން ޕޮއިންޓާ އެކު އެ ޓީމު ލީގުގެ އެއް ވަނަ އަށް ޖެހިލައިފަ އެވެ.

ސިޓީ މޮޅުވީ ފުލަމް އަތުން 2-0 އިންނެވެ. ޔުނައިޓެޑުން ފަހަތުން އަރައި ވެސްޓް ހޭމް ޔުނައިޓެޑް ބަލިކުރީ 3-1 އިންނެވެ. ލީޑްސް ޔުނައިޓެޑްގެ މައްޗަށް ޗެލްސީން ކުރިހޯދީ 3-1 އިންނެވެ.

ޗެލްސީ އެއް ވަނަ އަަށް އެރީ 11 މެޗުން 22 ޕޮއިންޓާ އެކު އެވެ. ދެ ވަނައިގައި އޮތް ޓޮޓެންހަމާއި ތިން ވަނައިގައި އޮތް ލިވަޕޫލަށް 10 މެޗުން 21 ޕޮއިންޓް ލިބިފައިވާއިރު، މިރޭގެ މެޗުތަކުން ނުކުންނަ ނަތީޖާތަކުން މި ދެ ޓީމަށް އެއް ވަނަ އަށް އެރޭނެ އެވެ. ޔުނައިޓެޑް ހަތަރު ވަނަ އަށް އެރީ 10 މެޗުން 19 ޕޮއިންޓް ހޯދައިގެންނެވެ. ފަސް ވަނައިގައި އޮތް ސިޓީ އަށް ވަނީ 10 މެޗުން 18 ޕޮއިންޓް ލިބިފަ އެވެ.
ޗެލްސީގެ ސްޓެމްފޯޑް ބްރިޖުގައި ރޭ ކުޅުނު މެޗުގެ ހަތަރު ވަނަ މިނިޓްގައި ލީޑްސް އަށް ލީޑުނަަގައިދިނީ ޗެލްސީގެ ކުރީގެ ފޯވާޑް ޕެޓްރިކް ބެމްފޯޑް އެވެ. ޗެލްސީ އަށް ފުރަތަމަ ހާފުގައި އެއްވަރުކޮށްދިނީ ރަނގަޅު ފޯމެއްގައި ހުރި އޮލިވިއޭ ޖިރޫޑް އެވެ. ދެ ވަނަ ހާފުގައި ޗެލްސީ މޮޅުކޮށްދިން ދެ ގޯލު ޖެހީ ކާޓް ޒޫމާ އާއި ކްރިސްޓިއަން ޕުލިސިޗް އެވެ. މި މެޗުގައި ލަނޑު ޖަހަން ޗެލްސީގެ ޓިމޯ ވާނާ އަށް ލިބުނު ފުރުސަތުތަކުގެ ބޭނުން އޭނާ އަށް ނުހިފުނެވެ.
ސިޓީ ދަނޑުގައި ކުޅުނު މެޗުގައި އެ ޓީމުން ދެ ގޯލު ޖެހީ ވެސް ފުރަތަމަ ހާފުގަ އެވެ. މެޗުގެ ފަސް ވަނަ މިނިޓްގައި ކެވިން ޑިބްރޭނާ ދިން ބޯޅައަކުން ސިޓީ އަށް ލީޑުނަގައިދިނީ ރަހީމް ސްޓާލިން އެވެ. މެޗުގެ 26 ވަނަ މިނިޓްގައި ސިޓީ އަށް ލީޑުފުޅާކޮށްދިނީ ޕެނަލްޓީ އަކުން ޑިބްރޭނާ އެވެ. މިއީ އޭރިއާ ތެރެއިން ސިޓީގެ ސްޓާލިން އަށް ފުލަމްގެ ޔަކިމް އެންޑަސަން ކުރި ފައުލަކަށް ރެފްރީ ދިން ޕެނަލްޓީ އެކެވެ. މިއީ ލީގުގައި މިހާތަނަށް ސްޓާލިން ކުޅެން ފެށި ފަހުން އޭނާ އަށް ފައުލުކޮށްގެން ލިބުނު 20 ޕެނަލްޓީ އެވެ. ސްޓާލިން އަކީ ލީގުގެ ތާރީހުގައި އެންމެ ގިނަ ޕެނަލްޓީ ހޯދި ކުޅުންތެރިޔާ އެވެ.
ރޭގެ މެޗަކީ ސިޓީގެ ކޯޗު ޕެޕް ގާޑިއޯލާގެ ކޯޗިން ކެރިއަރުގައި އޭނާ ނުކުތް 700 ވަަނަ މެޗެވެ. ކުރިން ބާާސެލޯނާ އާއި ބަޔާން މިއުނިކަށް ކޯޗުކޮށްދިން ގާޑިއޯލާ ވަނީ ކޯޗިން ކެރިއަރުގެ 11 ސީޒަނުގައި މިހާތަނަށް 29 ތަށި ހޯދައިފަ އެވެ. ގާޑިއޯލާ ބުނީ ސިޓީން މި ފަަހަރުގެ ލީގު ފެށީ ވަރަށް އުނދަގޫ ހާލަތެއްގައި ކަމަށާއި އެންމެ ފަހުން ކުޅުނު މެޗުތަކުގައި ރަނގަޅު ފޯމަކަށް ޓީމު ގެންނަން ކުރަމުން އަންނަ މަސައްކަތުގައި ކުރިއެރުންތަކެއް ލިބިފައިވާ ކަމަށެވެ.
ލަންޑަން ސްޓޭޑިއަމްގައި ވެސްޓް ހޭމްގެ 2000 ސަޕޯޓަރުން ކުރިމަތީގައި ކުޅުނު ރޭގެ މެޗަކީ ކޮވިޑް-19ގެ ހާލަތަށް އައި ބަދަލާ އެކީ އިނގިރޭސި ސަރުކާރުން ދިން ހުއްދައިގެ ދަށުން ސަޕޯޓަރުން ވަން ފުރަތަމަ މެޗެވެ. ސަޕޯޓަރުން ދަނޑަށް މި ވަނީ 200 އަށް ވުރެން ގިނަ ދުވަހަށް ފަހު އެވެ.
އަމިއްލަ ދަނޑުގައި ކުޅުނު ވެސްޓް ހޭމް އިން ފުރަތަމަ ހާފުގައި ލީޑުނެގީ 38 ވަނަ މިނިޓްގައި ތޯމަސް ސޫޗެކް ޖެހި ގޯލުންނެވެ. ފުރަތަމަ ހާފުގައި ވެސްޓް ހޭމް އަށް އިތުރު ގޯލުތަކެއް ޖަހައިދޭން ޕަބްލޯ ފޯނާލްސް އާއި ސަބެސްޓިއަން އަލެއާ އަށް ލިބުނު ފުރުސަތުތަކުގެ ބޭނުމެއް ނުހިފުނެވެ. އަދި ދެ ވަނަ ހާފްގައި ޖެރާޑް ބޯވެން އަތުން ވެސް ރަނގަޅު ފުރުސަތެއް ގެއްލުނެވެ.
ޔުނައިޓެޑުން ދެ ވަނަ ހާފުގައި މެޗުގެ ނަތީޖާ އަނބުރާލުމުގައި މި ހާފްގައި ބަދަލު ކުޅުންތެރިއެއްގެ ގޮތުގައި ކުޅެން އެރި ބްރޫނޯ ފެނާންޑޭސް އާއި މާކަސް ރެޝްފޯޑްގެ ދައުރު ބޮޑެވެ. ޔުނައިޓެޑުން ނަތީޖާ އަނބުރާލީ 13 މިނިޓް ތެރޭ ތިން ގޯލު ޖަހައިގެންނެވެ. ފުރަތަމަ ގޯލު ޖެހީ 65 ވަނަ މިނިޓްގައި ފެނާންޑޭސް ދިން ބޯޅައަކުން އޭރިއާ ބޭރުން ޖެހި ޝޮޓަކުން ޕައުލް ޕޮގްބާ އެވެ. ޔުނައިޓެޑުން އެ ގޯލު ޖެހުމުގެ ކުރިން ބޯޅަ އައީ ބޭރުވެފައި ކަމަށް ބުނެ ވެސްޓް ހޭމް އިން އެޕީލްކުރުމުން ވީޑިއޯ އެސިސްޓަންޓް ރެފްރީ (ވީއޭއާރް) އިން ބެލުމަށް ފަހު ރެފްރީ ނިންމީ ގޯލު ބަަލައިގަންނާށެވެ. އޭގެ ތިން މިނިޓް ފަހުން މޭސަން ގްރީންވުޑް ވަނީ ޔުނައިޓެޑަށް ލީޑުނަގައިދީފަ އެވެ.
ވެސްޓް ހޭމް އިން އެއްވަރުކުރަން ކުރިއަށް ޖެހިގެން ކުޅެމުން ދިޔަ ވަގުތެއްގައި މެޗުގެ 78 ވަނަ މިނިޓްގައި ހުއާން މަޓާ ދިން ބޯޅައަކުން ރެޝްފޯޑް ވަނީ ޔުނައިޓެޑަށް ތިން ވަނަ ގޯލެއް ޖަހައިދީފަ އެވެ. މި މޮޅާ އެކު ޔުނައިޓެޑުުން ޖެހިޖެހިގެން ރަށުންބޭރުގައި މި ވަނީ ލީގުގައި ނުވަ މެޗުން މޮޅުވެފަ އެވެ. މިއީ އެ ކްލަބްގެ ރެކޯޑެކެވެ.
މި ސީޒަން ރަނގަޅު ނަތީޖާތަކަކާ އެކީ ފެށި އެވަޓަން ފަހަކަށް އައިސް ވަރަށް ބޮޑަށް ފޯމު ގެއްލިފައި އޮތްއިރު، ލީގުގެ 19 ވަަނައިގައި އޮތް ބާންލީ ދަނޑުގައި ރޭ ވަނީ އެ ޓީމާ 1-1 އިން އެއްވަރުވެފަ އެވެ.