ވެކްސިނަކީ ވައިރަހަށް ޖާދޫގެ ވަޒަނެއް ނޫން: ޑަބްލިއުއެޗްއޯ
ވެކްސިނަކީ ވައިރަހަށް ޖާދޫގެ ވަޒަނެއް ނޫން: ޑަބްލިއުއެޗްއޯ

ޖެނީވާ (ޑިސެމްބަރު 6) - ވެކްސިނަކީ ކޮރޯނާވައިރަހަށް ޖާދޫގެ ވަޒަނެއް ނޫން ކަމަށް ބުނެ ދުނިޔޭގެ ސިއްހަތު ޖަމިއްޔާ، ޑަބްލިއުއެޗްއޯ އިން އިންޒާރުދީފި އެވެ.

ޑަބްލިއުއެޗްއޯގެ މި އިންޒާރު އައިސްފައި ވަނީ ބައެއް ކުންފުނިތަކުން ކޮރޯނާވައިރަހަށް އުފެއްދި ވެކްސިން ކާމިޔާބުވެ، ހުއްދަ ދިނުމުގެ މަރުހަލާގައި ވަނިކޮށެވެ. ރަޝިޔާގައި މިހާރު ވަނީ އެ ގައުމުން އުފެއްދި ވެކްސިން ދޭން ވެސް ފަށައިފަ އެވެ.

ޑަބްލިއުއެޗްއޯ އިން ބުނީ ވެކްސިންގެ ޑޯޒް ދިނުމުން ކޮވިޑް ބަލި ނެތިގެންދާނެ ކަމަށް ގަބޫލް ކުރުމަކީ ކުށް ހީއެއް ކަމަށެވެ.

"ވެކްސިންގެ ސަބަބުން ކޮވިޑް ސުން ލެވެލްއަކަށް ދަށަކަށް ނުދާނެ،" ޑަބްލިއުއެޗްއޯގެ އިމަޖެންސީ ޑިރެކްޓަރު މައިކް ރަޔަން ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ ވެކްސިނަކީ ކޮންމެ މީހަކަށް އެހާ ފަސޭހައިން، އަވަހަށް ލިބޭނެ އެއްޗެއް ނޫން ކަމަށެވެ.

ޑަބްލިއުއެޗްއޯގެ ޑިރެކްޓަރު ޖެނެރަލް ޓެޑްރޯސް އަދަނޮމް ގެބްރެޔުސެސް ވެސް ވިދާޅުވީ ވައިރަސް ނެތި ހިނގައިދާނެ ކަމަށް ބެލުމަކީ ގޯހެއް ކަމަށާއި ކޮރޯނާވައިރަސް މިހާރު ވެސް ދަނީ ހަލުވިކަމާ އެކު ފެތުރި ބައެއް ގައުމުތަކުގެ ހޮސްޕިޓަލްތައް ފުރެމުން ކަމަށެވެ.

ޑަބްލިއުއެޗްއޯ އިން ބުނީ ކޮރޯނާވައިރަހަށް މިހާރު ވެސް 51 ވެކްސިން ޓެސްޓް ކުރަމުންދާ ކަމަށެވެ. އޭގެ ތެރޭން 13 ވެކްސިން ވަނީ ފަހު ސްޓޭޖުގައި ކަމަށް ބުންޏެވެ.

އެމެރިކާގެ ފައިޒާ އައި ޖަރުމަނުގެ ބަޔޯއެންޓެކް ގުޅިގެން އުފެއްދި ވެކްސިން ބޭނުން ކުރުމުގެ ހުއްދަ އިނގިރޭސިވިލާތުން ވަނީ މިދިޔަ ބުދަ ދުވަހު ދީފަ އެވެ. އެމެރިކާގެ މޮޑާނާގެ ވެކްސިނަށް ވެސް ވަރަށް އަވަހަށް ހުއްދަ ލިބޭނެ ކަމަށް ބެލެެވެ އެވެ.

ބެލްޖިއަމް، ފްރާންސް އަދި ސްޕޭނުން ބުނީ ހައި-ރިސްކް ގްރޫޕްތަކުގެ މީހުންނަށް ޖެނުއަރީ މަހު ވެކްސިން ދޭން ފަށާނެ ކަމަަށެވެ.

ދުނިޔޭން މިހާތަނަށް ވަނީ 66 މިލިއަނަށް ވުރެ ގިނަ މީހުން ކޮރޯނާވައިރަހަށް ޕޮޒިޓިވްވެ 1.5 މިލިއަން މީހުން މަރުވެފަ އެވެ.