05 ޑިސެމްބަރ 2020 - 14:06

މޮސްކޯ (ޑިސެމްބަރު 5) - ކޮރޯނާވައިރަހަށް ރަޝިޔާ އިން އުފެއްދި ވެކްސިން އެ ގައުމުގައި ދޭން މިއަދު ފަށައިފި އެވެ.

ވެރިރަށް މޮސްކޯގެ ކްލިނިކްތަކުގައި ވެކްސިން ދޭން ފެށިއިރު އެންމެ ފުރަތަމަ ދެނީ ވައިރަހަށް އެންމެ ރިސްކް ބޮޑު މީހުންނަށެވެ. ކޮރޯނާވައިރަހަށް ރަޝިޔާ އިން އުފެއްދި ވެކްސިން ސްޕުޓްނިކް ވީ ރަޖިސްޓްރީކޮށްފައި ވަނީ އޮގަސްޓް މަހު އެވެ.
ރަޝިޔާގައި އާއްމުކޮށް ވެކްސިން ދޭން ފެށިއިރު ގިނަ ބަޔަކު ބޭނުންކޮށްގެން ވެކްސިން ޓެސްޓްކުރުމުގެ މަރުހަލާ އަދިވެސް ދަނީ ކުރިއަށެވެ. އެކަމަކު ވެކްސިން އުފެއްދި ފަރާތުން ބުނެފައި ވަނީ އެއީ ކޮރޯނާވައިރަހުން 95 ޕަސެންޓް ރައްކާތެރިކަން ލިބޭ ވެކްސިނެއް ކަމަށެވެ. އަދި ވެކްސިންގެ މާބޮޑު ސައިޑް އިފެކްޓްސް ވެސް ނެތް ކަމަށް ވަނީ ބުނެފަ އެވެ.
މި ހަފުތާ ބަންދުގައި ވެކްސިން ޖެހުމަށް ރަޝިޔާގައި ވަނީ އެތައް ހާސް ބަޔަކު ނަން ނޯޓްކޮށްފަ އެވެ. އެކަމަކު ރަޝިޔާގައި މިހާތަނަށް އުފައްދާފައި ވަނީ ކިހާ ވެކްސިނެއް ކަމެއް ނޭނގެ އެވެ. ވެކްސިން އުފައްދާ ފަރާތްތަކުން މި އަހަރު ނިމޭއިރަށް އުފެއްދޭނެ ކަމަށް ބެލެވެނީ ދެ މިލިއަން ޑޯޒުގެ ވެކްސިނެވެ.
މޮސްކޯގެ މޭޔަރު ސާގީ ސޮބިއަނިން ވިދާޅުވީ 13 މިލިއަން މީހުން ދިރިއުޅޭ ސިޓީގައި އެންމެ ފުރަތަމަ ވެކްސިން ދޭނީ ސްކޫލްތަކާއި ސިއްހީ ދާއިރާގައި މަސައްކަތް ކުރާ މީހުންނަށް ކަމަށެވެ.
ރަޝިޔާގެ ވެކްސިންގެ ދެ ވަނަ ޑޯޒް ދޭނީ 21 ދުވަސް ފަހުންނެވެ. ރަޝިޔާގެ އެންމެންނަށް ވެކްސިން ދެނީ ހިލެ އެވެ. ވެކްސިން ޖެހުން ވަނީ ވޮލަންޓަރީ ކަމެއްގެ ގޮތުގައި ދޫކޮށްލައިފަ އެވެ.
ރަޝިޔާގެ ޑިފެންސް މިނިސްޓްރީން މިދިޔަ ހަފުތާގައި ވަނީ ސިފައިންނަށް ވެކްސިން ދިނުމުގެ ބޮޑު ޕްރޮގްރާމެއް ފަށާފައިވާކަން އިއުލާންކޮށްފަ އެވެ. ރަޝިޔާ އިން އުއްމީދު ކުރަނީ ހަތަރު ލައްކަ ސިފައިންނަށް ވެކްސިން ދިނުމަށެވެ. އަދި މި އަހަރު ނިމެންވާއިރަށް 80،000 ސިފައިންނަށް ވެކްސިން ދެވޭނެ ކަމަށް އުއްމީދު ކުރެވެ އެވެ.
ރަޝިޔާގެ ހެލްތު މިނިސްޓަރު މިޚައިލް މުރަޝްކޯ ވިދާޅުވީ އެ ގައުމުގެ ވެކްސިން މިހާތަނަށް ވަނީ 100،000 މީހުންނަށް ދީފައި ކަމަށެވެ. ރަޝިޔާގެ ވެކްސިން ތައްޔާރު ކުރުމުގައި އެހީވި ރަޝިއަން ޑައިރެކްޓް އިންވެސްޓްމަންޓް ފަންޑުގެ ވެރިޔާ ކިރިލް ދިމިތުރިޔޭފް ވިދާޅުވީ ސްޕުޓްނިކް ވީ ވެކްސިން ހޯދަން 40 އަށް ވުރެ ގިނަ ގައުމުން ޝައުގުވެރިކަން ފާޅުކޮށްފައިވާ ކަމަށެވެ.