ކޮވިޑް ވެކްސިން އެމެރިކާގައި މަޖްބޫރެއް ނުވާނެ
ކޮވިޑް ވެކްސިން އެމެރިކާގައި މަޖްބޫރެއް ނުވާނެ

ވޮޝިންޓަން (ޑިސެމްބަރު 5) - ކޮރޯނާވައިރަހަށް އުފެއްދި ވެކްސިން އެމެރިކާގައި ލިބެން ފެށުމުން އެއްވެސް މީހަކަށް އެ ވެކްސިން ޖެހުމަށް ސަރުކާރުން މަޖްބޫރު ނުކުރާނެ ކަމަށް ރައީސް ކަމަށް އިންތިޚާބުކޮށްފައިވާ ޖޯ ބައިޑަން ވިދާޅުވެއްޖެ އެވެ.

އަންނަ މަހު 20 ވަނަ ދުވަހު ރައީސްކަމުގެ މަގާމާ ހަވާލުވެވަޑައިގަންނަވާ ބައިޑަން އެހެން ވިދާޅުވިއިރު އެމެރިކާގައި ރެކޯޑް އަދަދުތަކުން ދަނީ ކޮރޯނާވައިރަހަށް މީހުން ޕޮޒިޓިވްވަމުންނެވެ. މަރުވީ މީހުންގެ އަދަދުވެސް އިތުރުވާ އިރު ހޮސްޕިޓަލްތައް މިހާރު ދަނީ ފުރެމުންނެވެ.

ހުކުރު ދުވަހު އެކަނިވެސް ވަނީ 2،500 މީހުން މަރުވެ އަލަށް 225،000 މީހުން ޕޮޒިޓިވްވެފަ އެވެ. އެ ގައުމުން މިހާތަނަށް ވަނީ 14.3 މިލިއަން މީހުން ޕޮޒިޓިވްވެ 278،000 މީހުން މަރުވެފަ އެވެ. އެމެރިކާގައި ކޭސްތައް އިތުރުވާތީ ސެންޓަ ފޯ ޑިޒީޒް ކޮންޓްރޯލް (ސީޑީސީ) އިން މިހާރު ވަނީ "އެމެރިކާ މިހާރު އޮތީ ބަލި ފެތުރުމުގެ މަތީ ލެވެލްއެއްގެ ފޭހެއްގައި" ކަމަށް ބުނެ އިންޒާރު ދީފަ އެވެ.

ބައިޑަން ވިދާޅުވީ އެމަނިކުފާން ހުވާ ކުރުމުގެ ރަސްމިއްޔާތުގައި ބައިވެރިވާ މީހުންގެ އަދަދު މަދުކުރާނެ ކަމަށެވެ.

އެމެރިކާގެ ދެ ކުންފުނި ކަމަށްވާ ފައިޒާ އާއި މޮޑާނާ އިން އުފެއްދި ވެކްސިން ބޭނުން ކުރުމުގެ ހުއްދަ އަށް ފުޑް އެންޑް ޑްރަގު އެޑްމިނިސްޓްރޭޝަނަށް މިހާރު ވަނީ ހުށަހަޅައިފަ އެވެ. އިނގިރޭސިވިލާތުން ވަނީ ފައިޒާ ވެކްސިނަށް ހުއްދަ ދީފަ އެވެ.

ޑެލަވެއާގައި ވާހަކަ ދައްކަވަމުން ބައިޑަން ވިދާޅުވީ ކޮރޯނާވައިރަހުގެ ވެކްސިން ޖެހުމަށް އެމެރިކާގެ އެއްވެސް މީހަކަށް މަޖްބޫރު ނުކުރާނެ ކަމަށެވެ.

"އެކަމަކު އެންމެން ވެސް ވެކްސިން ޖެހުމަށް، ރައީސްގެ ހައިސިއްޔަތުން އަޅުގަނޑު ބާރު އަޅާނަން،" ބައިޑަން ވިދާޅުވި އެވެ.

މިދިޔަ ބުރާސްފަތި ދުވަހު ބައިޑަން ވިދާޅުވެފައި ވަނީ އާއްމުންނަށް ފެންނަ ގޮތަށް ކޮވިޑް-19 ވެކްސިން އެމަނިކުފާން ޖައްސަވާނެ ކަމަށެވެ. އެމެރިކާގެ ކުރީގެ ތިން ރައީސުން ކަމަށްވާ ބިލް ކްލިންޓަން، ބަރަކް އޮބާމާ އަދި ޖޯޖް ޑަބްލިއު ބުޝް ވެސް ވަނީ އެގޮތަށް އަމަލު ކުރައްވާނެ ކަމަށް ވިދާޅުވެފަ އެވެ.

ބައިޑަން ވިދާޅުވެފައި ވަނީ ވެރިކަމުގެ ފުރަތަމަ 100 ދުވަހު އެންމެން ވެސް މާސްކް އަޅައިގެން އުޅުމަށް އިލްތިމާސް ކުރައްވާނެ ކަމަށެވެ.