ކާތިކް "ދަމާކާ" ކުޅެނީ ފިލްމުގެ ފައިދާ އިން ބައިއަޅާ ގޮތަށް
ކާތިކް "ދަމާކާ" ކުޅެނީ ފިލްމުގެ ފައިދާ އިން ބައިއަޅާ ގޮތަށް

ބޮލީވުޑްގެ ޒުވާން އެކްޓަރު ކާތިކް އާރިޔަން މިދިޔަ މަހު ސޮއިކުރި ފިލްމު "ދަމާކާ" އަށް އޭނާ އެއްބަސްވީ ފިލްމުގެ ފައިދާ އިން ބައިއަޅާ ގޮތަށް ކަމަށް ރިޕޯޓްތައް ބުނެފި އެވެ.

ފިލްމީ ޚަބަރުތައް ގެނެސްދޭ ނޫސްތަކުން ބުނި ގޮތުގައި ރޯނީ ސްކްރޫވާލާ ޕްރޮޑިއުސްކޮށް، ރާމް މަދްވާނީ ޑައިރެކްޓްކުރާ ފިލްމަށް ކާތިކް ފިލްމު ކުޅެން އެއްބަސްވި އަގުގެ އިތުރަށް، ފިލްމު ސިނަމާތަކުގައި ދައްކައިގެން ލިބޭ ފައިދާއިންނާއި އޭގެ ސެޓެލައިޓް ނުވަތަ ޑިޖިޓަލް ރައިސްޓްސް ވިއްކާލައިގެން ލިބޭ ފައިދާ އިން ވެސް ބައިއަޅާ ގޮތަށެވެ. ނަމަވެސް އޭނާ އަށް ލިބޭނީ ފައިދާގެ ކިތައް ޕަސަންޓް ކަމެއް މީޑިއާތަކުން ނުބުނެ އެވެ.

"ދަމާކާ" ގެ ޝޫޓިން މި ހަފުތާގެ ތެރޭގައި ފަށަން ތައްޔާރީތައް ވަމުން އަންނަ އިރު މިއީ 2013 ގައި ރިލީޒްކުރި ކޮރެއާ ފިލްމު "ދަ ޓެރާ ލިވް" އަސްލަކަށް ބަލައިގެން ހަދާ ފިލްމެކެވެ. މީގެ ޝޫޓިން 45-50 ވަރަކަށް ދުވަހުގެ ތެރޭގައި ނިންމާނެ އެވެ. "ދަމާކާ" ގައި ކާތިކް ކުޅޭނީ ތަހުގީގީ ނޫސްވެރިއެއްގެ ރޯލެވެ. މި ފިލްމު ސިނަމާތަކަށް ގެންނާނީ އަންނަ އަހަރުގެ ހޫނު މޫސުމުގަ އެވެ.

މީގެ ދެ އަހަރު ކުރިން ރިލީޒްކުރި "ސޯނޫ ކޭ ޓިޓޫ ކީ ސްވީޓީ" އިން މަޝްހޫރުކަން ލިބުނު އެކްޓަރުގެ ކުރިއަށް ހުރި ފިލްމުތަކުގެ ތެރޭގައި "ދޯސްތާނާ 2" އާއި "ބޫލް ބުލައްޔާ 2" ހިމެނެ އެވެ.

"ދަމާކާ" ގެ ފައިދާއިން ބައިއަޅާ ގޮތަށް ކާތިކް، 30، ފިލްމަށް އެއްބަސްވި އިރު، މިގޮތަށް އާންމުކޮށް މި ފަހުން ފިލްމު ކުޅެނީ ބޮލީވުޑްގެ އެންމެ ވަރުގަދަ ތަޖުރިބާކާރު ތަރިންނެވެ. އޭގެ ތެރޭގައި ސަލްމާން ޚާނާއި ޝާހްރުކް ޚާނާއި އާމިރު ޚާނާއި އަކްޝޭ ކުމާރާއި އަޖޭ ދޭވްގަން ފަދަ ތަރިން ހިމެނެ އެވެ.