06 ޑިސެމްބަރ 2020 - 07:43

ޖަރުމަންގެ ދެމަފިރިއަކު މަރުވުމުން އެ މީހުންގެ ހުރިހާ މުދަލަކާއި ފައިސާއެއް އެ މީހުންގެ އަވަށްޓެރިންނަށް ލިބިއްޖެ އެވެ.
މީޑިއާތަކުން ރިޕޯޓްކޮށްފައިވާ ގޮތުގައި ރުމަނުގެ ޑިސްޓްރިކްޓެއް ކަމަށްވާ ވެއިޕަފެލްޑަންގައި ދިރިއުޅުނު ދެމަފިރިން މަރުވުމުން އެ މީހުން ހުރިހާ މުދަލަކާއި ފައިސާއެއް އަވަށްޓެރިންނަށް "ވާރުތަކުރި" އިރު ފައިސާގެ އަދަދު 6.2 މިލިއަން ޔޫރޯ (7.5 މިލިއަން ޑޮލަރު) އަށް އަރަ އެވެ. މީގެ އިތުރުން އެ މީހުންގެ މުދަލުގެ ގޮތުގައި ހުރި ގެތައް ވެސް ވަނީ އަވަށްޓެރިންނަށް ލިބިފަ އެވެ.
އަވަށްޓެރިންނަށް މުދަލާއި ފައިސާ ހިބަކޮށްދިން ދެމަފިރިންގެ ތެރެއިން ހިއްސާގެ ބާޒާރުގައި މަސައްކަތްކުރި އަލްފްރެޑް ވެޑެލް މަރުވީ 2014 ގަ އެވެ. އޭނާގެ އަންހެނުން ރިނޭޓް ވެޑެލް 2016 އިން ފެށިގެން ފްރެންކްޓްގެ ނާސިން ހޯމެއްގައި ހުއްޓައި އުމުރުން 81 އަހަރުގައި މަރުވީ މިދިޔަ އަހަރުގެ ޑިސެމްބަރު މަހުގެ ތެރޭގަ އެވެ.
ރިނޭޓް މަރުވުމުން ހުރިހާ މުދަލަކާއި ފައިސާއެއް އޭނާގެ އަންހެން ކޮއްކޮ އަށް ވާރުތަކުރި ނަމަވެސް އޭނާ ވެސް މަރުވެފައިވާތީ އެ މީހުންގެ މިލްކިއްޔާތަށް މިހާރު ބަލަދު އަރާނެ އެއްވެސް މީހަކު ދުނިޔެއަކު ނެތެވެ. އެހެންވެ މުޅި މިލްކިއްޔާތު އަވަށްޓެރިންނަށް ލިބުނީ އެވެ.
މިކަމާ ބެހޭ ގޮތުން ވެއިޕަފެލްޑަން މޭޔަރު ބާނަޑް ހީން މީޑިއާއަކަށް ވިދާޅުވީ ދެމަފިރިއެއްގެ މިލްކިއްޔާތު އަވަށްޓެރިންނަށް ލިބުމަކީ އާދައިގެ ކަމެއް ނޫން ކަމަށެވެ.
ނަމަވެސް ވެއިޕަފެލްޑަންގެ މުނިސަލަޕްޓީން މިހާރު ވަނީ ދެމަފިރިންގެ ފަރާތުން "ވާރުތަކުރި" ފައިސާ އިން އެ ޑިސްޓްރިކްޓްގެ ތަރައްގީގެ މަޝްރޫއުތައް ހިންގަން ނިންމައިފަ އެވެ. އޭގެ ތެރޭގައި މަގުތައް ހެދުމާއި ޕްރީ-ސްކޫލްތައް ބިނާކުރުމާއި އައުޓްޑޯ ޕޫލް ހެދުމާއި އާންމު ދަތުރުފަތުރުގެ ހިދުމަތް ރަނގަޅު ކުރުމާއި ކުޑަކުދިންނަށް ހާއްސަ އިތުރު ފެސިލިޓީތައް ގާއިމުކުރުން ފަދަ ކަންކަން ހިމެނެ އެވެ.
"މި ހުރިހާ މަސައްކަތެއް ކުރިއަށް ގެންދާނީ އެ ފައިސާ އަހަރެމެންނަށް ވާރުތަކޮށްދިން ދެމަފިރިންގެ ހަނދާނުގައި. އަދި އަބަދު ވެސް ވެއިޕަފެލްޑަން އިން އެ ދެމަފިރިންނަށް ޝުކުރު އަދާކުރާނެ." މުނިސިޕަލްޓީން ނެރުނު ބަޔާނެއްގައި ބުންޏެވެ.