05 ޑިސެމްބަރ 2020 - 11:13

މި ހަފްތާގައި ރާއްޖޭގެ ފުޓްބޯޅަ ސީޒަން ފެށުމުގެ ކުރިން ކުރިން ފުރަތަމަ ޑިވިޝަނުގެ އަށް ކްލަބްގެ ކުޅުންތެރިންނާއި އޮފިޝަލުން ކޮވިޑް-19 އަށް ޓެސްޓްކުރާނެ ކަމަށް އެފްއޭއެމުން ބުނެފި އެވެ.
އަންނަ އަންގާރަ ދުވަހުގެރޭ ސީޒަން ހުޅުވަން ކުޅޭ އެފްއޭ ޗެރިޓީ ޝީލްޑް މެޗުގައި އެންމެ ފަހުގެ ޗެމްޕިއަން މާޒިޔާ ބައްދަލުކުރާނީ މިދިޔަ އަހަރުގެ ރަނަރަޕް އީގަލްސްއާ އެވެ. ދިވެހި ޕްރިމިއާ ލީގު ފަށަން ނިންމާފައިވަނީ މި މަހު 13 ވަނަ ދުވަހު އެވެ.
އެފްއޭއެމްގެ ޖެނެރަލް ސެކްރެޓަރީ ހުސެއިން ޖަވާޒް (ޖަވާ) "މިހާރު" އަށް ވިދާޅުވީ ސީޒަން ފެށުމުގެ ކުރިން ހުރިހާ ޓީމެއްގެ ކުޅުންތެރިންނާއި އޮފިޝަލުން ކޮވިޑް-19 އަށް ޓެސްޓްކުރާނެ ކަމަށާއި އެއީ ގައިޑްލައިންގެ ތެރެއިން ކުރަން ޖެހޭ ކަމެއް ކަމަށެވެ.
"މިހާރު ރޭވިފައި އޮތީ ސީޒަން ފެށުމުގެ ކުރިން ހުރިހާ ކުޅުންތެރިންނާއި އޮފިޝަލުން (ކޮވިޑް-19 އަށް) ޓެސްޓްކުރަން. ދެން އެ އަށް ފަހު ޓެސްޓްކުރުން ކުރިއަށްދާނީ ހާލަތަށް އަންނަ ބަދަލުތަކަށް ބަލާފައި. މިސާލަކަށް އަލާމާތްތައް ފެންނަ ކުޅުންތެރިން އެ ކްލަބެއް މެދުވެރިވެގެން ޓެސްޓްކުރުން ކަހަލަ ގޮތަކަށް. އެއީ ރޭވިފައި އޮތްގޮތަކީ،" ޖަވާ ވިދާޅުވި އެވެ.
މީގެ ކުރިން އެފްއޭއެމުން މިދިޔަ ޖުލައި މަހު ގައުމީ ޓީމުގެ ޕްރެކްޓިސް ފެށުމުގެ ކުރިން ވެސް ވަނީ ހުރިހާ ކުޅުންތެރިން ކޮވިޑަށް ޓެސްޓްކޮށްފަ އެވެ.
ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ)އާ އެކު އެފްއޭއެމުން ބޭއްވި ގިނަ މަޝްވަރާތަކަށް ފަހު މިދިޔަ އޮކްޓޫބަރު މަހު ޓީމުތަކުގެ ޕްރެކްޓިސް ފަށަން ހުއްދަދިންއިރު، އެފްއޭއެމުން ވަނީ ނިއުނޯމަލްގެ އުސޫލުތަކަށް ކްލަބްތައް ފެއްތުމުގެ ގޮތުން ކޮންމެ ޓީމެއްގައި ހައިޖީން އޮފިޝަރެއް ކަނޑައަޅައިފަ އެވެ. އޭނާގެ ޒިންމާ އަކީ ކްލަބް ތެރޭގައި ކަންތައްތައް ދަނީ ކަނޑައަޅާފައިވާ ގައިޑްލައިންގެ ތެރެއިން ތޯ ކަށަވަރުކުރުމެވެ. އެގޮތުން ސީޒަން ފެށުމަށް ފަހު ވެސް ކޮވިޑްގެ ބަދަލުވަމުންދާ ހާލަތުގެ ތެރޭގައި ޓީމުގެ ކަންތައްތައް މޮނިޓާ ކުރުމުގެ ޒިންމާ އޮންނާނީ ހައިޖީން އޮފިސަރަށެވެ.
އެފްއޭއެމުން މިދިޔަ ހަފްތާގައި ވަނީ ފުރަތަމަ ޑިވިޝަންގެ ކްލަބްތަކާ އެކީ ބައްދަލުވުންތަކެއް ބާއްވައިފަ އެވެ. އެއްވެސް ވަރަކަށް ސަޕޯޓަރުން މެޗުތަކަށް ނުވައްދައި ކުޅެން ނިންމާފައިވާއިރު، މެޗުތަކަށް ވަދެވޭނެ މީހުންގެ އަދަދުތަކެއް ވެސް ވަނީ ކަނޑައަޅައިފަ އެވެ. އެ ގޮތުން މެޗު ކުޅޭ ދެ ޓީމުގެ އޮފިޝަލުންނަށް ވެސް ވަދެވޭނީ ކަނޑައަޅާފައިވާ އަދަދަކަށެވެ.