މިދިޔަ މަހު 35،000 އަށް ވުރެ ގިނަ ޓޫރިސްޓުން ރާއްޖެ އައި
މިދިޔަ މަހު 35،000 އަށް ވުރެ ގިނަ ޓޫރިސްޓުން ރާއްޖެ އައި

މިދިޔަ މަހު 35،000 އަށް ވުރެ ގިނަ ޓޫރިސްޓުން ރާއްޖެ ޒިޔާރަތްކުރި ކަމަށް މޯލްޑިވްސް އިމިގްރޭޝަން ސާވިސް އިން މިއަދު ބުނެފި އެވެ.

މިއީ ކޮވިޑް-19 އާ ގުޅިގެން ބޯޑަރު ބަންދުކުރުމަށް ފަހު މިދިޔަ ޖުލައި މަހު އަލުން ހުޅުވި ފަހުން އެންމެ ގިނަ ޓޫރިސްޓުން އައި މަހެވެ. ނޮވެމްބަރު މަހު 35،759 ޓޫރިސްޓުން އައި އިރު އޮކްޓޯބަރު މަހު ރާއްޖެ އައީ 21،515 ޓޫރިސްޓުންނެވެ. މިއީ 66 ޕަސެންޓުގެ އިތުރުވުމެކެވެ.

އިމިގްރޭޝަނުން އާންމުކުރި ތަފާސްހިސާބުތަކުން ދައްކާ ގޮތުގައި މިދިޔަ މަހު އެވްރެޖްކޮށް ދުވާލަކު 1،192 ޓޫރިސްޓުން އައެވެ. އެންމެ ގިނަ ޓޫރިސްޓުން އައި ދުވަހު 2،299 މީހުން އައި ކަމަށާއި އެންމެ މަދުން ޓޫރިސްޓުން އައި ދުވަހު އައީ 569 މީހުން ކަމަށް ވެސް އެތަނުން ބުންޏެވެ.

ކޮވިޑާ ގުޅިގެން ބޯޑަރުތައް ބަންދުކުރުމުގެ ކުރިން ދުވާލަކު އެވްރެޖްކޮށް 4،200 އެއްހާ ޓޫރިސްޓުން ރާއްޖެ އައެވެ.

މިދިޔަ މަހު އެންމެ ގިނަ ޓޫރިސްޓުން އައީ ރަޝިއާ އިންނެވެ. އެ ގައުމުން 8،581 ޓޫރިސްޓުން އައި އިރު ދެން އެންމެ ގިނަ ޓޫރިސްޓުން އައިސްފައި ވަނީ އިންޑިއާ އިންނާއި އިނގިރޭސިވިލާތުންނެވެ. އިންޑިއާ އިން ރާއްޖެއަށް 7،610 ޓޫރިސްޓުން އައި އިރު އިނގިރޭސިވިލާތުން އައިސްފައި ވަނީ 2،093 ޓޫރިސްޓުންނެވެ.

މި އަހަރު ނިމޭއިރު 500،000 ޓޫރިސްޓުން ރާއްޖެއަށް ޒިޔާރަތްކުރާނެ ކަމަށް ޓޫރިޒަމް މިނިސްޓްރީން ކުރިން ވަނީ ލަފާކޮށްފަ އެވެ. މިހާތަނަށް 455،000 ޓޫރިސްޓުން އައި އިރު އެ އަދަދު ހަމަވާން މި މަހު މަދުވެގެން 45،000 ޓޫރިސްޓުން އަންނަން ޖެހެ އެވެ.