04 ޑިސެމްބަރ 2020 - 18:36

އެއްވެސް ގުޅުމެއް ނެތި ކޮވިޑް-19 އަށް ޕޮޒިޓިވްވާ މީހުންގެ އަދަދު އެއްވަނަ އެލާޓަށް ވުރެ ވެސް ދަށްވެއްޖެ އެވެ.
ކޮވިޑަށް ޕޮޒިޓިވްވާ މީހުންނާ ގުޅޭ އެކި ތަފާސްހިސާބުތައް ހެލްތު ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ) އިން އަންނަނީ ހިއްސާކުރަމުންނެވެ. ކޮންމެ ދުވަހަކު ކޮވިޑަށް ޕޮޒިޓިވްވާ މީހުންގެ އަދަދު ދުވާލަކު އެއްފަހަރު އާންމު ކުރި ނަމަވެސް އެކިހަލަ ޓްރެންޑުތައް އެޗްޕީއޭ އިން އާންމުކުރަނީ ހަފްތާއަކު އެއް ފަހަރެވެ.
އެ އިދާރާ އިން އާންމުކުރި ހިސާބުތަކުން ފެންނަ ގޮތުގައި މިދިޔަ މަހުގެ 11-17 އާ ހަމައަށް އަދި 18-24 އާ ހަމައަށް އެއްވެސް ގުޅުމެއް ނެތި ކޮވިޑް-19 އަށް ޕޮޒިޓިވްވެފައި ވަނީ ހަފްތާއަކު 19 މީހުންނެވެ. އެ އަދަދު 20 އަށް ވުރެ ދަށްވުމުން އެއްވަނަ އެލާޓް ލެވެލް އަށް ވުރެ ދަށްވީ އެެވެ.
އޭގެ ކުރީ ހަފްތާގައި އެއްވެސް ގުޅުމެއް ނެތި ކޮވިޑަށް ޕޮޒިޓިވްވާ މީހުންގެ އަދަދު ހުރީ 22 ގަ އެވެ. މިއީ ކޮމިއުނިޓީ ސްޕްރެޑް ހުރި މިންވަރު ބަލަން ބޭނުންކުރާ އެއް ޓްރެންޑެވެ.
ފްލޫ ކްލިނިކުން ޕޮޒިޓިވިޓީ ރޭޓަކީ ވެސް ކޮމިއުނިޓީ ސްޕްރެޑް ހުރި މިންވަރު ބަލަން ބޭނުންކުރާ ހިސާބެކެވެ. ނަމަވެސް މި އަދަދު އަންނަނީ އިތުރުވަމުންނެވެ. މިދިޔަ މަހުގެ 18-24 އާ ދެމެދު އެ އަދަދު ވަނީ 11 ޕަސެންޓަށް އަރައިފަ އެވެ. އޭގެ ކުރީ ހަފްތާގައި އެ އަދަދު ހުރީ ނުވަ ޕަސެންޓުގަ އެވެ. މި ރޭޓު 10 ޕަސެންޓަށް ވުރެ މަތި ވެފައި ވާތީ ފްލޫ ކްލިނިކް ޕޮޒިޓިވިޓީ ރޭޓު ވަނީ ދެވަނަ އެލާޓަށް މިދިޔަ ހަފްތާގައި އަރައިފަ އެވެ.
ކޮވިޑަށް ޕޮޒިޓިވްވާ މީހުންގެ އަދަދު އާންމުކޮށް މިހާރު ހުންނަނީ ދުވާލަކު 50 ކޭހަށް ވުރެ މަދުންނެވެ. މި ބަލި ފެތުރޭ ވަރު ކޮންޓްރޯލްވެފައި ވި ނަމަވެސް އަދިވެސް ރައްކާތެރިކަމުގެ ފިޔަވަޅުތައް އެޅުމުގައި ފަރުވާކުޑަ ނުވާން އެޗްޕީއޭ އިން އަންނަނީ އިލްތިމާސްކުރަމުންނެވެ.
މި ބައްޔަށް ޕޮޒިޓިވްވާ މީހުންގެ އަދަދު 13،106 އަށް އަރާފައިވާ އިރު މިހާރު ފަރުވާ ހޯދަމުން އަންނަނީ 905 މީހުންނެވެ. ކޮވިޑް ޖެހިގެން މަރުވެފައި ވަނީ 47 މީހުންނެވެ.