05 ޑިސެމްބަރ 2020 - 08:09

އިންސާނުން އަލުން ހަނދަށް ފޮނުވަން އެމެރިކާ އިން ކުރިއަށް ގެންދާ އާޓެމިސް ޕްރޮގްރާމްގެ ރިސާޗްތަކަށް ހަނދުން ވެލި/ހިލަ ފަދަ މާއްދާތަކުގެ ސާމްޕަލް ގެނެސްދޭން އެމެރިކާގެ ޖައްވީ އިދާރާ ނާސާ އިން ކޮންރެކްޓް އުސޫލުން ކުންފުނިތަކަކާ ހަވާލުކޮށްފި އެވެ. އެކަމަކު ނާސާ އިން ދޭނީ ސާމްޕަލަކަށް އެންމެ ޑޮލަރެކެވެ.
މި މަސައްކަތް ހަވާލުކުރި ކުންފުނިތަކުގެ ތެރޭގައި ހިމެނެނީ ކޮލަރާޑޯގެ ލޫނާ އައުޓްޕޯސްޓާއި ކެލިފޯނިއާގެ މާސްޓެން ސްޕޭސް ސިސްޓަމްސް އާއި ޖަޕާނުގެ އައިސްޕޭސް އާއި އެ ކުންފުނީގެ ޔޫރަޕްގެ ސަބްސިޑަރީ އެވެ.
ހަނދުގެ ދެކުނު ތަނޑިން ވެލި/ހިލަ ގެންނަ ލޫނާ އައުޓްޕޯސްޓާ ހަވާލުކުރީ ގެންނަ ކޮންމެ ސާމްޕަލަކަށް އެއް ޑޮލަރު ދޭ ގޮތަށެވެ. އަދި މުޅި ޕްރޮޖެކްޓަށް ނާސާ އިން އެ ހަރަދުކުރާނީ 25،001 ޑޮލަރެވެ. ހަނދުން ގެނެސްދޭން ޖެހެނީ 50-500 ގްރާމްގެ "ވެއްޔެވެ."
ނާސާ އިން ބުނި ގޮތުގައި މި ޕްރޮޖެކްޓްގެ ހަރަދު ކުޑަވާ ސަބަބުތަކަކީ ހަނދުން "ވެލި" ގެންނަންޖެހޭ ހުރިހާ މަސައްކަތަކީ ސީީދާ އެކަމާ ހަވާލުކުރި ކުންފުނިތަކުން ކުރަން ޖެހޭ މަސައްކަތްތަކަށްވުމެވެ. އެހެންވެ "ވެލި/ހިލަ" އަށް ދޭން ޖެހޭ އަގު ފިޔަވައި އިތުރު އެއްވެސް ހަރަދެއް ނާސާއަކުން ނުކުރާނެ އެވެ.
"އެ ކުންފުނިތަކުން މި މަސައްކަތް ކުރިއަށް ގެންގޮސް ގެންނަ ތަކެއްޗާ ބެހޭ ސައްހަ ދަލީލުތަކާއި އޭގެ މައުލޫމާތުތައް އަހަރެމެންނާ ހިއްސާކުރާނެ،" ނާސާގެ ތަރުޖަމާނު ވިދާޅުވި އެވެ. "އަދި ހަނދުން ގެންނަ ތަކެތި ވާނީ ސީދާ ނާސާގެ މިލްކުވެރިކަން އޮންނަ އެއްޗަކަށް."
ލޫނާ އައުޓްޕޯސްޓުން ތަކެތި ގެންނަން ކުރާ މަސައްކަތް ކުރިއަށް ގެންދާނީ 2023 ގަ އެވެ. އެ ކުންފުނިން ވެއްޔާއި ހިލަ ގެންނާނީ ހަނދުގެ ދެކުނު ތަނޑިންނެވެ. މިކަމާ ގުޅޭ ތައްޔާރީތައް މިހާރު ވެސް އެ ކުންފުނިން އަންނަނީ ކުރަމުންނެވެ.
"ވަރަށް ގިނަ ލޭންޑާ ކޮމްޕެނީތަކާ އެކު އަހަރެމެން އެބަ މަޝްވަރާކުރަން،" ލޫނާ އައުޓްޕޯސްޓްގެ ސީއީއޯ ޖަސްޓިން ސައިރަސް ވިދާޅުވި އެވެ. "އުންމީދުކުރެވޭ ދެހާސް ތޭވީހުގެ ކުރިން ވެސް މި މިޝަން ކުރިއަށް ގެންދެވިދާނެ ކަމަށް."
ލޫނާ އައުޓްޕޯސްޓުން ވާހަކަ ދައްކަމުން އަންނަ ކުންފުނިތަކުގެ ތެރޭގައި އެމެޒޯންގެ ވެރިޔާ ޖެފް ބެޒޯސްގެ ބްލޫ އޮރިޖިން ހިމެނެ އެވެ.
ހަނދުން ސާމްޕަލްތަކެއް ގެންނަން ނާސާ އިން ބަޔަކާ ހަވާލު މި ކުރީ ޗައިނާގެ ޗަންގުއޫ-5 ހަނދުގެ މިޝަންގެ މުހިންމު މަރުހަލާއެއްގައި ސާމްޕަލް ހިފައިގެން ޖައްވީ އުޅަނދު ދުނިޔެ އަށް މިސްރާބު ޖަހާފައި ވަނިކޮށެވެ.
ނާސާގެ އަމާޒަކީ އާޓެމިސް ޕްރޮގްރާމްގެ ދަށުން 2024 ގައި ދެ ޖިންސްގެ ދެ އެސްޓްރޯނަޓަކު ހަނދަށް ފޮނުވުމެވެ.