04 ޑިސެމްބަރ 2020 - 17:11

ވޮޝިންޓަން (ޑިސެމްބަރު 4) - އެމަނިކުފާނުގެ ވެރިކަމުގެ ފުރަތަމަ 100 ދުވަހު އެމެރިކާގެ ރައްޔިތުން މާސްކް އަޅައިގެން އުޅުމަށް އިލްތިމާސް ކުރައްވާނެ ކަމަށް ރިޔާސީ އިންތިޚާބު ކާމިޔާބު ކުރެއްވި ޖޯ ބައިޑަން ވިދާޅުވެއްޖެ އެވެ.
ސީއެންއެންގައި ވާހަކަ ދައްކަވަމުން ބައިޑަން ވިދާޅުވީ މާސްކް އަޅައިގެން އުޅެފި ނަމަ ކޮރޯނާވައިރަސް ކޭސްތައް ވަރަށް ބޮޑަށް ދަށްކުރެވޭނެ ކަމަށެވެ. ބައިޑަން ވިދާޅުވީ ސަރުކާރުގެ ހުރިހާ އިމާރާތްތަކެއްގައި ވެސް މާސްކް އަޅައިގެން އުޅުމަށް އަންގަވާނެ ކަމަށެވެ. ގާނޫނީ ތަޖްރިބާކާރުން ބުނަނީ މާސްކް އަޅައިގެން އެމެރިކާގެ ރައްޔިތުން އުޅުމަށް އެންގުމުގެ ބާރު ގާނޫނީ ގޮތުން ބައިޑަން އަށް ލިބިވަޑައިގެންފައި ނުވާ ކަމަށެވެ. ބައިޑަން ވިދާޅުވީ އެމަނިކުފާނާއި ނައިބް ރައީސް ކަމަލާ ހަރިސް، މާސްކް އަޅައިގެން ނަމޫނާ ދައްކަވާނެ ކަމަށެވެ.
އެމެރިކާގައި މިހާތަނަށް ވަނީ 14.1 މިލިއަން މީހުން ކޮރޯނާވައިރަސް ޕޮޒިޓިވްވެ 276،000 މީހުން މަރުވެފަ އެވެ.
ބައިޑަން ވެރިކަމާ ހަވާލުވެވަޑައިގަންނަވަން ތައްޔާރުވެވަޑައިގަންނަވާ އިރު ބޭސް އުފައްދާ ކުންފުނިތަކުން މިހާރު ދަނީ ކޮރޯނާވައިރަހުގެ ވެކްސިން އުފައްދާ އެތައް މިލިއަން ޑޯޒެއް ގައުމުތަކަށް ފޮނުވަން ތައްޔާރުވަމުންނެވެ. އެމެރިކާގެ ފައިޒާ ކުންފުނިން އުފެއްދި ކޮރޯނާވައިރަހުގެ ވެކްސިނަށް ފުރަތަމަ ހުއްދަ ދިން ގައުމަކީ އިނގިރޭސިވިލާތެވެ.
ބައިޑަން ވިދާޅުވީ ވެކްސިން އަށް ހޭލުންތެރި ކުރުވުމުގެ ގޮތުން، އެންމެންނަށް ފެންނަ ގޮތަށް އެމަނިކުފާން ވެކްސިން ޖަހާނެ ކަަމަށެވެ. އެމެރިކާގެ ކުރީގެ ތިން ރައީސުން ކަމަށްވާ ބަރަކް އޮބާމާ، ޖޯޖް ޑަބްލިއު. ބުޝް އަދި ބިލް ކްލިންޓަން ވެސް ވަނީ އެ ގޮތަށް އަމަލު ކުރައްވާނެ ކަމަށް ވިދާޅުވެފަ އެވެ.
ބައިޑަން ވިދާޅުވީ އާ ސަރުކާރުގެ ކޮވިޑް-19 ޓީމުގައި ޗީފް މެޑިކަލް އެޑްވައިޒަރަކަށް ހުންނަވާނީ ޑރ. އެންތަނީ ފައުޗީ ކަމަށެވެ.