05 ނޮވެމްބަރ 2016 - 06:36

ސަންޖޭ ލީލާ ބާންސާލީގެ "ޕަދްމާވަތީ" ދީޕިކާ ޕަދުކޯން ކުޅެދެނީ 11 ކްރޯޑު (110 މިލިއަން ރުޕީސް) އަށް ކަމަށް އިންޑިއާގެ ނޫސްތަކުން ބުނެ އެވެ. މުޅި ދުނިޔެއިން ވެސް، އެންމެ ބޮޑު އާމްދަނީއެއް ލިބޭ ބަތަލާއިންގެ ލިސްޓުގައި ދީޕިކާގެ ނަން ހިމެނިފައިވެ އެވެ.
ފިލްމު އިންޑަސްޓްރީގެ ޚަބަރުތައް ބުނާ ގޮތުގައި ޕަދްމާވަތީގައި އަލާއުއްދީން ޚިލްޖީގެ ބައި އަދާކުރާ ރަންވީރު ސިންގަށް ލިބެނީ 8 ކްރޯޑު (80 މިލިއަން ރުޕީސް) އެވެ. މިއީ ދީޕިކާ އަށް ލިބޭ ވަރަށް ވުރެ ކުޑަ އަދަދެކެވެ.
"ބޭފިކްރޭ"ގެ ޝޫޓިންގައި ގިނަ ދުވަސްތަކެއް ވަންދެން އިންޑިއާ އިން ބޭރުގައި އުޅުމަށް ފަހު ރަންވީރު އައުމާ އެކު "ޕަދްމާވަތީ"ގެ ތަރިން ރަސްމީކޮށް ވަނީ އިއުލާންކޮށްފަ އެވެ. ކުރިން ވެސް މީޑިއާތަކުން ރިޕޯޓުކޮށްފައިވާ ގޮތަށް މި ފިލްމުގައި ދެ ބަތަލުން އުޅެ އެވެ. ރަންވީރު އާއި ޝާހިދު ކަޕޫރެވެ.
ދާދިފަހުން ރަންވީރު ދީފައިވާ އިންޓަވިއުއެއްގައި، ވަނީ ދީޕިކާގެ ފީ ބޮޑުކުރި ވާހަކައަށް ޖަވާބު ދީފައިވެ އެވެ. އޭނާ ބުނި ގޮތުގައި ފިލްމެއްގެ ލީޑް އެކްޓަރަކީ އޭނާ ކަމަށް ވެފައި އެ ފިލްމެއް އުފައްދާ ފަރާތުން ބަޖެޓަށް ލުޔެއް ދިނުމުގެ ގޮތުން އޭނާގެ ފީ ކުޑަކޮށްދޭން އެދިއްޖެ ނަމަ އޭނާ އެމީހަކަށް އެހީތެރިވެ އޭނާގެ ބުރަ ލުއިކޮށްދިނުމުގެ ގޮތުން އަގު ހެޔޮކޮށްދެ އެވެ. އެފަދަ ގޮތަކުން ނަމަވެސް އެ ފިލްމެއް އުފައްދާ މީހެއްގެ ހިތުގައި އޮތް ތަސައްވަރަކަށް މަސައްކަތްކުރުމުގައި އޭނާ އަށް ވެވުނު އެހީތެރިކަމެއް ދޭނެ ކަމަށް ވެސް ރަންވީރު ބުނެފައިވެ އެވެ.
"ޕަދްމާވަތީ"ގައި ދެވަނަ ބަތަލެއްގެ ރޯލު އަދާކުރާ ޝާހިދު ކަޕޫރާއި ރަންވީރުގެ މެދުގައި ވަރަށް ބޮޑު ރުޅިވެރިކަމެއް އޮތް ކަމަށް ވެސް ތަންކޮޅެއް ކުރިން ވާހަކަ ދެކެވިފައި ވާތީ އެކަމާ ބެހޭ ގޮތުން ވެސް ރަންވީރު ވާހަކަ ދެއްކި އެވެ.
ރަންވީރު ބުނީ އެ ވާހަކަތައް އިވިފައި ޝާހިދު އާއި އޭނާއަށް ވަރަށް ހެވުނު ކަމަށެވެ. އަދި އެ ދެ މީހުންގެ މެދުގައި އެއްވެސް މައްސަލައެއް ނޫޅޭ ކަމަށް ބުންޏެވެ.