03 ނޮވެމްބަރ 2016 - 15:06

ވޮޝިންޓަން (ނޮވެމްބަރު 3) - އަންނަ އަންގާރަ ދުވަހު އޮންނަ އެމެރިކާގެ ރިޔާސީ އިންތިޚާބުގައި މިހާތަނަށް 27 މިިލިއަން މީހުން ވޯޓުދީފައިވާ ކަމަށް ހިސާބުތަކުން ދައްކައިފި އެވެ.

އާލީ ވޯޓިން ނުވަތަ އެކި ސަބަބާ ހުރެ ވޯޓުލާ ދުވަހު ވޯޓު ނުލެވޭ މީހުންގެ ތެރޭން ކުރިން ވޯޓުދޭ މީހުންގެ އަދަދު އިތުރުވަމުންދާ އިރު އެއީ ޑިމޮކްރެޓިކް ކެންޑިޑޭޓް ހިލަރީ ކްލިންޓަނަށް ލިބޭ އެޑްވާންޓޭޖެއް ކަމަށް ތަޖްރިބާކާރުން ބުނެ އެވެ. ސަބަބަކީ އާލީ ވޯޓިންގައި ވޯޓުލާ ޑިމޮކްރެޓިކުންގެ އަދަދު އިތުރުވަމުންދާތީ އެވެ. އެމެރިކާގައި އެންމެ ފަހުން 2012 ވަނަ އަހަރު ބޭއްވި އިންތިޚާބުގައި ވޯޓުލާން ހަ ދުވަހަށްވެފައިވަނިކޮށް ވޯޓުލީ މީހުންނަށް ވުރެ މި ފަހަރު އެ މުއްދަތުގައި ވޯޓުލީ މީހުން ވަނީ 6.7 މިލިއަން އިތުރުވެފަ އެވެ.
އާލީ ވޯޓިންގެ ދިރާސާތައް ހައްދަވާ ބޭފުޅެއް ކަމަށްވާ ފްލޮރިޑާ ޔުނިވާސިޓީގެ މައިކަލް މެކްޑޮނަލްޑް ވިދާޅުވީ އާލީ ވޯޓިންގައި ނެވާޑާ، ވާޖީނިއާ އަދި ކޮލަރާޑޯގައި ހިލަރީ ކުރީގައި އުޅުއްވާ ކަމަށެވެ.
އެމެރިކާގެ އިންތިޚާބު ކާމިޔާބު ކުރާނެ ކެންޑިޑޭޓަކާ ގުޅޭ ގޮތުން ނަގަމުންދާ ޚިޔާލު ހޯދުންތަކުން ވޮޝިންޓަން ޕޯސްޓް/އޭބީސީގެ އެންމެ ފަހުގެ ސާވޭތަކުގައި ޑޮނަލްޑް ޓްރަމްޕް ވަނީ ހިލަރީއާ އެއް ޕޮއިންޓަށް ކައިރި ކުރަައްވައިފަ އެވެ. ކުރިން ނެގި ޚިޔާލު ހޯދުންތަކުން ދައްކާ ގޮތުގައި ދެ ކެންޑިޑޭޓުންގެ މެދުގައި ފަސް ޕޮއިންޓުގެ ފަރަގެއް ހުއްޓެވެ.