ޗެމްޕިއަންސް ލީގުގެ ބަދަލު: 10 މެޗުގެ ގްރޫޕް ސްޓޭޖެއް
ޗެމްޕިއަންސް ލީގުގެ ބަދަލު: 10 މެޗުގެ ގްރޫޕް ސްޓޭޖެއް

ލަންޑަން (ޑިސެމްބަރު 4) - ޔޫރަޕްގެ އެންމެ މަޝްހޫރު ކްލަބް ފުޓްބޯޅަ މުބާރާތް ކަމަށްވާ ޗެމްޕިއަންސް ލީގުގެ ފޯމެޓް 2024 ވަނަ އަހަރުން ފެށިގެން ބަދަލު ގެންނަން ޔުއެފާ އިން މަޝްވަރާކުރަމުން އަންނައިރު، މި ވަގުތު ގިނަ ބަޔަކަށް އެންމެ ކަމުދާ މޮޑެލަކީ 10 މެޗުގެ ގްރޫޕް ސްޓޭޖެއް ކުޅެން ލިބޭ ގޮތަށް ރޭވިފައިވާ ފޯމެޓް ކަަމަށް ރިޕޯޓްތައް ބުނެފި އެވެ.

ޗެމްޕިއަންސް ލީގު ރިފޯމްކުރަން ނިންމި އެންމެ ބޮޑު ސަބަބަކީ ދުނިޔޭގެ މަހުޖަނުންތަކެއް ބޭނުންވެގެން ފުޓްބޯޅައިގެ މަޝްހޫރު ހުރިހާ ކްލަބެއް ހިމަނައި ސުޕަ ލީގެއް ވުޖޫދުކުރަން އުޅޭ މަސައްކަތް ހުއްޓުވުމެވެ.

އިނގިރޭސި ނޫހެއް ކަމަށްވާ "ދި ޓައިމްސް" އިން ރިޕޯޓްކުރާ ގޮތުގައި ޔުއެފާ އިން މި ވަގުތު ކްލަބްތަކާ އެންމެ ބޮޑަށް މަޝްވަރާކުރަމުން އަންނަނީ ސްވިސް މޮޑެލް ގޮތަށް މުބާރާތް ބޭއްވުމަށެވެ. އެ ގޮތުން ޑްރޯއެއް ބާއްވައިގެން ޗެމްޕިއަންސް ލީގުގައި ކުޅޭ 32 ޓީމުން ކޮންމެ ޓީމަކަށް 10 މެޗު ކުޅެން ލިބޭނެ އެވެ. އެ 10 މެޗުން އެންމެ ގިނަ ޕޮއިންޓް ހޯދާ ގަދަ 16 ޓީމެއް ދާނީ ދެ ވަނަ ބުރަށެވެ. އެ ބުރުގައި ކުޅޭނީ އެއް ވަނަ ދާ ޓީމާއި 16 ވަނަ އަށް ދާ ޓީމު އަދި ދެ ވަނަ އަށް ދާ ޓީމާއި 15 ވަނައިގައި ނިންމާ ޓީމު ކަހަލަ ގޮތަކަށެވެ.

ދެން ލީގުގެ 17 އިން 24 އާ ދެމެދު ނިންމާ ކްލަބްތަކަށް ޔޫރޮޕާ ލީގުގެ ޖާގަ ލިބޭ ގޮތަށް ހެދުމަށާއި އޭގެ ފުލުން ނިންމާ އަށް ޓީމު މުބާރާތުން ކަޓާ ގޮތަށް ވެސް ހަދާނެ ކަމަށް ރިޕޯޓްތައް ބުނެ އެވެ.

މި ވަގުތު ކުރިއަށްދާ ފޯމެޓަކީ 32 ޓީމު އަށް ގްރޫޕަކަށް ބަހާލުމަށް ފަހު ކޮންމެ ޓީމަކަށް ގްރޫޕް ސްޓޭޖުގައި ހަ މެޗު ކުޅެން ދިނުމަށް ފަހު އެންމެ ގިނަ ދެ ޕޮއިންޓް ހޯދާ ދެ ޓީމު ގަދަ 16 ބުރަށް ގޮސް އެ ހިސާބުން ނޮކައުޓް މުބާރާތެއްގައި ކުޅޭ ގޮތަށެވެ. އަދި ގްރޫޕް ސްޓޭޖުގެ ތިން ވަަނަ އަށް ދާ ޓީމަށް ޔޫރޮޕާ ލީގުގެ ޖާގަ ލިބޭ ގޮތަށް އޮތްއިރު، އެންމެ ފުލުގައި އޮންނަ ޓީމު މުބާރާތުން ކަޓާނެ އެވެ.

ޗެމްޕިއަންސް ލީގުގެ ފޯމެޓް ބަދަލުކުރަން އެންމެ ފުރަތަމަ ހުށަހެޅުނު ޕްރޮޕޯސަލުގައި އޮތީ އަށް ޓީމުގެ ހަތަރު ގްރޫޕަށް ހެދުމަށް ފަހު ގްރޫޕް ސްޓޭޖުގައި ކޮންމެ ޓީމަކަށް 14 މެޗު ލިބޭ ގޮތަށް ހެދުމަށެވެ. އެކަމަކު މާ ގިނަ މެޗުތަކެއް މުބާރާތުގައި ކުޅެން ޖެހި ޝެޑިއުލް ރޭވުމުގައި ދަތިތަކެއް ދިމާވާނެތީ އެ ޕްރޮޕޯސަލް ވަނީ އަނބުރާ ފޮނުވާލައިފަ އެވެ.

ޔޫރަޕްގެ 29 ގައުމެއް ތަމްސީލުކުރާ ޔޫރަޕިއަން ލީގު އެސޯސިއޭޝަންގެ ޗެއާމަން ލާސް-ކްރިސްޓާ އޮލްސަން ވިދާޅުވީ ފަހުން ހުށަހެޅުނު ސްވިސް ސިސްޓަމްގެ ގްރޫޕް ސްޓޭޖުގައި 10 މެޗު ލީގު ސިސްޓަމަށް ކުޅޭ ގޮތަށް އޮތް ޕްރޮޕޯސަލާ މެދު ގިނަ ކްލަބްތަކުންނާއި މެމްބަރު އެސޯސިއޭޝަންތަކުން އަންނަނީ ވަރަށް ފުންކޮށް ވިސްނަމުންނެވެ.

އޮލްސަން ވިދާޅުވީ ޗެމްޕިއަންސް ލީގުގައި މެޗުތައް އިތުރު ކުރުމަކީ މާލީ ގޮތުން ބަލާއިރު ފައިދާ ބޮޑު ކަމަކަށް ވެދާނެ ކަމަށާއި އެކަމަކު ވިސްނަން ޖެހޭ ކަމަކީ އާ ފޯމެޓެއް ހަދާއިރު މީގެ ކްލަބްތަކާއި ކުޅުންތެރިންނަށް ލޯޑު ބޮޑުވާނެ ގޮތަކަށް ނުރޭވުމަށް ކަމަށެވެ.

ޗެމްޕިއަންސް ލީގުގެ އާ ފޯމެޓާ ބެހޭގޮތުން ލަސްވެގެން އަންނަ އަހަރުގެ ކުރިން ގޮތެއް ނިންމަން ޔުއެފާ އިން ވަނީ ޓާގެޓްކޮށްފަ އެވެ. އެއީ އާ ފޯމެޓަށް ކުޅެން ފެށޭނީ ދެ އަހަރު އެ އުސޫލަށް ހޭނެން ފުރުސަތު ދިނުމުގެ ގޮތުންނެވެ.